Roadha Mihaaru
ޗިކުންގުންޔާ އާއި ޑެންގީއާ ދެކޮޅު ކެމްޕޭނެއް ފަށައިފި

ޗިކުންގުންޔާ އާއި ޑެންގީއާ ދެކޮޅަށް ކެމްޕެއިނެއް ފަށައިފި

01 އެޕްރީލް 2019

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޗިކުންގުންޔާ އާއި ޑެންގީ ހުން އާދަޔާ ހިލާފަށް ފެތުރޭތީ، މަދިރިއާ ދެކޮޅު ކެމްޕޭނެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ފަށައފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޗިކުންގުންޔާ އާއި ޑެންގީ ހުން އާދަޔާ ހިލާފަށް ފެތުރޭތީ، މަދިރިއާ ދެކޮޅު ކެމްޕޭނެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ފަށައފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ މިދިޔަ އަހަރާ އަޅާކިޔާ އިރު، މިއަހަރުގެ މިހާތަނަށް ޑެންގީ އާއި ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

"ފާއިތުވެ ދިޔަ ތިން އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް، ޑެންގީ ޖެހިފައިވާ މީހުންގެ އަދަދު އިތުރުވެފައިވޭ. މި އަހަރުގެ މިހާތަނަށް 1،300 މީހުންނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައި ވާއިރު، މިދިޔަ އަހަރުގެ މިހާތަނަށް ރިޕޯޓުކުރެވިފައިވަނީ 376 މީހުން،" ސްޓޭޓް މިނިސްޓަރު ޒުހައިރު ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް ޑެންގީ ހުން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ރ، އދ، އަދި ލ. އަތޮޅުންނެވެ. އަދި އެ ތިން އަތޮޅުގެ އިތުރުން ހދ. އަތޮޅުގައި ވެސް މިދިޔަ މާޗު މަހު މި ބަލި އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ޗިކުންގުންޔާ ވެސް މި އަހަރު ރާއްޖޭގައި އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ބަލީގެ އައުޓްބްރޭކެއް އެންމެ ފަހުން ރާއްޖެ އަށް އައިސްފައި ވަނީ 2006 ވަނަ އަހަރު ކަމަށާއި މި އަހަރުގެ މިހާތަނަށް 421 މީހުންނަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑިއޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްސަލް ވާހަކަދައްކަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑިއޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްސަލް ވާހަކަދައްކަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެޗްޕީއޭގެ އެޕިޑެމިއޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްސަލް ވިދާޅުވީ ކޮންމެ އަހަރު ތިން ދުވަސްވަރެއްގައި ޑެންގީ ފަދަ ބަލިތައް ރާއްޖޭގައި އިތުރުވާ ކަމަށެވެ. އަހަރުގެ ކުރީ ކޮޅަށް އަންނަ ޕީކް ނިމުމަށް ފަހު ދެން މި ބަލި އިތުރުވާނެ ކަމަށް ލަފާ ކުރެވެނީ މެއި، ޖޫން އަދި ޖުލައި ހިސާބުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކެމްޕެއިން މިހާ ދުރާލާ މި ލޯންޗުކުރުމުގެ އެއް މަގްސަދު އެއީ އެ ދުވަސްވަރަށް ތައްޔާރުވާން،" ޑރ. އަފްސަލް ވިދާޅުވި އެވެ.

މަދިރީގެ ސަބަބުން ފެތުރޭ ބަލިތަކާއި މަދިރި ނައްތާލަން ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރަން ފެށި މި ކެމްޕެއިން މި މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މި ކެމްޕެއިން ކުރިއަށް ގެންދަން ރާވާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި އެކި މުއައްސަސާތަކާ ގުޅިގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި ހުރިހާ އަތޮޅުތަކެއްގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ކައުންސިލްތަކުން ވެސް މި ކެމްޕެއިންގައި ބައިވެރިވާނެ އެވެ.

މި ބަލިތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތެއް ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ރާވާފައިވެ އެވެ. އަދި އާންމުންނަށް ހާއްސަ ހައި ލެވަލް އެޑްވޮކަސީ ފޯރަމަކާއި ރިސޯޓުތަކަށް އަމާޒުކޮށްގެން އިންޓަގްރޭޓެޑް ޕެސްޓް މެނޭޖްމެންޓް ކޮންފަރަންސެއްގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާ ގުޅިގެން ބިދޭސީން މަސައްކަތްތެރިންނަށް ހާއްސަ ހަރަކާތްތަކެއް ވެސް ހިންގަން ރާވާފައިވެ އެވެ.