Roadha Mihaaru
މަދިރި އިންސާނުންނަށް ޝައުގުވެރި ނުވާ ގޮތެއް ހޯދައިފި

މަދިރި އިންސާނުންނަށް ޝައުގުވެރި ނުވާ ގޮތެއް ހޯދައިފި

02 އެޕްރީލް 2019

މަދިރި އިންސާނުންގެ ގައިން ލޭ ބޯން ޝައުގުވެރިވަނީ ގައިން ދުވާ ވަހެއްގެ ސަބަބުންކަން ސައިންސްވެރިން މީގެ އަހަރުތަކެއް ކުރިން ވެސް ހޯދައިފަ އެވެ. ސައިންސްވެރިޔަކު މިހާރު މި ވަނީ އިންސާނުންގެ ގައިން މަދިރި އަށް އެ ވަސް ދެނެގަނެ، އިންސާނުންނަށް ޝައުގުވެރިކުރުވާ ޖީން އެޑިޓްކޮށް މަދިރީގެ އުޅުން އެއްކޮށް ބަދަލުކޮށްލައިފަ އެވެ.

މަދިރި އިންސާނުންގެ ގައިން ލޭ ބޯން ޝައުގުވެރިވަނީ ގައިން ދުވާ ވަހެއްގެ ސަބަބުންކަން ސައިންސްވެރިން މީގެ އަހަރުތަކެއް ކުރިން ވެސް ހޯދައިފަ އެވެ. ސައިންސްވެރިޔަކު މިހާރު މި ވަނީ އިންސާނުންގެ ގައިން މަދިރި އަށް އެ ވަސް ދެނެގަނެ، އިންސާނުންނަށް ޝައުގުވެރިކުރުވާ ޖީން އެޑިޓްކޮށް މަދިރީގެ އުޅުން އެއްކޮށް ބަދަލުކޮށްލައިފަ އެވެ.

މިއީ މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތަކުން އެތައް ބަޔަކު ސަލާމަތްކޮށް، އެތައް މިލިއަން ފުރާނައެއް ސަލާމަތްކުރެވިދާނެ ހޯދުމެއްގެ ގޮތުގައި ވަނީ ގަބޫލުކުރެވިފަ އެވެ.

މަދިރި އިންސާނުންގެ ގައިން ލޭ ބޯން ޝައުގުވެރިވަނީ ގައިން ހިއްލާ ދަލުގައި ހުންނަ ލެކްޓިކް އެސިޑުގެ ވަހަށެވެ. ފްލޮރިޑާ އިންޓަނޭޝަނަލް ޔުނިވަސިޓީގެ ލެބޯޓަރީ އޮފް ޓްރޮޕިކަލް ޖެނެޓިކްސްގައި ކުރި ދިރާސާގައި ވަނީ ޑެންޑީ އާއި ޒިކާ ވައިރަސް ފަދަ ނުރައްކާތެރި ބަލިތައް ފަތުރާ އީޑިސް މަދިރި އަށް ލެކްޓިކް އެސިޑުގެ ވަސް ދެނެގަނެވޭ "ރިސެޕްޓާ" ހޯދައިފަ އެވެ.

"މި ހޯދަން މަސައްކަތްކުރާތާ މިހާރު ސާޅީސް އަހަރު ވެއްޖެ،" މި މުހިންމު ހޯދުމުގައި އިސްކޮށް ހުންނެވި ބަޔޮލޮޖިސްޓް މެތިއު ޑިޖެނާރޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަދިރި ޝައުގުވެރިވަނީ ލެކްޓިކް އެސިޑުގެ ވަހަށްކަން 1960ގެ ތެރޭގައި ވެސް ހޯދިފައިވާ ކަމަށާއި އެކަމަކު މަދިރީގެ ދިރާސާތައް ކުރި ސައިންސްވެރިންނަށް އޭރު ޖެނެޓިކްސްއާ ބެހޭ މައުލޫމާތު އެއްކުރެވިފައި ނެތުމުން، މަދިރި ލެކްޓިކް އެސިޑަށް ޝައުގުވެރިވާ ގޮތެއް ހޯދިފައި ނުވަނީ ކަމަށެވެ.

ޑިޖެނާރޯ 2013 ވަނަ އަހަރު ވަނީ އިންސާނުންގެ ވަހަށް ޝައުގުވެރިވާ ޖެނެޓިކްސް މަދިރީގެ ހަށިގަނޑުން ކާމިޔާބުކަމާ އެކު އުނިކޮށްފަ އެވެ. އޭގެ ފަހުން އެތައް ބައިވަރު މަދިރިއެއްގައި މިގޮތަށް ހެދި އެވެ. އަދި ފަހުން އޭނާގެ ޕީއެޗްޑީ ދަރިވަރެއް ކަމަށްވާ ހޮޝުއާ ރާޖީ އަށް، މަދިރީގެ މި ހާއްސަ ރިސެޕްޓާ އިތުރަށް ދިރާސާކުރުމަށް ހަވާލުކުރި އެވެ. މި ދިރާސާގައި މަދިރީގެ މި ރިސެޕްޓާ އަށް ބަދަލު ގެނައުމުން، އިންސާނުންނަށް މަދިރީގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ކުޑަވެގެން ދިޔަކަން ވަނީ އެނގިފަ އެވެ.

އެއްވެސް ބަދަލެއް ގެނެސްފައި ނުވާ މަދިރި އާއި މިއުޓޭޓްކޮށްފައިވާ މަދިރި އަށް ރާޖީގެ އަތް ދީގެން، އޭގެ ތެރެއިން ލޭ ބޮނީ ކޮން މަދިރިތަކެއްތޯ ބެލި އެވެ. މިގޮތުން، މިއުޓޭޓްކޮށްފައިވާ އެއްވެސް މަދިރިއެއް ފުރަތަމަ ހަތަރު މިނެޓް ތެރޭ އަތުގައި ނުއިށިންނަކަން ފާހަގަކުރެވުނެވެ. މިގޮތަށް އެކި ފަހަރު އެކި ގޮތަށް ޓެސްޓްކުރުމުން ވެސް ނިކުންނަނީ ހަމަ އެއް ނަތީޖާއެކެވެ.

އިންސާނުންގެ ވަސް ދެނެގަތުމުގެ ރިސެޕްޓާ މަދިރީގެ ހަށިގަނޑުގައި ބަދަލުކުރުމުން، އެ މަސައްކަތް ކުރާނެ އެހެން ރިސެޕްޓާއެއް މަދިރީގައި ނެތްކަން ވެސް ވަނީ އެނގިފަ އެވެ.

މި މުހިންމު ހޯދުމާ އެކު ސައިންސްވެރިން ބުނީ މަދިރި އަށް އިންސާނުންގެ ގައިން ވަސް ދެނެގަނެވޭ ރިސެޕްޓާ އަށް ހުރަސް އެޅޭނެ އެހެން ވަހެއް އުފައްދައިގެން މަދިރި ދުރުކުރެވޭނެ ކަމަށެވެ. އެހެންވެ މިހާރު އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ މިކަމަަށެވެ.