Roadha Mihaaru
ނަޝީދު ނިންމެވީ ޕްރައިމަރީއަށް ޝާހިދު ނެރެން؟

ނަޝީދު ނިންމެވީ ޕްރައިމަރީއަށް ޝާހިދު ނެރެން؟

11 ޖެނުއަރީ 2023

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ އެމްޑީޕީގެ ޓިކެޓަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނުކުންނެވުމަށް ހުށަހަޅުއްވައި އެކަމަކު އޭނާ ނުކުރެއްވުމުން ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބަހުގެ ހަމަލާއެއް އިއްޔެ އަމާޒުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ އެމްޑީޕީގެ ޓިކެޓަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނުކުންނެވުމަށް ހުށަހަޅުއްވައި އެކަމަކު އޭނާ ނުކުރެއްވުމުން ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބަހުގެ ހަމަލާއެއް އިއްޔެ އަމާޒުކުރައްވައިފި އެވެ.

މި މަހުގެ 28 ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވަނީ އެންމެ ގާތް އެކުވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެވެ. ޕާޓީގެ އެތެރޭގެ ފޯރިގަދަ މި އިންތިހާބުގައި ޝާހިދުގެ ތާއީދު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އެ މަނިކުފާނުގެ ކެމްޕެއިންގައި ވެސް އެންމެ އިސްކޮށް، އަމަލީ ގޮތުން ވެސް ޝާހިދު އުޅުއްވަ އެވެ.

ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު ދެވަނަ ވިސްނުމެއް ގެންގުޅުއްވިކަން ފުރަތަމަ ފަހަރަށް ހާމަކުރައްވަމުން ނަޝީދު ރ. ދުވާފަރުގައި އިއްޔެ ވިދާޅުވީ އެ މަނިކުފާނުގެ ޗޮއިސްއަކަށް ވީ ޝާހިދު ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ނަޝީދު އެމްޑީޕީގެ ޓިކެޓަށް ވާދަ ނުކުރައްވަފާނެ ކަމުގެ އަޑުގަދަވީ، އެމްޑީޕީގެ ކޮންގްރެސްގައި ފާސްކުރަން ބޭނުންވި ބަރުލަމާނީ ގަރާރު، މަޝްވަރާ އަށް މަޑުޖައްސާލާ ގޮތަށް ނިންމުމުންނެވެ.

އޭގެ ފަހުން، އެކި ބައްދަލުވުންތަކުގައި ވާހަކަފުޅު ދެއްކެވި ގޮތުން އެ މަނިކުފާނު ވާދަކުރައްވަފާނެތޯ އެމްޑީޕީގެ އާއްމު މެމްބަރުން ސުވާލު އުފެއްދެވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުން ރަނގަޅު ނޫން ކަމަށާއި ވެރިކަމަށް ރުކުން ހަމަވާ ބޭފުޅަކީ ޝާހިދު ކަމަށް ވެސް ނަޝީދު ކުރިން ވިދާޅުވެފައިވެ އެވެ.

އަޅުގަނޑު މި ފަހަރު ނުކުތުމުގެ ކުރީގައި, އަނެއްކާ ފަހުން ވެސް ޝާހިދަށް ދެންނެވިން, ޝާހިދު ބޭނުންވެ ވަޑައިގަންނަވަންޏާ އަޅުގަނޑު މިކަން ކުރާކަށް ނޫޅޭނަމޭ. ދެން އެހެން ނަމަވެސް އަޅުގަނޑަކަށް ހިއެއް ނުވޭ އެ ބޭފުޅުންނަކީ ނުކުމެ ވާދަކުރައްވާ ބާވަތުގެ ބޭފުޅުންހެން. އެހެންވީމާ އެކަން ނުކުރެއްވީ. -- ނަޝީދު

ޕްރައިމަރީގެ ކުރިން ހިނގި ކަންކަން ސަޕޯޓަރުންނާ ހިއްސާ ކުރައްވައި ނަޝީދު ވިދާޅުވީ، ޝާހިދު ޕްރައިމަރީ އަށް ނުކުމެވަޑައިގަތުމަށް ހުށަހެޅުއްވި ކަމަށެވެ. އެކަމަކު ޝާހިދަކީ ވެސް ނުކުމެވަޑައިގެން ވާދަކުރައްވާ ބާވަތުގެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ [ޝާހިދު] ނުކުރެއްވީ. އަޅުގަނޑަކީ ނުކުމެ ވާދަކުރާ ކަހަލަ މީހެއް. އެހެންވެ އަޅުގަނޑު ނުކުމެ މިހިރީ ވާދަކުރަން," ނަޝީދު ވިދާޅުވި އެވެ.

އެހެން ވިސްނުމަކަށް ދާން ޖެހުނީ, އެ މަނިކުފާނު ވިދާޅުވިގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ނުދެއްވާނެ ކަމަށް ބުނާ މީހުން މާ ގިނަވުމުންނެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބަށް ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސްވެރިން ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން--- ފޮޓޯ: އެމްޑީޕީ

ލޯކަލް ކައުންސިލްގެ އިންތިޚާބަށް ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސްވެރިން ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން--- ފޮޓޯ: އެމްޑީޕީ

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ 39,000 މީހުން ވަކިކުރުމަކީ ވިޔާނުދާ ކަމެކެވެ. އެކަން އާއްމު މެމްބަރުންނަކަށް ބަލައިނުގަނެވޭ ކަމަށް ވިދާޅުވި އެވެ.

"މާ ގިނައިން އަޅުގަނޑަށް އަޑު އިވެނީ އަންނި ދެން ބުންޏަކަސް އިބޫއަކަށް ވޯޓެއް ނުދޭނަމޭ. އަދި ގެޔަށް ދިޔައީމާ ވެސް އާއިލާ, ގާތްތިމާގެ މީހެއް ކައިރިއަށް ދިޔައީމާ ވެސް ބަލާބަލާށޭ ކޮށްގެން ހުރި ކަންތައް އެ ހިސާބުން ފަށައިގަންނަނީ," ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި 2018ގެ ރިޔާސީ އިންތިހާބު ކުރިމަތިވި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ލީޑަރުންގެ މައްޗަށް ކޯޓުން އިއްވި ހުކުމްތަކާ އެކު ގިނަ ބަޔަކު ތިބީ ބަންދުގަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ނަޝީދު ވިދާޅުވީ އިންތިހާބަށް އެ ވަގުތު ނެރެވޭނެ އެއްވެސް ލީޑަރަކު ނެތުމުން، އެމްޑީޕީ ވެސް ހިމެނޭ ގޮތުން އެއްބަސްވެވުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރެން ކަމަށެވެ. ސަރުކާރު ބަަދަލުކުރަން އެ ވަގުތު ޖެހޭ ކަމަށާއި އެކަން ކުރެވިފައި އޮތީ ރަނގަޅަށް ކަމަށް ވެސް ދެކެވަޑައިގަންނަވާ ކަަމަށް ވިދާޅުވި އެވެ.

"އޭރު ވަކި ކެންޑިޑޭޓެއްގެ ވާހަކަ ޖުމްހޫރީ ޕާޓީންނާއި އެމްއާރުއެމްއިންނާއި އަދާލަތަކުން ނުބުނޭ. އެމްޑީޕީގެ ކެންޑިޑޭޓަކު ނުކުންނަން އެ މީހުން ބުނީ. އަޅުގަނޑު ވިސްނީ އެމްޑީޕީގެ ކެންޑިޑޭޓުންގެ ގޮތުގައި ދެ ބޭފުޅަކު ފާހަގަވޭ އޭރު. އެއީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހިންނަވަރު މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް," ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ބޮޑަށް ބެލީ ތި ބޭފުޅުންނާއި އެމްޑީޕީގެ އަބަދުވެސް މެމްބަރެއްގެ ގޮތުގައި ހުރި މީހަކު އެމްޑީޕީއަށް ފަސޭހަވާނެއޭ އެކަން ކުރަން. ޝާހިދު އަރިހުގައި އަޅުގަނޑު ދެންނެވިން އަޅުގަނޑަކަށް ނެތޭ ޝާހިދަށް ތާއީދުކޮށްދެވޭކަށް."

ނަޝީދު ވިދާޅުވި ގޮތުގައި މި ޕްރައިމަރީ އަށް ނުކުންނެވުމުން ހުރިހާ ރަށަކުން ވެސް ފެންނަނީ އެ މަނިކުފާނު އިންތިހާބުކުރަން ބޭނުންވެފައި ތިބި ވަރެވެ. އެމްޑީޕީގެ މެމްބަރުންނާ އެކު އެ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ޕްރައިމަރީގެ ހުށަހެޅުމެއްގައި ޝާހިދާ އެކު މަޝްވަރާ ކުރެއްވި ކަަމަށް ނަޝީދު ވިދާޅުވި ނަމަވެސް މިފަދަ އެއްވެސް ކަމެއް ހިނގި ކަމަށް ޝާހިދު މިހާތަނަށް ވިދާޅެއް ނުވެ އެވެ. މިކަމުގައި ޝާހިދުގެ ބަހެއް ވެސް އަދި ނުލިބެ އެވެ. "މިހާރު" އިން މިއަދު ގުޅުމުން ޝާހިދު ޖަވާބެއް ނުދެއްވަ އެވެ.

އދ. ގެ އާއްމު މަޖިލީހުގެ ރައީސް ކަމުގެ ދައުރު ހަމަވުމުން، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ޝާހިދު ވާދަކުރައްވަފާނެ ކަމަށް ބައެއް ބޭފުޅުން ލަފާކުރެއްވި އެވެ. އެކަމަކު ޝާހިދު ވިދާޅުވީ އިތުރު މަގާމަކަށް އޭރު ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ޝާހިދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު: ޕްރައިމަރީގައި ޝާހިދުގެ ތާއީދު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޝާހިދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު: ޕްރައިމަރީގައި ޝާހިދުގެ ތާއީދު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭގެ ފަހުން ޝާހިދު ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތުތަކަށް ތާއީދު ކުރައްވައި އެ މަނިކުފާނަށް ދެ ވަނަ ދައުރެއް ދޭން ޖެހޭ ސަބަބުތައް ވިދާޅުވެ ދެއްވަމުންނެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެތްތެރި، ކުޅަދާނަ ވެރިކަން ބާއްވަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ނިންމާނީ އަނެއްކާ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ބައިންދާފައި،" އދ. ގެ 76 ވަނަ މަޖިލިހުގެ ރައީސްކަން ކުރެއްވި ޝާހިދު ވިދާޅުވެފައިވެ އެވެ.