Roadha Mihaaru
ރައީސް ހަނދާން ކޮށްދެއްވީ ކޮވިޑާއެކު ކުރި ހޭދަތައް

ރައީސް ހަނދާން ކޮށްދެއްވީ ކޮވިޑުން އަރައިގަތުމުގެ އެހީތެރިކަން

14 ޖެނުއަރީ 2023

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އައްޑު އަށް ފެއްޓެވި ދަތުރުފުޅުގައި ފޭދޫގައި ވާހަކަފުޅު ދައްކަވަމުން މުޅި ގައުމަށް ހަނދާން ކޮށްދެއްވީ މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ރާއްޖެ އަށް ކުރިމަތިވި ކޮވިޑް-19 އާއެކު ސަރުކާރުން ކުރި ހޭދަ އެވެ. ރާއްޖޭގެ އިގްތިސޯދު ސަލާމަތް ކުރުމަށްޓަކައި ކުރި މަސައްކަތެވެ.

އަހުމަދު ހަމްދޫން ސ. ފޭދޫން އަހުމަދު ހަމްދޫން

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އައްޑު އަށް ފެއްޓެވި ދަތުރުފުޅުގައި ފޭދޫގައި ވާހަކަފުޅު ދައްކަވަމުން މުޅި ގައުމަށް ހަނދާން ކޮށްދެއްވީ މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ރާއްޖެ އަށް ކުރިމަތިވި ކޮވިޑް-19 އާއެކު ސަރުކާރުން ކުރި ހޭދަ އެވެ. ރާއްޖޭގެ އިގްތިސޯދު ސަލާމަތް ކުރުމަށްޓަކައި ކުރި މަސައްކަތެވެ.

ބެލެވޭ ގޮތުގައި ރައީސް އަލުން އެ ވާހަކަ ހަނދާން އާ ކޮށްދެއްވީ އައްޑޫގެ ތަރައްގީ އަދި މުޅި ރާއްޖޭގެ ތަރައްގީ މަޑުޖެހިފައިވާ ދުވަސްވަރު މަތިން ބައެއް ހަނދާން ނެތިފައިވާ ކަމަށް އެ މަނިކުފާނަށް ގަބޫލުފުޅު ކުރެއްވުމުންނެވެ. އިއްޔެގެ ވާހަކަފުޅުގައި ވެސް އެ ވާހަކަ ވިދާޅުވި އެވެ.

ވިދާޅުވީ، މިއަދު ބައެއް މީހުން ވާހަކަ ދައްކާއިރު އެއީ ސަރުކާރުން ކޮށްދިން ކަންކަން ކަމަށް ގަބޫލެއް ނުކުރާ ކަމަށެވެ.

"މުޅިން އެ ބައި ދޫކޮށްލައްވާފައި ކުރިއަށް ގެންދަވާ ތަން މި ފެންނަނީ،" ކޮވިޑްގެ މަތިން މިހާރު ހަނދާން ނެތިފައިވާ ކަން ހަނދާން ކޮށްދެއްވާ މޭރުމަކުން ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ފޭދޫގައި އިއްޔެ ވާހަކަފުޅު ދައްކަވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ފޭދޫގައި އިއްޔެ ވާހަކަފުޅު ދައްކަވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޮވިޑާއެކު ރާއްޖޭގެ ތަރައްގީ އަށް ހުރަސްތަކެއް ކުރިމަތި ވިޔަސް އެތައް ބައެއްގެ ބުރަ މަސައްކަތާއެކު، އެންމެ އަވަހަށް އިގްތިސޯދު ރުޖޫއަ ވި ގައުމަކަށް ރާއްޖެ ވި ކަމަށެވެ. އެ މަސައްކަތްތައް އެ ދުވަހު ނުކުރި ނަމަ ރާއްޖެ އޮންނާނީ ބަނޑަށް ޖެހިފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ބަނގުރޫޓު ވެފައި. މިއަދު އަޅުގަނޑުމެންނަށް މި ތަނަށް ނުކުމެ މި ތިބެވެނީ އެ ދުވަހު ސަރުކާރުން އެޅި ފިޔަވަޅު އެޅި ފިޔަވަޅުތަކުގެ ސަބަބުން. އެ ދުވަހު އަޅުގަނޑުމެން ރައްޔިތުންނަށްޓަކައި ސްޓިމިއުލަސްގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ދިނިން. ހަމައެކަނި ކަރަންޓު ބިލުން 290 މިލިއަން ރުފިޔާގެ ޑިސކައުންޓެއް ދިނިން. ފެން ބިލުން 88 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދިނިން،" ރައީސް ވިދާޅުވި އެވެ.

އޭރު ކަންތައް ކުރި ގޮތަކީ ސިވިލް ސާވިސްގެ މުސާރަ ކުޑަކުރީ. މުވައްޒަފުން މަދުކުރީ. ރައްޔިތުންނަށް ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން އެތައް ހާލެއްގައި ޖެހުނު،"--- ރައީސް

އެ މަނިކުފާނު ވިދާޅުވިގޮތުގައި 1،400 ވިޔަފާރިއަކަށް 347 މިލިއަން ރުފިޔާގެ ލުއި ލޯނު، ކޮވިޑާ ގުޅިގެން ސަރުކާރުން ދިނެވެ. އަދި ހާލުގައި ޖެހުނު 22،000 މީހަކަށް 421 މިލިއަން ރުފިޔާ ސަރުކާރުން ހިލޭ ދިން ކަމަށް ވިދާޅުވި އެވެ.

"އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް، ކުދިކުދި ވިޔަފާރިކުރާ ފަރާތްތަކަށް ފަހާ މީހުންނާއި ބޯ ކޮށާ މީހުންނާއި މިހެން ގޮސް ގޭތެރޭގައި މަސައްކަތް ކުރާ މީހުންނަށް 669 މީހަކަށް 20 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނިން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދުނިޔޭގެ އެކި ގައުމުތަކަށް ކުރިމަތިވާ މާލީ ލޮޅުންތައް ރާއްޖެ އަށް ވެސް ކުރާނެ ކަމަށާއި 2008 ގައި ވެސް ބޮޑު ގޮންޖެހުމެއް ކުރިމަތިވި ކަމަށެވެ.

"އޭރު ކަންތައް ކުރި ގޮތާއި މި ފަހަރު ކޮވިޑްގައި އަޅުގަނޑުމެން ކަންތައް ކުރި ގޮތާ ތިޔަބޭފުޅުން ވިސްނަވަން ވާނެ. އޭރު ކަންތައް ކުރި ގޮތަކީ ސިވިލް ސާވިސްގެ މުސާރަ ކުޑަކުރީ. މުވައްޒަފުން މަދުކުރީ. ރައްޔިތުންނަށް ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން އެތައް ހާލެއްގައި ޖެހުނު،" ދެހާސް އަށެއްގެ މާލީ ދަތިތައް އާ ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި މި ސަރުކާރު އޮއްވައި ކޮވިޑް އައުމުން ކުރި ކަމަކީ ވީ ވަރަކުން ރައްޔިތުންނަށް އެހީތެރިވުމެވެ.

"އަދިވެސް ދުނިޔޭގެ އިގްތިސާދު އަރައެއް ނުގަނޭ. އަޅުގަނޑުމެން އެބަހުރި ގޮންޖެހުންތައް. އެހެން ނަމަވެސް މި ގޮންޖެހުންތަކުން އަޅުގަނޑުމެންނަށް އަރައި ގަނެވޭނީ މިފަދަ ވިސްނުމެއްގައި، މިހާރު ކަންތައް މި ކުރާ ގޮތަށް ކަންތައް ކުރާ ބަޔަކު ސަރުކާރުގައި ތިބެގެން. އޭރު ކަންތައް ކުރާ ބަޔަކު ސަރުކާރުގައި ތިބެގެން އަޅުގަނޑު ގަބޫލެއް ނުކުރަން ދިވެހިރާއްޖެ ސަލާމަތް ކުރެވޭނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.