Roadha Mihaaru
ދޮޅު އަހަރު ނިމިއްޖެ، ޚިޔާނާތުގެ ތަހުގީގެއް ނުނިމުނު!

ދޮޅު އަހަރު ވިއިރު ވެސް ބޮޑު ޚިޔާނާތުގެ ތަހުގީގެއް ނުނިމުނު!

18 ޖެނުއަރީ 2017

ގައުމު ސިއްސުވާލި ބޮޑު ޚިޔާނާތުގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން އަންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ތަހުގީގުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް މިދިޔަ އަހަރުގެ މެދު ތެރޭގައި ހާމަކުރުމަށް ފަހު ވެސް ރިޕޯޓް ނެރޭ ތަނެއް ނުފެނެ އެވެ. މިއީ، ރިޕޯޓަށް އިންތިޒާރުކުރާ އެތައް ބައެއްގެ ޝައްކުތައް ބޮޑުވެ، ފާޑުކިއުންތައް އަމާޒުވެފައިވާ މައްސަލައެކެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގައުމު ސިއްސުވާލި ބޮޑު ޚިޔާނާތުގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން އަންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ތަހުގީގުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް މިދިޔަ އަހަރުގެ މެދު ތެރޭގައި ހާމަކުރުމަށް ފަހު ވެސް ރިޕޯޓް ނެރޭ ތަނެއް ނުފެނެ އެވެ. މިއީ، ރިޕޯޓަށް އިންތިޒާރުކުރާ އެތައް ބައެއްގެ ޝައްކުތައް ބޮޑުވެ، ފާޑުކިއުންތައް އަމާޒުވެފައިވާ މައްސަލައެކެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި، ރިޕޯޓް ނެރެން އޭސީސީ ޖެހިލުން ވަނީ އެވެ. ސަބަބަކީ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ސަރުކާރުގެ އިސް ބައެއް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންފައިވާ ކަން ތަހުގީގުން ސާބިތުވާނެތީ އެވެ. ފައިސާ ބޭނުން ކުރެއްވި ކަމަށް ބައެއް މެމްބަރުން ފާޅުގައި ވިދާޅުވެފައިވާއިރު ވެސް ހެކިތަކާ އެކު ރިޕޯޓު ނެރުމުގެ ހިތްވަރެއް، އެ މިނިވަންކަމެއް ވެސް އެ ކޮމިޝަންގައި ނެތީ އެވެ.

"ކުށްވެރިވާ މީހުން ބަޔާންކޮށްފައި ނެރެން ޖެހިލުންވެގެން ރިޕޯޓް ލަސްވަނީ. ރިޕޯޓުގެ ފައިންޑިންސްތަކާ އެކު ސަރުކާރުގެ ޕްރެޝަރު ބޮޑުވާނެ ކަން އެނގޭ. އެހެންވީމަ އެ ގާބިލްކަމާއި ކެރުންތެރިކަން އަދި ހިތްވަރެއް ވެސް ކޮމިޝަންގައި ނެތީ،" އޮޑިޓިންގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ދައުލަތަށް ގެއްލިގެން ދިޔަ ބިލިއަނަކަށް ވުރެ ރުފިޔާގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ އިސް ގިނަ ބޭފުޅުންތަކަކާ އޭސީސީން ވަނީ ސުވާލުކޮށްފަ އެވެ. އެއީ، އެ ފައިސާއާ ގުޅޭ ގޮތުން އެ ބޭފުޅުންގެ މައްޗަށް ކުރަމުންދާ ތުހުމަތުތަކާ ގުޅިގެންނެވެ. ރައީސް ޔާމީނާ ސުވާލުކޮށްފައި ވާތީ އެ ހަގީގަތް ބަލަން ވެސް ގިނަ ބަޔަކު އިންތިޒާރުކުރެ އެވެ.

އެކަމަކު ރިޕޯޓް ނެރުން ލަސްވާތީ ތަހުގީގާ މެދު އެތައް ބަޔަކު މިހާރު ދަނީ ޝައްކުގެ ނަޒަރަކުން ބަލަމުންނެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ (ކ) އާއި މުއައްވިޒް (މ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ވީމީޑިއާ

އޭސީސީގެ ރައީސް ހަސަން ލުތުފީ (ކ) އާއި މުއައްވިޒް (މ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ވީމީޑިއާ

އެމްއެމްޕީއާރުސީގެ ތަހުގީގަށް އަމާޒުކުރާ ހުރިހާ ތުހުމަތެއް ދޮގުކުރައްވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ އެއީ "ހީކުރާ ވަރަށް ވުރެ މާ ބޮޑު" ތަހުގީގެއް ކަމަށެވެ. މައްސަލައިގެ ބާވަތުންނާއި މައުލޫމާތު ހޯދަން ޖެހުނު ގޮތުން އެއީ އެހާ ފަސޭހަ އިން ނިންމާލެވޭނެ ތަހުގީގެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއައްވިޒް ވިދާޅުވި ގޮތުގައި މީގެ ކުރިން އޭސީސީން ކޮށްފައިވާ ބޮޑެތި ބައެއް ތަހުގީގުތަކާ އަޅާބަލާއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު ކުރިއަށްދާ ސްޕީޑު އަވަހެވެ.

"މީގެ ކުރިން އޭސީސީން ބެލި އެންމެ ބޮޑު ދެ މައްސަލައަކީ ޖީއެމްއާރު މައްސަލަ އާއި ނެކްސްބިޒް މައްސަލަ. އެ ދެ މައްސަލަ އަށް ބަލާލި ކަމަށް ވިއަސް މިއަށް ވުރެ މާ ގިނަ މުއްދަތު ނަގާފައިވޭ،" މުއައްވިޒް ވިދާޅުވި އެވެ.

ޖީއެމްއާރު މައްސަލައިގެ ތަހުގީގު އޭސީސީ އަށް ތިން އަހަރުން ނިންމާލެވުނުއިރު ނެކްސްބިޒް މައްސަލަ އަށް ދޮޅު އަހަރު ނެގި އެވެ. މި ދެ މައްސަލާއާ އަޅާބަލާއިރު އެމްއެމްޕީއާރުސީގެ ތަހުގީގުގައި ކުރަން ޖެހޭ މަސައްކަތް ހަތަރު ގުނަ ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަނެއް ކަމަކީ މި މައްސަލަ ތަހުގީގު ކުރިއަށްދާ ވަރަކުން ފާހަގަކުރެވޭ ކަންކަން ވަރަށް ގިނަ. މާނައަކީ ރަށެއްގެ ޕޭމަންޓް ދީފައި އޮތް ގޮތް ބަލައި ބޭންކުން ސްޓޭޓްމަންޓް ހޯދައި އެއިން ފާހަގަވާ ކަމެއް ވެރިފައިކުރަން އަނެއްކާ ބޭންކަށް ލިއެގެން އަނެއްކާ އެ ޗެކު ވަދެފައި އިނީ ކާކުގެ އެކައުންޓަށްތޯ ބަލައި އައިޑެންޓިފައި ކުރަން ޖެހޭ. މިގޮތަށް ވަރަށް ޕްރޮސެސް ދިގު،" މުއައްވިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުންނަ ހަތް ބޭންކަކުން، މި ތަހުގީގަށް މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް އެބަ ދެ އެވެ. އޭގެ އިތުރުން ދައުލަތުގެ ވަރަށް ގިނަ އިދާރާތަކުން މައުލޫމާތު އެއްކޮށް، ސުވާލުކުރަން ޖެހޭ މީހުންނާ ސުވާލުކުރުން ވެސް ކުރިއަށް އެބަދާ ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް އުއްމީދުކުރާހާ އަވަސް ސްޕީޑެއްގައެއް ނޫން މިދަނީ. އެކަމަކު އަޅުގަނޑުމެންނަށް ވެސް ދިމާވާ އެކި ކަންތައްތަކާ ހެދި ޑިލޭވަމުން މިދަނީ. ތަހުގީގު ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް ހުއްޓުމެއް ނެތި ކުރިއަށް އެބަ ދޭ،" މުއައްވިޒް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގަށް އޭސީސީން ވަނީ ނުވަ މީހުންގެ ހާއްސަ ޓީމެއް އެކުލަވާލައިފަ އެވެ. ތަހުގީގުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދަނީ އެ ޓީމުންނެވެ.

ތަހުގީގު ލަސްވިއަސް މިހާތަނަށް އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ތަހުގީގާ ދޭތެރޭގައި ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ ކަމުގެ ޔަގީންކަން މުއައްވިޒް ދެއްވަ އެެވެ. ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ތަހުގީގު ވަކި ގޮތަކަށް ކުރިއަށް ގެންދަން ތަހުގީގު ޓީމަށް އޭސީސީން އަންގާފައިނުވާއިރު ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ވެސް އެފަދަ ނުފޫޒެއް ފޯރުވާފައި ނުވުމެވެ.

"ވަރަށް މިނިވަންކަމާ އެކު ތަހުގީގު ޓީމުގެ މަސައްކަތް ފުރިހަމަ އެ ކުރަނީ. ސަރުކާރުން އަދި ސަރުކާރުން ބޭރުގައި ވެސް މި މައްސަލަ ވަކި ގޮތަކަށް ނިންމަން މިހާތަނަށް އެއްވެސް ނުފޫޒެއް ފޯރުވާފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ބިލިއަން ރުފިޔާ އަށް ހިޔާނާތްވި ކަމަށް ތުހުމަތުކުރާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި ހާމިދު: އެމްއެމްޕީއާރުސީގެ ފައިސާ ދައުރުވި ގޮތް އޭސީސީގެ ރިޕޯޓުން ސާފުވާނެ ކަމަށް އެ ކޮމިޝަނުން ބުނޭ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ބިލިއަން ރުފިޔާ އަށް ހިޔާނާތްވި ކަމަށް ތުހުމަތުކުރާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި ހާމިދު: އެމްއެމްޕީއާރުސީގެ ފައިސާ ދައުރުވި ގޮތް އޭސީސީގެ ރިޕޯޓުން ސާފުވާނެ ކަމަށް އެ ކޮމިޝަނުން ބުނޭ.

އެމްއެމްޕީއާރުސީން ދައުލަތަށް ގެއްލުނު ފައިސާ ހޯދެން އޮތީ، ސަރުކާރުން ބުނެފައިވާ ގޮތުގައި، އޭސީސީގެ ތަހުގީގު ނިމިގެންނެވެ. ސަރުކާރުން ވެސް މިހާރު އިންތިޒާރުކުރަމުން ދަނީ އެ ރިޕޯޓަށް ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު އަދިވެސް ރިޕޯޓް ނެރޭނެ ވަކި ތާރީޚީއް އޭސީސީއަކުން ނުބުނެ އެވެ. ރިޕޯޓް އެއްކޮށް ނިންމައި ދިރާސާކުރުމަށް ފަހު ވެސް އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މުއައްވިޒް ވިދާޅުވީ ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ސަރުކާރުން އެއްވެސް އިދާރާއަކުން މައުލޫމާތެއް ބޭނުންވާ ނަމަ، ރިޕޯޓުގެ ކުރިން ވެސް އެ މައުލޫމާތެއް ހިއްސާކުރަން އެ ކޮމިޝަން އޮތީ ތައްޔާރަށެވެ. މިހާތަނަށް ހޯދިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު ފައިސާ ދައުރުވެފައި ހުރި ދިމާތައް ވަރަށް ސާފުކޮށް އެނގެން ހުރި ކަމަށް ވެސް އޭސީސީން ބުނެ އެވެ.

ރިޕޯޓު ލަސްވުމުގެ އިތުރުން އެހެން ކަންބޮޑުވުމެއް ވެސް އެބަ އޮތެވެ. އެއީ، އެމްއެމްޕީއާރުސީގެ ފައިސާ ބައި އެޅި ގޮތް ރިޕޯޓުން ފެންނަން އޮތަސް، އެ ހޯދޭނެ ކަމުގެ ޔަގީންކަން ނެތުމެވެ. ފައިސާ ހޯދަން ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް އިންސާފުވެރިކަމާ އެކު ނިމޭނެ ކަމުގެ ޔަގީންކަން ނެތުމެވެ. އެއާއެކު، ރައްޔިތުންގެ މަޖިލީސް ހިންގާ ގޮތަށް ބަލާއިރު އެ ފައިސާ އަށް ހިޔާނާތްތެރިވީ މީހުން ޒިންމާދާރު ވެސް ނުކުރެވޭނެ ކަަމަށް އެއް ބަޔަކު ބުނެ އެވެ.

މި ކަންބޮޑުވުންތައް މިހެން ހުއްޓަސް ރައްޔިތުންގެ ފައިސާއާ ގުޅޭ ގޮތުން އޭސީސީގެ ތަހުގީގު އަވަސްކުރަން ޖެހެ އެވެ. ރިޕޯޓް ލަސްވާ ކޮންމެ ދުވަހު ޝައްކު ދާނީ ބޮޑުވަމުންނެވެ.