Roadha Mihaaru
މިސްކިތު ފަންޑަށް ފުރަތަމަ ދުވަހުން ތިން ލައްކަ ރުފިޔާ

މާލޭގެ މިސްކިތްތައް ޗާލުކުރުމަށް އެހީވާ ފަންޑަށް ފުރަތަމަ ދުވަހު ވެސް ތިން ލައްކަ ރުފިޔާ

07 ޖެނުއަރީ 2023

މާލޭގެ މިސްކިތްތައް މަރާމާތުކުރާނެ ފައިސާ ހޯދަން މާލޭ ސިޓީ ކައުންސިލުން ގާއިމުކުރި "ޗާލު މިސްކިތް" ފަންޑަށް ފުރަތަމަ ދުވަހު ވެސް ތިން ލައްކަ ރުފިޔާ އާންމުން ދީފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މާލޭގެ މިސްކިތްތައް މަރާމާތުކުރާނެ ފައިސާ ހޯދަން މާލޭ ސިޓީ ކައުންސިލުން ގާއިމުކުރި "ޗާލު މިސްކިތް" ފަންޑަށް ފުރަތަމަ ދުވަހު ވެސް ތިން ލައްކަ ރުފިޔާ އާންމުން ދީފި އެވެ.

މިސްކިތްތައް މަރާމާތުކުރަން މި ހަފުތާ ބަންދާ ދިމާކޮށް، އިއްޔެ ހުޅުވި ފަންޑް ރައިޒިން އިވެންޓް ސިޓީ ކައުންސިލުން ބާއްވަމުން ދަނީ އާޓިފިޝަލް ބީޗުގަ އެވެ.

އެ ކައުންސިލުން މިއަދު ބުނި ގޮތުގައި، އެ ހަރަކާތުގެ ފުރަތަމަ ދުވަހު އާންމުންގެ ފަރާތުން ފަންޑަށް 313,397.90 ރުފިޔާ ހުށަހެޅި އެވެ.

ކުޑަކުދިންގެ ހަވީރަކާއެކު ބާއްވަމުންދާ އެ ހަރަކާތުގެ އެންމެ ފަހު ދުވަހަކީ މިއަދެވެ. ސިޓީ ކައުންސިލުން ބުނީ މިއަދު އެ ހަރަކާތް ބާއްވާނީ ހެނދުނު 9:00 އިން ހަވީރު 6:00 އާ ހަމައަށް ކަމަށެވެ.

މިސްކިތްތައް މަރާމާތު ކުރަން އެހީދޭން ބޭނުންވާ މީހުން ކައުންސިލުގެ ވެބްސައިޓް މެދުވެރިކޮށް އެހީ ދެވޭނެ އެވެ. އަދި އޮންލައިންކޮށް ޓްރާންސްފާކޮށްގެން ވެސް އެހީ ދެވޭނެ އެވެ.

ކައުންސިލުގެ ބެލުމުގެ ދަށުން މާލޭގެ މިސްކިތްތައް ބަލަހައްޓައި މަރާމާތު ކުރަމުން އަންނައިރު، ބަޖެޓްގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް އެ ކައުންސިލުން ބުނެ އެވެ. އެހެންވެ، އެކި މަސައްކަތްތައް ނުކުރެވި ލަސްވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވި ގޮތުގައި ސަރުކާރުން މިސްކިތްތައް މަރާމާތު ކުރުމަށް އެއް މިލިއަން ރުފިޔާ ދިނެވެ. ކައުންސިލުން ކުރިން އެކަމަށް 10 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވީ ނަމަވެސް، ގާތްގަނޑަކަށް 14 މިލިއަން ހަރަދުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފަންޑް ރައިޒިން އިވެންޓު ބާއްވާތީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ކަންބޮޑުން ފާޅުކުރައްވައިފަ އެވެ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި މިނިސްޓަރު ވިދާޅުވެފައި ވަނީ 2020 ވަނަ އަހަރު ވެސް އެއް މިލިއަން ރުފިޔާ ދޫކޮށް، އެ ފައިސާ ބޭނުންކުރާ ގޮތުގެ ރިޕޯޓު ހުށަހެޅުމަށް އެންގި ނަމަވެސް އެ ރިޕޯޓް ކައުންސިލުން ނުފޮނުވާ ކަމަށެވެ. އެ ފައިސާ ކައުންސިލުގައި ހުރި ކަމަށް ފަހުން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރަށް ވެސް ދެ މިލިއަަން ރުފިޔާ އެކަމަށް ބަޖެޓުކޮށް، ސިޓީ ކައުންސިލަށް އެކަން އެންގި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު، ފައިސާ ދޫނުކޮށް، ހިނގާ ހަރަދުތަކުގެ ބިލްތައް ފޮނުވުމުން ފައިސާ ހަމަޖެހޭނެ ކަމަށް އެންގި ނަމަވެސް، އެ ފަހަރު ވެސް މިނިސްޓްރީއާ އެކަމާ ގުޅިގެން މުއާމަލާތެއް ނުކުރާ ކަމަށް ވިދާޅުވި އެވެ.