Roadha Mihaaru
ނީލަންފިހާރަ އަލިފާން: 166 މީހަކު ހާލުގައި ޖެހިފައި

އަލިފާނުގައި ކައުންސިލްގެ 166 މުވައްޒަފުން ހާލުގައި ޖެހިފައި!

09 ޖެނުއަރީ 2023

ނީލަން ފިހާރާގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ 166 ބިދޭސީއަކު ހާލުގައި ޖެހިއްޖެ ކަމަށް ކައުންސިލުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ނީލަން ފިހާރާގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ 166 ބިދޭސީއަކު ހާލުގައި ޖެހިއްޖެ ކަމަށް ކައުންސިލުން ބުނެފި އެވެ.

މާލޭގެ ދެކުނު ފަރާތު، ކުރީގެ އެއް ނަމްބަރު ކުނިކޮށި ހިމެނޭ "ނީލަން ފިހާރަ" އިގައި އަލިފާން ރޯވީ ފަތިހު 5:30 ހާއިރު އެވެ. ނީލަން ފިހާރައާ ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލް މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކްތައް ވެސް އެއްކޮށް ވަނީ އަނދައި ހުލިވެފަ އެވެ.

އެ ތަނުގައި ދިރިއުޅެމުން އައީ ސިޓީ ކައުންސިލުން ބުނިގޮތުގައި ބަންގްލަދޭޝްގެ 165 މީހަކާއި އިންޑިއާގެ އެކެކެވެ.

އަލިފާން ރޯވީ ފަތިސް ގަޑީގައި ކަމަށް ވުމުން އޭގެ ތެރެއިން ބައެއް މީހުން ތިބީ ފަތިސް ނަމާދަށް މިސްކިތަށް ގޮސްފަ އެވެ. އަނެއް ބަޔަކު އުޅުނީ ޑިއުޓީގަ އެވެ. އެހެންވެ، އަލިފާން ރޯވި ވަގުތު ހުރިހާ އެންމެންނެެއް އެކޮމަޑޭޝަން ބްލޮކްތަކުގައި ނެތެވެ.

އެ ސަރަހައްދުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ، އަލިފާންގަނޑު ބޮޑަށް ފެތުރުމުގެ ކުރިން އެކޮމަޑޭޝަން ބްލޮކްތަކުން މީހުން ނެރުނީ ކަމަށެވެ.

"ބައެއް މީހުން ގަދަކަމުން ކަހަލަ ގޮތަކަށް ނެރުނީ. އެ މީހުން ވެސް ތިބީ ވާނުވާ ނޭނގިފައި. އެއްވެސް މީހަކަށް ނަސީބަކުން އަނިޔާއެއް ނުވޭ،" އެ މީހާ ބުންޏެވެ.

މާލޭގެ މޭޔަރު ޑރ. މުއިއްޒު، ހާލުގައި ޖެހުނު މީހުންގެ މައުލޫމާތު ނައިބު ރައީސް ފައިސަލަށް މިއަދު އިމާދުއްދީން ސްކޫލުގައި ދެއްވަނީ.---ފޮޓޯ: ސިޓީ ކައުންސިލް

މާލޭގެ މޭޔަރު ޑރ. މުއިއްޒު، ހާލުގައި ޖެހުނު މީހުންގެ މައުލޫމާތު ނައިބު ރައީސް ފައިސަލަށް މިއަދު އިމާދުއްދީން ސްކޫލުގައި ދެއްވަނީ.---ފޮޓޯ: ސިޓީ ކައުންސިލް

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް ވިދާޅުވީ އެ މުވައްޒަފުންނަށް ވަގުތީ ހިޔާވަހިކަން ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އަދި ގޮތެއް ހަމަޖެހިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ތަނެއް ހަމަޖައްސަން. އެހާ ގިނަ މުވައްޒަފުންވީމާ އަޅުގަނޑުމެންނަށް ވެސް ނެތް މި ވަގުތު ހަމަޖައްސައި ދެވޭކަށް. ވަރަށް ކަންތައް ބޮޑުވެފައި މި ތިބީ. އެންޑީއެމްއޭ އިން ވެސް މަސައްކަތް ކުރަނީ ތަނެއް ހަމަޖައްސަން،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، މިހާރު ކުރާ މަސައްކަތަކީ އެ މީހުންނަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ ކަންކަން ކަމަށެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ސިޓީ ކައުންސިލާއި ރެޑްކްރެސެންޓް ގުޅިގެން އެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސިޓީ ކައުންސިލްގެ މުވައްޒަފުން މިވަގުތު ތިބީ އިމާދުއްދީންް ސްކޫލުގަ އެވެ. ބައެއް މީހުން ތިބީ އެކޮމަޑޭޝަން ބްލޮކްތަކުން ނެރެވުނު ބައެއް ސާމާނުތައް ހިފައިގެން ގޮހެވެ. އަނެއްބައި މީހުންގެ ހުރިހާ ސާމާނެއް ވަނީ އެއްކޮށް އަނދައި އަޅިއަށް ވެފަ އެވެ.