ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިންޑިއާ ގުޅިގެން ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭގެ މަސައްކަތް އުތުރުގެެ ރަށްތަކުގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
12 ޖެނުއަރީ 2023
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިންޑިއާ ގުޅިގެން ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭގެ މަސައްކަތް އުތުރުގެެ ރަށްތަކުގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އުތުރުގެ ހއ. ހދ، އަދި ށ. އަތޮޅުގައި މި ސާވޭ ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 19އިން އަންނަ މަހުގެ 28ގެ ނިޔަލަށެވެ. މި ސާވޭގައި ރާއްޖޭގެ ކަނޑުގެ އަޑީގެ ބިމާއި އަތޮޅުތައް ވަށައިގެންވާ ފަރުތަކާއި ފިނޮޅުތަކާއި އެހެނިހެން ތަންތަން ދެނަގަންނާނެ އެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ "މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް" އިން އުތުރު ރަށްތަކުގެ ކައުންސިލްތަކަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ސާވޭ ކުރަން އިންޑިއާ ނޭވީގެ މަނަވަރު "އައިއެންއެސް އިންވެސްޓިގޭޓާ" އެ ރަށްތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
މި ސާވޭގައި ކުދި އުޅަނދު ފަހަރުތަކާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ވެސް މައުލޫމާތު އެއްކުރުމުގައި ސާވޭ ޓީމުތަކުން ހަރަކާތްތެރިވާނެ ކަމަށް އެ ސިޓީގައިވެ އެވެ.
- ގިރިފަަރުތަކުގެ މައުލޫމާތު އެއްކުރުން
- ރަށްތަކުގެ ކޯސްޓްލައިން ކުރެހުން
- ކަނޑުގެ ދިޔަވަރު ދެނެގަތުމަށް ބެންޗާ މާކް، ޓައިޑްޕޯލް ހަރުކުރުން
މި މަސައްކަތްތައް ކުރުމަށް ސާވޭ ޓީމުތައް 24 ގަޑިއިރު މަސައްކަތް ކުރާނެ ކަމަށް ވެސް އޭގައި ބުނެފައިވެ އެވެ.
އިންޑިއާގެ ނޭޝަނަލް ހައިޑްރޮގްރެފިކް އޮފީހާ ގުޅިގެން 2007 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ހައިޑްރޮގްރެފިކް ސާވޭ އަކީ ރާއްޖޭގެ ނިޔަމި ކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރާ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމަށާއި އެންކަރޭޖް އަދި އެޕްރޯޗް ޗާޓް ހެދުމަށް ކުރެވޭ ސާވޭއެކެވެ.
ހައިޑްރޯގްރަފީ ދާއިރާއިން ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫގައި ސޮއިކުރީ ޖޫން، 8، 2019 ގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އުފެއްދާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
އެންމެ ފުރަތަމަ ޖޮއިންޓް ހައިޑްރޮގްރަފިކް ސާވޭއެއް ރާއްޖޭގައި ކުރިއަށް ގެންދިޔައީ 2021 ވަނަ އަހަރު އަހަރުގެ ފެބްރުއަރީ އަދި މާޗް މަހުގެ ތެރޭގަ އެވެ. އެ ފަހުން މިދިޔަ އަހަރު ވަނީ މާލޭ ސަރަހައްދާއި އުތުރުގެ ކަނޑުގެ ސަރަހައްދު ސާވޭކޮށް ނިންމާލައިފަ އެވެ.
މި ސާވޭތަކުގެ ސަބަބުން ދަތުރުކުރަން ބޭނުން ކުރާ އިލެކްޓޮރޯނިކް ނެވިގޭޝަނަލް ޗާޓްތައް އަޕްޑޭޓްވާނެ ކަމަށާއި ކަނޑުދަތުރުކުރާ ބޯޓުފަހަރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަވެގެން ދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި ސޭވޭއަކީ ރާއްޖޭގެ ސަރަހައްދުގެ މައުލޫމާތު އެއްކުރަން އިންޑިއާ އިން ހިންގާ ކަންބޮޑުވާން ޖެހޭ ފަދަ ސާވޭއެއް ކަމަށް ބުނެ އިދިކޮޅުން މީގެ ކުރިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. މިކަމުގައި ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ވެސް ތުހުމަތުކުރެ އެވެ.
އެމްއެންޑީއެފުން މިކަމާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެ ސާވޭއާ ހެދި ގައުމީ ސަލާމަތަށް ނުރައްކާވެދާނެތޯ ކުރި ސުވާލުތަކަށް ބުނެފައި ވަނީ ގައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނެ ކަމަށާއި މިއީ އަތޮޅުތެރޭގެ ފަރުތައް ހުރިގޮތް ދެނެގަންނަން ކުރާ މަސައްކަތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފައިދާ ވާނީ ދިވެހި ދަތުރުވެރިންނަށް ކަމަށް ވެސް ބުންޏެވެ.
އުތުރުތިލަފަޅުގައި ބޭރުގެ ސިފައިންނެއް ނުތިބޭނެ:ޑިފެންސް
"ޔާމީންގެ ވާހަކަތަކާ ހެދި ގައުމީސަލާމަތަށް ނުރައްކާވޭ"
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
ޔޫޓީއެފްގެ މައުލޫމާތުތަކެއް ދޭން އެންގުމުން ހައި ކޯޓަށް
އިންޑިއާގެ އެއްބަސްވުންތައް ނުދައްކާ ކަމުގެ ޝަކުވާ
ޔޫޓީއެފް އެގްރިމެންޓުގެ ކަންކަން ސާފުކޮށްދިނުން މުހިއްމު
އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމައެއް ނުކުރި
ޔޫޓީއެފް އެގްރިމެންޓް މައްސަލައިގައި އިދިކޮޅުން ކޯޓަށް
ޔޫޓީއެފް މަންޒަރު ބަލަން ޖެހޭނީ ބޮޑު ލެންސަކުން:އުމަރު
އެއްބަސްވުން 241 ކޮމިޓީއާ ހިއްސާކުރަން އެދިއްޖެ