Roadha Mihaaru
"ބިދޭސީންނަށް އެކަނި އެކޮމޮޑޭޝަން އެލަވަންސް ދެވޭނެ"

ބިދޭސީން މުވައްޒަފުންނަށް އެކަނި އެކޮމޮޑޭޝަން އެލަވަންސް ދިނުމަކީ ތަފާތު ކުރުމެއް ނޫން: ސުޕްރީމް ކޯޓް

28 ޖެނުއަރީ 2021

ބިދޭސީ މުވައްޒަފުންނަށް އެކޮމޮޑޭޝަން ހަމަޖައްސައި ދިނުމަށް ފަހު، ދިވެހި މުވައްޒަފުންނަށް އެ އެލަވަންސް ނުދިނުމަކީ ތަފާތު ކުރުމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބިދޭސީ މުވައްޒަފުންނަށް އެކޮމޮޑޭޝަން ހަމަޖައްސައި ދިނުމަށް ފަހު، ދިވެހި މުވައްޒަފުންނަށް އެ އެލަވަންސް ނުދިނުމަކީ ތަފާތު ކުރުމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފި އެވެ.

ކުރިން މޯލްޑިވިއަން އެއާ ޓެކްސީ އަދި ފަހުން ނަން ބަދަލުކޮށްފައިވާ ގޮތުން ނަމަ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ބިދޭސީ ޕައިލެޓުންނާއި ފަސްޓް އޮފިސަރުންނަށް އެކޮމޮޑޭޝަން އެލަވަންސްގެ ގޮތުގައި 900 ޑޮލަރު ދިނަސް، އެ މަގާމުތަކުގައި ތިބި ދިވެހިންނަށް އެފަދަ އެލަވަންސެއް ނުދޭތީ އޭގެ ތެރެއިން 22 ދިވެހިި މުވައްޒަފަކު 2010 ވަނަ އަހަރު އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ޓްރައިބިއުނަލުން އެންގީ ބިދޭސީ މުވައްޒަފުންނަށް އެކޮމޮޑޭޝަން އެލަވަންސް ދޭ އެ އުސޫލުން ދިވެހިންނަށް ވެސް އެކޮމޮޑޭޝަން އެލަވަންސް ދޭން ޖެހޭނެ ކަމަށެވެ.

އެކަމަކު 2012 ވަނަ އަހަރު ހައި ކޯޓުން ވަނީ ޓްރައިބިއުނަލްގެ ނިންމުން ބާތިލްކޮށް، ތަފާތު ދެ ހާލަތެއްގައި ތިބި ބަޔަކާ މެދު އެއް މިންގަނޑުން އަމަލު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. ހައި ކޯޓުން އޭރު ނިންމާފައިވަނީ ބިދޭސީންނާއި ދިވެހިންނަކީ އެއް ހާލަތެއްގައި ތިބި ބައެއް ކަމަށް ނުބެލެވޭނެ ކަމަށާއި ތަފާތު ކަމެއް ހުރި ބައެއްގެ މެދުގައި ތަފާތު ކުރުމަކީ ތަފާތު ކުރުމެއް ނޫން ކަމަށެވެ.

އެ މުވައްޒަފުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ މޯލްޑިވިއަން އެއާ ޓެކްސީގެ ބިދޭސީ މުވައްޒަފުންނަށް އެކޮމޮޑޭޝަން އެލަވަންސް އޭރު ދެމުން އައީ 2009 ވަނަ އަހަރު އަމަލުކުރި ބިދޭސީން ވަޒީފާގައި ގެންގުޅުމުގެ ގަވާއިދުގެ ދަށުން އެކަން ލާޒިމު ކުރާތީ ކަމަށެވެ. ގާނޫނުން ބާރު ލިބިގެން ހަދާ ގަވާއިދުތަކަކީ ގާނޫނުގެ ބާރު ލިބިގެންވާ އެއްޗަކަށް ވާތީ، އެ ގަވާއިދަށް އަމަލު ކުރުން ޓީއެމްއޭގެ މައްޗަށް ލާޒިމުވާ ކަމަށާއި އެ ގަވާއިދުގައިވާ ގޮތުގެ މަތިން ބިދޭސީ މުވައްޒަފުންނަށް އެކޮމޮޑޭޝަން އެލަވަންސް ދިނުމަކީ ތަފާތު ކުރުމަކަށް ނުވާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެ އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ލިޔުއްވި ހުކުމަށް ތާއީދު ކުރެއްވުމުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު އެ ހުކުމުގައި އިތުރަށް ވިދާޅުވެފައި ވަނީ މޯލްޑިވިއަން އެއާ ޓެކްސީން ބިދޭސީ މުވައްޒަފުންނަށް އެކަނި އެކޮމޮޑޭޝަން އެލަވަންސް ދިނީ ގަވާއިދުން އެގޮތަށް ލާޒިމު ކުރާތީ ކަމަށެވެ. އެއީ ދިވެހި މުވައްޒަފުންނާ މެދު ތަފާތު ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަން ސާބިތު ނުވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

އެހެންވެ، ހައި ކޯޓުގެ ހުކުމަށް ތާއީދުކުރީ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަލަ ބެއްލެވ ބެންޗުގައި ދެން އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.