Roadha Mihaaru
މައުސޫމާ މެދު ވެސް އަމަލުކުރީ އެއް އުސޫލަކުން

މައުސޫމާ މެދު ވެސް އަމަލުކުރީ އެއް އުސޫލަކުން: ތަރުޖަމާން

21 ފެބުރުއަރީ 2019

އެމްއެމްޕީއާރުސީން ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމު ކުރި ތަހުގީގީ ރިޕޯޓާ ގުޅިގެން، ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމާ މެދު ވެސް ފިޔަވަޅު އެޅީ ރިޕޯޓުގައި ނަން ހިމެނޭ، މި ސަރުކާރުގެ އެހެން ބޭފުޅުންނާ އެއް އުސޫލަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދައުލަތުގެ ފައިސާ ވަގަށް ނަގައި މަނީ ލޯންޑަރިން ހިންގި އެސްއޯއެފްގެ އެކައުންޓުން 155 މީހަކަށް އެމްއެމްޕީއާރުސީގެ ފައިސާ ޖަމާކޮށްފައިވެ އެވެ. އެ ލިސްޓުގައި ހިމެނެނު ސަރުކާރުގެ އިސް ހަތަރު ބޭފުޅަކަށް ފިިޔަވަޅު އެޅިއިރު އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަންގެ ނައިބު (މާލީ)ގެ މަގާމް ފުރުއްވި މައުސޫމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މައުސޫމްއާ މެދު ފިޔަވަޅު އެޅުމާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާގެ ދިފާއުގައި ވާހަކަފުޅު ދައްކަވައިފަ އެވެ.

މައުސޫމަކީ ނަޒާހަތްތެރިއެއް ކަމަށް ސިފަކުރައްވައި ނަޝީދު ވިދާޅުވީ މައުސޫމަށް އިތުބާރު އެބައޮތް ކަމަށާއި އޭސީސީގެ ރިޕޯޓުގައި ހިމަނާފައިވާ އެއް ކުންފުނިން މައުސޫމް ވަކިވެވަޑައިގަތްތާ 20 އަހަރު ވެފައިވާ ކަމަށެވެ. އެކަމަކު، ނަޝީދު އެ ވިދާޅުވަނީ މައުސޫމްގެ ހިއްސާ އޮންނަ ކަމަށް އޭސީސީގެ ރިޕޯޓުގައި ނަން ހިމަނާފައިވާ ދެ ކުންފުނީގެ ތެރެއިން އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވާހަކަ އެކަންޏެވެ.

ކާނިވާ ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ސަލާމް ކުރައްވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކާނިވާ ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ސަލާމް ކުރައްވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

މައުސޫމްގެ ހިއްސާ އޮންނަ ދެ ވަނަ ކުންފުންޏަކީ ރިޕޯޓުގައިވާ ގޮތުން، ސީޖީޓީ ޕްރައިވެޓް ލިމިޓެޑެވެ. އޭނާގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެސްއޯއެފުން 6.1 މިލިއަން ޑޮލަރު (93.5 މިލިއަން ރުފިޔާ) ޖަމާކޮށްފައިވެ އެވެ. އެ ރިޕޯޓުގައިވާ ގޮތުން، ދެ ކުންފުނީގެ ތެރެއިން އެންމެ ގިން ފައިސާ ޖަމާކުރީ ސީޖީޓީ އަށެވެ. އެއީ، 5.7 މިލިއަން ޑޮލަރު (88.5 މިލިއަން ރުފިޔާ) ކަމަށް ރިޕޯޓުގައިވެ އެވެ.

ހޫދު މިއަދު ވިދާޅުވީ ރިޕޯޓް އާއްމުކުރުމާ އެކު، އޭގައި ހިމެނޭ ސަރުކާރުގެ އިސް ބޭފުޅުންތަކެއް ގޭގައި މަޑުކުރައްވަން އެންގެވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާ ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން ކަމަށެވެ. އެ ފިޔަވަޅު އެޅުމުގައި، ސަރުކާރުގެ އިސް ބޭފުޅުންނާ ދޭތެރޭގައި ވެސް އަމަލުކުރައްވާނީ އެއް އުސޫލަކުން ކަމަށް ވިދާޅުވި އެވެ.

"ތަހުގީގީ އިދާރާތަކުން އިތުރަށް ތަހުގީގު ކުރެވެންދެން، އެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅުއްވީ އެއް އުސޫލަކުން،" ހޫދު ވިދާޅުވި އެވެ.

ސަރުކާރުން ފިޔަވަޅު އެޅި ބޭފުޅުންގެ ތެރޭގައި ހިމެނެނީ މައުސޫމްގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި އައައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމެވެ.

އޭސީސީގެ ތަހުގީގުގައިވާ ގޮތުން 155 މީހަކަށް އެސްއޯއެފުން ވަނީ މީހުންނަށް މިލިއަނުންނާއި ލައްކަ އިން ޑޮލަރު ޖަމާކޮށްފަ އެވެ. އެ ލިސްޓުގައި ހިމެނޭ މީހުންނަށް ފައިސާ ޖަމާވި ސަބަބު ދެނެގަތުމަށް އޭސީސީން އަންނަނީ އިތުރު ތަހުގީގެއް ކުރަމުންނެވެ.