Roadha Mihaaru
ހައިޕާބެރިކް ޓްރީޓްމަންޓް ޔުނިޓް، ފަރުވާގެ އާ މަގެއް

ހައިޕާބެރިކް ޓްރީޓްމަންޓް ޔުނިޓް، ސިއްހީ ފަރުވާގެ އާ މަގެއް

12 ޖެނުއަރީ 2023

މާލޭގައި ފުރަތަމަ ފަހަރަށް ހައިޕަބެރިކް އޮކްސިޖަން ތެރަޕީ ދޭ ޗެމްބާއެއް ބަހައްޓާ ހައިޕާބެރިކް ޓްރީޓްމަންޓް ތައާރަފް ކުރުމުން އެންމެ ބޮޑަށް އުފާފާޅުކުރީ ދިވެހި ޑައިވަރުންނެވެ. ސަބަބަކީ އެ ފަދަ ޗެމްބާއަކީ މަދު މަދުން ނަމަވެސް ދިމާވާ ޑައިވިން ހާދިސާތަކުގައި ޑިކޮމްޕްރެޝަނަށް ދާ މީހުންނަށް އެކަހަލަ ޗެމްބާއަކުން ފަރުވާ ދެވޭނެތީ އެވެ.

މާލޭގައި ފުރަތަމަ ފަހަރަށް ހައިޕަބެރިކް އޮކްސިޖަން ތެރަޕީ ދޭ ޗެމްބާއެއް ބަހައްޓާ ހައިޕާބެރިކް ޓްރީޓްމަންޓް ތައާރަފް ކުރުމުން އެންމެ ބޮޑަށް އުފާފާޅުކުރީ ދިވެހި ޑައިވަރުންނެވެ. ސަބަބަކީ އެ ފަދަ ޗެމްބާއަކީ މަދު މަދުން ނަމަވެސް ދިމާވާ ޑައިވިން ހާދިސާތަކުގައި ޑިކޮމްޕްރެޝަނަށް ދާ މީހުންނަށް އެކަހަލަ ޗެމްބާއަކުން ފަރުވާ ދެވޭނެތީ އެވެ.

ރާއްޖެ އަކީ ނިސްބަތުން ޑައިވް ކުރާ މިންވަރު ގިނަ ގައުމަކަށް ވިޔަސް އެކަމާ ގުޅުން ހުރި ހާދިސާތަކުގައި މާލެއިން ދޭނެ މާބޮޑު ފަރުވާއެއް އިއްޔެއާ ޖެހެންދެން ނެތެވެ. ޑައިވިންގައި އެންމެ ގިނައިން ދިމާވާ ޑީކޮމްޕްރެސް އިލްނެސް އަށް ދާ މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލާއި މާލެއިން ބޭރުގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބަރަކުންނެވެ. ޑީކޮމްޕްރެޝަނަށް ގޮސްފައިވާ ބަލިމީހަކަށް އެފަދަ ދަތުރެއް ކުރުމަކީ ނުހަނު ނުރައްކާތެރި އަދި ދަތި ކަމެކެވެ.

މާލޭގައި ފުރަތަމަ ފަހަރަށް ޑީކޮމްޕްރެޝަން އޮކްސިޖަން ތެރަޕީދޭ ޗެމްބާއެއް ބަހައްޓާ އެ ހިދުމަތް ތައާރަފް ކުރީ އޭޑީކޭ ހޮސްޕިޓަލުންނެވެ. މިދިޔަ އަންގާރަ ދުވަހު އެ ހޮސްޕިޓަލުގައި ހުޅުވި ހައިޕާބެރިކް ޓްރީޓްމަންޓް ޔުނިޓަކީ ރާއްޖޭގެ ސިއްހީ ދާއިރާ މުއްސަނދި ކުރުވައި، އެ ދާއިރާ އިތުރަށް ފުޅާކުރުވި ހިދުމަތެކެވެ.

އޭޑީކޭގައި ހުޅުވި ޗެމްބަރު މަސައްކަތްކުރާ ގޮތް، އެ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ނިޔާފު ކިޔައިދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭޑީކޭގައި ހުޅުވި ޗެމްބަރު މަސައްކަތްކުރާ ގޮތް، އެ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ނިޔާފު ކިޔައިދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހައިޕާބެރިކް ޓްރީޓްމަންޓް ޔުނިޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އެ ޓްރީޓްމަންޓު ދިނުމުގައި އިސްކޮށް އުޅުއްވާ ޑރ. އަބްދުﷲ ނިޔާފް ވިދާޅުވި ގޮތުގައި އެ ޔުނިޓަކީ ރާއްޖެއަށް ނުހަނު ބޭނުން ޖެހިފައިވާ ޔުނިޓެކެވެ.

"މިއީ ގިނަ ބަޔަކު ޑައިވް ކުރާ ގައުމަކަށް ވާއިރު ޑައިވިން ހާދިސާއަކުން ޑީކޮމްޕްރެޝަނަށް ދާ މީހަކަށް ހޮސްޕިޓަލުން ބޭނުންވާ ޓްރީޓްމަންޓެއް ނުދެވޭ. އެކަން މިއޮތީ މިހާރު ބަދަލުވެފައި." ޑރ. ނިޔާފް ވިދާޅުވި އެވެ.

ޑައިވްކޮށްގެން އާއްމުކޮށް މީހާ ޑީކޮމްޕްރެޝަނަށް ދަނީ ރައްކާތެރިނޫން ގޮތްތަކަށް ޑައިވް ކުރުމުންނެވެ. އާއްމު ކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި، ހޯދަންޖެހޭ ޓްރެއިނިންތައް ނުހޯދާ ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން ޑައިވްކޮށްގެން ޑީކޮމްޕްރެޝަނަށް ގޮސް މީހުން ޕެރަލައިޒްވެފައި ވެސް އެބަހުއްޓެވެ. އެފަދަ ހާލަތްތަކުގައި ދެވޭނެ އެންމެ ބޮޑު ޓްރީޓްމަންޓަކީ އޭޑީކޭއިން މި ތައާރަފު ކުރި ޓްރީޓްމަންޓެވެ.

ޑރ. ނިޔާފު ވިދާޅުވީ ހޮސްޕިޓަލެއްގައި އެ ފަދަ އޮކްސިޖަން ތެރަޕީ ދޭ ޗެމްބާއެއް ބެހެއްޓުމުން ޑައިވިން ހާދިސާތަކުގެ އިތުރުން ސިއްހީ ގިނަ ބަލިތަކަކަށް ފަރުވާދެވޭނެ އާ މަގެއް ފަހިވެފައިވާ ކަމަށެވެ.

"މި ފަދަ ޗެމްބާއެއް ހޮސްޕިޓަލެއްގައި ބެހެއްޓުމުން އެ ހޮސްޕިޓަލް އިތުރަށް އެބަ ކުރިއަރާ. ހައިޕާބެރިކް ޓްރީޓްމަންޓު މެދުވެރިކޮށް، ކުރިން ދެވެން ނެތް ގިނަ ފަރުވާތަކެއް އެކި ބަލިތަކަށް ދެވޭނެ. މިސާލަކަށް ހަކުރު ބަލީގެ ސަބަބުން ފަސޭހަ ނުވާ ފާރުގަނޑަކަށް މި ތެރަޕީ ދީގެން ފަރުވާ ދެވޭނެ. އަދި ވަކި ހާއްސަ ހާލަތްތަކެއްގައި ކުއްލިއަކަށް ލޮލުގެ ފެނުން ނުވަތަ އަޑުއިވުން ގެއްލޭ މީހުންނަށް ފަރުވާ ދެވޭނެ. އަދި އަލިފާނުގެ ހާދިސާތަކުގައި އެކި ގުނަވަންތައް ފިހޭ މީހުން، އެ ތަންތަން ކޮންޓްރެކްޓް ނުވާ ގޮތަށް ނޯމަލްކޮށް، ލަކުނު މަދުން ނޫނީ ލަކުނު ނުލާ ގޮތަށް މި ޓްރީޓްމަންޓުން ހީލް ކުރެވޭނެ." ނިޔާފު ވިދާޅުވި އެވެ.

ހައިޕާބެރިކް ޓްރީޓްމަންޓަކީ އޮކްސިޖަން ޗެމްބާގައި ބަލި މީހާ ބައްވާ ޕްރެޝަރުގައި ހައި އޮކްސިޖަން ވަކި ގޮތަކަށް ދީގެން ދޭ ފަރުވާ އެކެވެ. އެ ޓްރީޓްމަންޓުގައި ބަލިމީހާގެ ލޭގެ ނިޒާމަށް ވަންނަ އޮކްސިޖަން ލޭގެ ފެން ބަޔަށް ގިރޭނެ އެވެ. އަދި އެ މީހެއްގެ ލޭގެ ހިނގުން ރަނގަޅު ނޫނަސް، ޓިޝޫ ފްލުއިޑް މެދުވެރިކޮށް ފަރުވާ ބޭނުންވާ ގުނަވަނަށް އޮކްސިޖަން ވަންނާނެ އެވެ.

އެގޮތަށް އޮކްސިޖަން ދިނުމުގެ ސަބަބުން ލޭގައި އޮކްސިޖަން ކޮންސެންޓްރޭޝަން އާދަޔާ ހިލާފަށް މަތިވެ، އާ ލޭ ނާރުތަކެއް އުފެދުމަށް މަގުފަހިވެ، އިމިއުން ސެލްތައް އެކްޓިވޭޓު ވާނެ އެވެ. އަދި ބެކްޓީރިއާ މަރުވެ، ދުޅަ ތިރިކޮށްދޭނެ އެވެ.

އެ ތެރަޕީއަކީ ބަލިމީހާގެ ހުރި ބައްޔަށް ދޭ ފަރުވާގެ އިތުރުން ދޭނެ ތެރަޕީއެކެވެ. އެ ތެރަޕީގެ ނަތީޖާ ފެންނާނީ، ތެރަޕީގެ ބޭރުން ކުރަންޖެހޭ ކަންތައްތައް ވެސް ރަނގަޅަށް ކޮށްގެންނެވެ. އަދި އެކި ބަލިތަކަށް އެ ތެރެޕީ ދޭން ޖެހޭ ގޮތާއި، ތެރަޕީ ސެޝަންތަކުގެ އަދަދުވެސް ތަފާތު ވާނެ އެވެ.

އޭޑީކޭގައި ހައިޕާބެރިކް ޓްރީޓްމަންޓް ޔުނިޓެއް ހެދުމަށް އެ ހޮސްޕިޓަލުން ވަނީ ބޮޑު އިންވެސްޓެއް ކޮށްފަ އެވެ. އެގޮތުން އެ ޔުނިޓަށް ބޭނުންވާ އޮކްސިޖަން ޕްރޮޑަކްޝަނަށް އޮކްސިޖަން ޖެނެރޭޓް ކުރާ ޕްލާންޓަކާއި، ވައި ޖެނެރޭޓުކުރާނެ ޕްލާންޓެއް ވަނީ ހޯދައިފަ އެވެ. އަދި އެ ޔުނިޓުގައި ތެރަޕީ ދޭ ދެ ޗެމްބާ އަކީ ރައްކާތެރިކަން ކަށަވަރުކޮށްދޭ އެކްރެލިކް ގްލާސްއިން ތައްޔާރު ކޮށްފައިވާ ދެ ޗެމްބާ އެވެ. އެ ޔުނިޓަށް ހާއްސަކޮށް ބޭނުންވާ ހުރިހާ ތަކެއްޗެއް އެ ތަނުގައި ހުރި އިރު، އެ ޓްރީޓުމަންޓު ދޭނެ ޑޮކްޓަރުންނާއި ނަރުހުންނާއި އޮޕަރޭޓަރުން ވަނީ ތަމްރީނުކޮށްފަ އެވެ.

އެ ޔުނިޓުގައި ހުރި ޗެމްބާތަކަކީ ގިނަ އަދަދެއްގެ އޮކްސިޖަން ބޭނުންކުރާ ތަނަކަށް ވާއިރު، ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެގޮތުން އެ ތަނަށް ހާއްސަކޮށް ވަކި ގޮތަކަށް ވަޔަރު ކުރުމާއި، ބޮކިތައް ޗެމްބާ އަށް ނުފެންނާނެހެން ބެހެއްޓުމާ، ވަކި މެޓީރައަލެއްގެ ތަކެތި ނޫނީ އެތަނަށް ނުވެއްދުން ހިމެނެ އެވެ. އަދި އެ ތަނުގައި އެންމެ ބޮޑު ފަޔާ ހައިޑްރަންޓެއް ވެސް ހުރެ އެވެ.

ހައިޕާބެރިކް ޓްރީޓްމަންޓު ދޭއިރު، ބަލި މީހާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވިސްނާ، ޓްރީޓްމަންޓު ނަގާ ވަގުތު ވީޑިއޯ ބެލޭނެ އިންތިޒާމާއި ޑޮކްޓަރުންނާއި ނަރުހުންނާއި ވާހަކަ ދެއްކޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފަ އެވެ. އަދި އެ ޓްރީޓްމަންޓަށް ބަލިމީހާ ތައްޔާރު ކުރުމުގެ ގޮތުން، ހައި ޕްރެޝާ އޮކްސިޖަންގައި ދިމާވެދާނެ މައްސަލަތަކުން ދުރުހެލިވާނެ ގޮތްތައް ވެސް ބަލިމީހާ އަށް ކިޔާދޭނެ އެވެ.

އޭޑީކޭގައި ހުޅުވި ހައިޕާބެރިކް ޓްރީޓްމަންޓް ޔުނިޓުން އެހެން ހޮސްޕިޓަލްތަކުގެ ޕޭޝަންޓުންނަށް ވެސް ފަރުވާ ދޭނެ އެވެ. އެ ޓްރީޓްމަންޓަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ނުހަނު ބޭނުންތެރި ޔުނިޓެކެވެ. އަދި ޑައިވިން ހާދިސާތަކުގެ ސަބަބުންނާއި އެހެނިހެން ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދޭނެ މަގެއް ނެތި މާޔޫސްވެފައިވާ ގިނަ ބަޔަކަށް އުއްމީދު އާ ކޮށްދޭނެ ހިދުމަތެކެވެ.

ނޯޓު: މިއީ އޭޑީކޭ ހޮސްޕިޓަލުގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.