Roadha Mihaaru
ނީލަންފިހާރަ އަލިފާން: ދެ ސްކޫލެއްގެ ކިޔެވުން ބަންދު

ނީލަން ފިހާރަ އަލިފާން: އިމާދުއްދީނާއި އިއްޒުއްދީން ސްކޫލުގެ ކިޔެވުން ބަންދު

09 ޖެނުއަރީ 2023

ނީލަން ފިހާރައިގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ ސްކޫލެއްގެ ކިޔެވުން މިއަދު މެދުކަނޑާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ނީލަން ފިހާރައިގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ ސްކޫލެއްގެ ކިޔެވުން މިއަދު މެދުކަނޑާލައިފި އެވެ.

ނީލަން ފިހާރަ ސަރަހައްދުގައި ހުންނަ އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލުގެ ކިޔެވުން މިއަދަށް މެދުކަނޑައިލުމުގެ ކުރިން، ސެޝަންތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރި އެވެ. އެގޮތުން އިއްޒުއްދީން ސްކޫލުގެ ކިޔެވުން ހެނދުނު 10 ގައި ފަށަން އަދި އިމާދުއްދީންގެ ކުދިންގެ ވެސް ހެނދުނުގެ ސެޝަންގެ ކިޔެވުން ލަސްކުރަން ނިންމި އެވެ.

ނަމަވެސް އެ ސަރަހައްދަށް ފެތުރިފައިވާ ދުންގަނޑު އާދަޔާ ހިލާފަށް ގިނަވުމާއި އަލިފާނުގައި ހާލުގައި ޖެހުނު 150 އަށް ވުރެ ގިނަ ބިދޭސީންގެ ވަގުތީ ހިޔާއަކަށް މި ވަގުތަށް އިމާދުއްދީން ސްކޫލު ބޭނުންކުރާތީ މިއަދަށް ކިޔެވުން މެދުކަނޑާލަން ނިންމީ އެވެ.

އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް، ނާދިރާ ހަސަން "މިހާރު" އަށް ވިދާޅުވީ އެ ސްކޫލުގެ ކިޔެވުން ފަހުން ފަށަން ނިންމި ނަމަވެސް ދުމުގެ އަސަރާ ހެދި މިއަދު ކިޔަވައި ނުދިނުމަށް ނިންމީ ކަމަށެވެ.

"ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމުން، ޓީޗަރުންނާއި ދަރިވަރުންގެ ސިއްހަތަށް ވިސްނާފައި ނިންމީ [ކިޔެވުން] ބަންދުކުރަން،" ނާދިރާ ވިދާޅުވި އެވެ.

އެކަމަކު، އޭނާ ވިދާޅުވީ މާދަމާ އެ ސްކޫލުގެ ކިޔެވުން ފަށާނެ ކަމަށެވެ.

އަލިފާނުގައި ހާދިސާއާ ގުޅިގެން ވަގުތީ ހިޔާއަށް ބަދަލުކުރި ސިޓީ ކައުންސިލްގެ މުވައްޒަފުން.-- ފޮޓޯ: ސިޓީ ކައުންސިލް

އަލިފާނުގައި ހާދިސާއާ ގުޅިގެން ވަގުތީ ހިޔާއަށް ބަދަލުކުރި ސިޓީ ކައުންސިލްގެ މުވައްޒަފުން.-- ފޮޓޯ: ސިޓީ ކައުންސިލް

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިމާދުއްދީން ސްކޫލުގެ ކިޔެވުން ވެސް މިއަދު ނޯންނާނެ ކަމަށެވެ. ސަބަބަކީ ހާލުގައި ޖެހުނު މީހުންގެ ވަގުތީ ހިޔާއަކަށް މިހާރު ބޭނުންކުރަނީ އިމާދުއްދީން ކަމަށް ވުމެވެ. މިހާރު ވެސް ހާލުގައި ޖެހިފައިވާ ގިނަ ބަޔަކު އިމާދުއްދީން ސްކޫލުގެ ގޯތިތެރޭގައި އެބަތިއްބެވެ.

މާލޭގައި ހުންނަ ނީލަން ފިހާރައިގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާ މިހާރު ކޮންޓްރޯލް ކޮށްފައި ވާއިރު އެ ތަނާ އިންވެގެން ހުންނަ މާލެ ސިޓީ ކައުންސިލްގެ އެކޮމަޑޭޝަން ބްލޮކް ވެސް ވަނީ އެއްކޮށް އަނދައިފަ އެވެ. ރޯވި އަލިފާން ނިއްވާލާފައިވާ ނަމަވެސް ދުމުގެ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފަ އެވެ.