Roadha Mihaaru
މަދިރިއަށް ޑެންގީ ނުޖެހޭނެ ގޮތެއް ހޯދައިފި

މަދިރިއަށް ޑެންގީ ނުޖެހޭނެ ގޮތެއް ސައިންސްވެރިން ހޯދައިފި

17 ޖެނުއަރީ 2017

މަދިިރިއަށް ޑެންގީ ނުޖެހޭނެ ގޮތަކަށް ޖެނެޓިކް ބަދަލުތަކެއް ގެނެވޭނެ ގޮތެއް ހޯދިއްޖެ ކަމަށާއި މިއީ ޑެންގީ ކޮންޓްރޯލްކުރުމުގައި ކޮންމެވެސް ދުވަހަކުން ކާމިޔާބުކަމާ ހޯދޭނެ ކަމުގެ އުންމީދެއް ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މަދިިރިއަށް ޑެންގީ ނުޖެހޭނެ ގޮތަކަށް ޖެނެޓިކް ބަދަލުތަކެއް ގެނެވޭނެ ގޮތެއް ހޯދިއްޖެ ކަމަށާއި މިއީ ޑެންގީ ކޮންޓްރޯލްކުރުމުގައި ކޮންމެވެސް ދުވަހަކުން ކާމިޔާބުކަމާ ހޯދޭނެ ކަމުގެ އުންމީދެއް ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ޖޯންސް ހޮޕްކިންސް ބްލޫމްބާގް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ސައިންސްވެރިންގެ ޓީމަކުން ބުނީ ޑެންގީ ފަތުރާ އީޑިސް މަދިރީގެ ހަށިގަނޑުގައި ޑެންގީގެ ވައިރަހަށް ނޫޅެވޭނެ ގޮތަކަށް މަދިރީގެ ހަށިގަނޑަށް ޖެނެޓިކް ބަދަލުތަކެއް ކާމިޔާބުކަމާ އެކު ގެނެވިފައިވާ ކަމަށެވެ.

ޑެންގީ ފެތުރެނީ އެ ބަލި ޖެހިފައިވާ މީހެއްގެ ގައިން މަދިރި ލޭ ބޮއެގެން ގޮސް އެހެން މީހެއްގެ ގައިގައި ހެފުމުންނެވެ. އެހެންވެ މަދިރީގެ ހަށިގަނޑުގައި ޑެންގީގެ ވައިރަހަށް ނޫޅެވޭނެ ގޮތެއް ހެދުމަކީ ބަލި ކޮންޓްރޯލްކުރުމުގައި ވަރަށް ބޮޑު އެހީއަކަށް ވާނެ އެވެ.

މުޅި ދުނިޔޭގައި ކޮންމެ އަހަރަކު 96 މިލިއަން މީހުންނަށް ޑެންގީ ޖެހެ އެވެ. އޭގެ ތެރެއިން 20،000 މީހުން މަރުވާއިރު ގިނައީ ކުޑަކުދިންނެވެ.

"ޑެންގީ ފަތުރާ މަދިރީގެ އާބާދީ، ޖެނެޓިކް ގޮތުން ބަދަލު ގެނެސްފައިވާ މަދިރިއަށް ބަދަލުކޮށްލެވިއްޖެ ނަމަ މި ވައިރަސް ފެތުރުން ހުއްޓުވިދާނެ. މިއީ އެ އަމާޒަށް ވާސިލްވުމުގެ ފުރަތަމަ ފިޔަވަޅު،" ދިރާސާގައި އިސްކޮށް ހުންނެވި، ހޮޕްކިންސްގެ މޮލެކިއުލާ ބަޔޮލޮޖީ އަދި އިމިއުނޮލޮޖީގެ ޕްރޮފެސަރެއް ކަމަށްވާ ޖޯޖް ޑިމޮޕޮލަސް ވިދާޅުވި އެވެ.

ޖެނެޓިކް ގޮތުން މަދިރީގެ ހަށިގަނޑަށް ގެންނަ ބަދަލުތަކުގެ ސަބަބުން އެސޮރުމެންގެ ހަށިގަނޑު ޑެންގީއާ ދެކޮޅަށް ވަރަށް ވަރުގަދައަށް މަސައްކަތްކުރެ އެވެ. އެކަމަކު ޒިކާ އާއި ޗިކުންގުންޔާ ފަދަ ބަލިތަކާ ދެކޮޅަށް މަސައްކަތެއް ނުކުރެ އެވެ. ޕްރޮފެސަރު ވިދާޅުވީ މިއީ ހިތްހަމަޖެހޭ ފަދަ ނަތީޖާއަކަށް ނުވި ކަމުގައި ވިޔަސް މި މަސައްކަތުގައި މަދިރީގެ ހަށިގަނޑު މަސައްކަތްކުރާ ގޮތާއި އެކި ބަލިތަކާ ދެކޮޅަށް ހަށިގަނޑު މަސައްކަތްކުރާ ގޮތް ދެނެގަނެވިއްޖެ ކަމަށެވެ.

ސައިންސްވެރިންގެ ޓީމުން ބުނީ ޑެންގީ ނުޖެހޭ މަދިރި އާލާކޮށް ބޭރަށް ދޫކުރެވޭ ހިސާބަށް ދާނީ އަދި ދިހަވަރަކަށް އަހަރު ނުވަތަ އެއަށް ވުރެ ވެސް ގިނަ ދުވަސް ފަހުން ކަމަށެވެ.

މި ދިރާސާ ޕްލޮސްގެ ނެގްލެކްޓެޑް ޓްރޮޕިކަލް ޑިޒީޒަސްގެ މި މަހުގެ 12 ވަނަ ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.