Roadha Mihaaru
ނިހާއީ ހުކުމެއް ނެތުމުން ނަރީޝް ހުންނެވީ ހަނު

އާރަށު މައްސަލައިގެ އިސްތިއުނާފު ނުނިމޭތީ ނަރީޝް ހުންނެވީ ހަނު

10 ޖެނުއަރީ 2023

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގައި ދޮގުހެކިބަސް ދިން ކަމުގެ ތުހުމަތުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ފުލުހަށް ހާޒިރު ކުރުމުން ހުންނެވީ ހަނު ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގައި ދޮގުހެކިބަސް ދިން ކަމުގެ ތުހުމަތުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ފުލުހަށް ހާޒިރު ކުރުމުން ހުންނެވީ ހަނު ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.

އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި މައްސަލާގައި ޔާމީނަށް ކުރި ދައުވާތަކާ ގުޅިގެން އެމަނިކުފާނުގެ ފަރާތުން ދިފާއުގައި ބުނެފައި ވަނީ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް އަތުން ގަތް ޑޮލަރު ކަމަށެވެ. އެކަމަށް ބާރުދީ ހެކިބަސް ދިން މީހުންގެ ތެރޭގައި ނަރީޝް ހިމެނެ އެވެ.

އެހެންނަމަވެސް، އެއީ އުފައްދައިގެން ދިން ދޮގު ހެކިބަހެއް ކަމަށް ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވި ހުކުމުގައިވާއިރު، އެކަމާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ރޭ 8:00 އަށް ނަރީޝް ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފަ އެވެ. އޭނާ ހާޒިރުވުމުން މިހާރު އޭނާގެ މައްޗަށް ރަސްމީކޮށް ތުހުމަތު ވަނީ އިއްވައިފަ އެވެ.

ނަރީޝްގެ ގާނޫނީ ވަކީލު ހުސްނީ މުބާރިކް "މިހާރު" އަށް ވިދާޅުވީ، ރޭ ނަރީޝް ފުލުހުންގެ އިދާރާ އަށް ގެންދިޔުމުން އޭނާ ހުންނެވީ ހަނު ކަމަށެވެ.

ހުސްނީ ވިދާޅުވި ގޮތުގައި، ހަނު ހުންނަވަން ނިންމެވީ ނަރީޝް ދޮގު ހެކިބަސް ދިން ކަމަށް ބުނާ އާރަށު މައްސަލައިގެ އިސްތިއުނާފީ މަރުހަލާ ނިމި ނިހާއީ ހުކުމެއް ނެތުމުންނެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުރި ހުކުމް އަދި ހައި ކޯޓުން ނުވަތަ އޭގެ ފަހުން ސުޕްރީމް ކޯޓުން ވެސް ބާތިލު ކުރުމުގެ ފުރުސަތެއް އޮންނާނެ އެވެ. އެހެންކަމުން، ނަރީޝްގެ ފަރާތުން ދެކޭ ގޮތުގައި، ނިހާއީ ނޫން ނިންމުމެއްގައި އޭނާގެ މައްޗަށް ތަހުގީގެއް ހިންގައި، އަދަބެއް ނުދެވޭނެ އެވެ.

އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ހ. ދޫވެހިން ނިކުމެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ހ. ދޫވެހިން ނިކުމެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ނަރީޝް ހެކިބަސް ދެއްވަމުން ވިދާޅުވެފައި ވަނީ އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ދިވެހި ރުފިޔާ ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން އެ މަނިކުފާނުގެ ގެކޮޅުގައި އަތުން ގުނުމަށް ފަހު ކާރެއްގައި ގެންގޮސް ޔޫސުފް ނައީމާ ހަވާލުކުރެއްވި ކަމަށެވެ. އަދި ޔޫސުފް ނައީމާ އެ ފައިސާ ހަވާލުކުރެއްވުމަށް ފަހު ވެސް އަނެއްކާ އެ ފައިސާ އަތުން ގުނި ކަމަށް ހެކި ބަސް ދެއްވި އެވެ.

ނަރީޝްގެ މައްޗަށް ދޮގު ހެކިބަސް ދިން ކަމުގެ ތުހުމަތު ފުލުހުން ކުރަނީ އާރަށު މައްސަލައިގެ ހުކުމުގައި ޔާމީންގެ ދިފާއީ ހެކީން އުފައްދައިގެން ދޮގުހެކިބަސް ދީފައިވާ ކަމަށް ކަނޑައަޅާފައިވުމުންނެވެ. ހުކުމް ކުރުމުން ފުލުހުން ވަނީ ދޮގު ހެކިބަސް ދިން ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމާ މެދު ދިރާސާ ކުރަން ފަށައިފަ އެވެ.

އާރަށު މައްސަލައިގެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ޔާމީންގެ ވަކީލުން ކުރިން ވިދާޅުވެފައިވާ ނަމަވެސް، އަދިވެސް އިސްތިއުނާފު ކުރަން މައްސަލަ ހައި ކޯޓަށް ހުށައެއްނޭޅެ އެވެ. ޔާމީންގެ ވަކީލުން ވިދާޅުވާ ގޮތުގައި، އިސްތިއުނާފު ތައްޔާރު ކުރަން ބޭނުންވާ ޝަރީއަތް ނިމުނު ގޮތުގެ ތަފުސީލު ރިޕޯޓާއި ޝަރީއަތުގައި ދެއްކި ވާހަކަތައް ހިމެނޭ މަހުލަރު ބަޔާން އަދިވެސް ކްރިމިނަލް ކޯޓުން ނުދެ އެވެ. އިސްތިއުނާފު ކުރަން ހުށަހަޅަން އޮންނަނީ 60 ދުވަހެވެ.

ނަރީޝްގެ އިތުރުން ހެކިބަސް ދިން އެހެން ބައެއް މީހުންގެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. އެކަމަކު އެ މީހުން އަދި ތަހުގީގަށް ހާޒިރެއް ނުކުރެ އެވެ. އޭގެ ތެރޭގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ކުރީގެ ވަޒީރު އަހްމަދު ޒުހޫރު ވެސް ހިމެނެ އެވެ.