Roadha Mihaaru
ކްރިކް ރިޒާގެ ބައި އަނބުރާ ގެންދަން ޕީޖީން އެދިއްޖެ

ޔާމީންގެ ޝަރީއަތް މަޑުޖެހޭތީ ކްރިކް ރިޒާގެ ބައި އަނބުރާ ގެންދަން ޕީޖީން އެދިއްޖެ

12 ޖުލައި 2023

ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ދިނުމުގެ ދައުވާކުރާ އަހްމަދު ކްރިކް ރިޒާއާ ހެދި އެ ޝަރީއަތް މަޑުޖެހިފައިވާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ދިނުމުގެ ދައުވާކުރާ އަހްމަދު ކްރިކް ރިޒާއާ ހެދި އެ ޝަރީއަތް މަޑުޖެހިފައިވާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ކުރިކް ރިޒާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާ ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ.

އަދި ރިޒާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކެއްގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ގެންދަނީ އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުން ކަމަށެވެ. އެއީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒްގެ އޯޑިއޯއެއް ކަމަށް ބުނެ ރިޒާ ހުށަހެޅި ހެއްކެކެވެ.

"ކުރިކް ރިޒާގެ ބައިގައި ދިމާވި މި ހާލަތާ ގުޅިގެން އެބައި ވަކިން ކޯޓުގައި ކުރިއަށްގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގު ގާނޫނީ ގޮތުން އޮތީ ބަންދުވެފައި،" ޝަފީއު ވިދާޅުވި އެވެ.

މި މައްސައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި, މިފަދަ މައްސަލައެއްގައި ދައުވާލިބޭ އެކެއްގެ ބައިގައި ދިމާވި ހާލަތަކާ ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވި ވުމަކީ އާންމު މަސްލަހަތު އޮތް ގޮތް ކަމަށް ނުފެންނަ ކަމަށް ޝަފީއު ވިދާޅުވި އެވެ.

އެހެންކަމުން، ޝަފީއު ވިދާޅުވީ ކުރިކް ރިޒާ ހުށަހެޅި ހެކިތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް, އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ފޮނުއްވައިދެއްވުމަށް އެދިފައިވާ ކަމަށެވެ.

ހެކިބަސް ނެގުމުގެ މަރުހަލާގައި މި ޝަރީއަތް އޮތްއިރު މި ހާލަތުގައި އޮތް ދައުވާއެއް އަނބުރާ ގެނެވޭނީ އެކަމަށް ކޯޓުން ހުއްދަ ދީފިނަމަ އެވެ.

ފުއްގިރި މައްސަލާގެ ޝަރީއަތް މިދިޔަ މަހުން ފެށިގެން ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ. އެއީ ކްރިކް ރިޒާ ބަލިވެ އުޅޭތީ އެވެ. މި މަހަށް ވެސް ފުލުފުލުގައި އަޑުއެހުންތައް ތާވަލުކޮށްފައި އޮތަސް، އެއްވެސް އަޑުއެހުމެއް ނުބޭއްވުނީ ކްރިކްގެ ބަލި ހާލަތު ހުރީ ކޯޓަށް ހާޒިރު ވެވެން ނެތް ކަމަށް ބުނެ މެޑިކަލް ހުށަހަޅާފައި ވާތީ އެވެ.

ނަމަވެސް، އެ މެޑިކަލް ރިޕޯޓާ ގުޅޭ ގޮތުން މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

މި މެޑިކަލް ރިޕޯޓްގެ ސައްހަކަން ދައުލަތުން ކަށަވަރުކުރަން އައިޖީއެމްއެޗަށް ހުށަހެޅުމުން ފޮނުވި ސިޓީއެއްގައި އެއީ އެންމެ ރަނގަޅު އުސޫލުތަކުގެ ތެރެއިން ދީފައިވާ ރިޕޯޓެއް ނޫން ކަމަށް ބުނެފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ މެޑިކަލް ދޫކުރީ އެހެން ތަނަކުން ހަދާފައިވާ ޓެސްޓުތަކަކަށް ބިނާކޮށް ކަމަށާއި އެކަމަކު ޝަރީއަތުގެ ބޭނުމަށް މެޑިކަލް ރިޕޯޓް ދޫކުރުމުގައި އަމަލުކުރާނެ އުސޫލެއް ނެތުމުން އެ ރިޕޯޓް ދޫކޮށްފައި ވަނީ އެންމެ ރަނގަޅަށް ކަމަށް ނުފެންނަ ކަމަށެވެ.

އައިޖީއެމްޗުން އެ ސިޓީގައި ބުނެފައިވާ ގޮތުގައި، އެފަދަ މެޑިކަލް ރިޕޯޓްތައް ދޫކުރުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަަވައިލާނެ އެވެ. އައިޖީއެމްއެޗްގެ މި ސިޓީ ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން މިހާރު ވަނީ ޝަރީއަތުގެ ސަމާލުކަމަށް ގެނެސް، އެކަމާ ފިޔަވަޅު އަޅައިދިނުމަށް އެދިފައިކަން ވަނީ އެނގިފަ އެވެ.

ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ވެސް ކުރެ އެވެ.

މި ޝަރީއަތް އަވަސް އަވަހަށް އަދި ގިނަ ވަގުތު ހޭދަވާ ގޮތަށް ކުރިއަށް ގެންދާތީ ޔާމީންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި މި ޝަރީއަތުގެ ސަބަބުން، ޔާމީން މިހާރު ތަންފީޒުކުރަމުން ގެންދާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ ޝަރީއަތް ލަސްވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.