Roadha Mihaaru
އާސެނަލް ކުރިއަށް، މޮޅަކާއެކު ޗެލްސީއަށް ހިތްހަމަޖެހުން

އާސެނަލް ލީޑު ފުޅާކޮށްފި، މޮޅަކާއެކު ޗެލްސީއަށް ހިތްހަމަޖެހުން

16 ޖެނުއަރީ 2023

ލަންޑަން (ޖެނުއަރީ 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އިން ޓޮޓެންހަމް ހޮޓްސްޕާ 2-0 އިން ބަލިކޮށް އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑު ފުޅާކުރިއިރު، 10 ވަނައިގައި އޮތް ޗެލްސީން ރޭ ހަނި ތަފާތަކުން ކްރިސްޓަލް ޕެލަސް 1-0 އިން ބަލިކޮށް ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޖެނުއަރީ 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އިން ޓޮޓެންހަމް ހޮޓްސްޕާ 2-0 އިން ބަލިކޮށް އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑު ފުޅާކުރިއިރު، 10 ވަނައިގައި އޮތް ޗެލްސީން ރޭ ހަނި ތަފާތަކުން ކްރިސްޓަލް ޕެލަސް 1-0 އިން ބަލިކޮށް ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި އާސެނަލްގެ ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 14 ވަނަ މިނިޓުގައި ލީޑު ހޯދީ ބުކަޔޯ ސަކާ ހުރަސް ކޮށްލި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ގޯލްކީޕަރު ހޫގޯ ލޮރިސް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އަދި 36 ވަނަ މިނިޓުގައި ދެ ވަނަ ގޯލު ކެޕްޓަން މާޓިން އޮޑެގާޑް ޖެހީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފުގައި އާސެނަލް ގެ ތޯމަސް ޕާޓޭ ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް ވެސް އަމާޒު ވި އެވެ. ފުރަތަމަ ހާފުގައި އާސެނަލް އަށް މާ ރަނގަޅަށް ނުކުޅެވުނު ނަމަވެސް ދެ ވަނަ ހާފުގައި އެޓީމުން އާސެނަލްގެ ޑިފެންސަށް ޕްރެޝަރު ކުރި އެވެ. ހެރީ ކޭން އާއި ސޮން ހެއުން މިން އަދި ރަޔާން ސެސެނިޔޯން އަށް ގޯލު ޖަހަން ފުރުސަތު ލިބުނު ނަމަވެސް އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް އެ ހަމަލާތައް ދިފާއު ކުރި އެވެ.

މި ނަތީޖާއާ އެކު އާސެނަލް އެއް ވަނައިގައި އޮތީ 18 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް ލިބިފައި ވަނީ 39 ޕޮއިންޓެވެ. ޓޮޓެންހަމް ފަސް ވަނައިގައި އޮތީ 19 މެޗުން 33 ޕޮއިންޓް ހަމަކޮށްގެންނެވެ.

ޗެލްސީން ރޭ އަމިއްލަ ދަނޑުގައި ޕެލަސް ބަލިކުރި މެޗުގައި ފެނުނު ހަމައެކަނި ގޯލު 64 ވަނަ މިނިޓުގައި ހަކީމް ޒިޔެޝް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ކާމިޔާބު ކުރީ ކައި ހަވާޓްޒް އެވެ.

މި މެޗުގައި ޗެލްސީގެ ހަވާޓްޒް އަށް ގިނަ ލަނޑުތަކެއް ޖަހަން ފުރުސަތު ލިބި ވަނީ ބޭކާރު ވެފަ އެވެ. މީގެ އިތުރުން ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލާގާ އާއި ޕެލަސްގެ ކީޕަރު ވިސެންޓޭ ގައިޓާގެ ފަރާތުން މުހިއްމު ސޭވް ތަކެއް ފެނިގެން ދިޔަ އެވެ.

ކައި ހަވާޓްޒް (ވ) ގޯލު ޖެހުމުން ޗެލްސީގެ އާ ޑިފެންޑަރު ބެނޯއީ ބަޑިއަޝިލޭ (ވ) އާއެކު އުފާފާޅުކުރަނީ، މިއީ ބަޑިއަޝިލޭ މި މަހު ޗެލްސީއާ ގުޅި އޭނާ ކުޅުނު ފުރަތަމަ މެޗު.-- ފޮޓޯ: އޭއެފްޕީ

ކައި ހަވާޓްޒް (ވ) ގޯލު ޖެހުމުން ޗެލްސީގެ އާ ޑިފެންޑަރު ބެނޯއީ ބަޑިއަޝިލޭ (ވ) އާއެކު އުފާފާޅުކުރަނީ، މިއީ ބަޑިއަޝިލޭ މި މަހު ޗެލްސީއާ ގުޅި އޭނާ ކުޅުނު ފުރަތަމަ މެޗު.-- ފޮޓޯ: އޭއެފްޕީ

"ފާއިތުވި ހަފްތާ ތަކުގައި އަހަރެމެންނަށް ވަރަށް އުނދަގޫވި. ކުލަބުގެ ހުރިހާ އެންމެނަށް ވެސް، މި ހާލަތުގައި އެއްގޮތަކަށް ވެސް ފަސޭހައެއް ނޫން،" މެޗަށް ފަހު ހަވާޓްޒް ބުންޏެވެ.

"މި އަހަރު ބައިވަރު ކަންކަން ބަދަލު ވެއްޖެ. ބައިވަރު އަނިޔާތައް އެބަހުރި. މިއަދު (ރޭގެ މެޗުގައި) ޒުވާން ފަސް ކުޅުންތެރިން ފުރަތަމަ 11 ގައި ހިމެނުނު، އެކުދިން ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރޭ."

ޕެލަސް އަތުން ހޯދި މި މޮޅަކީ މި އަހަރު ޗެލްސީން ހޯދި ފުރަތަމަ މޮޅެވެ. މި މެޗުގެ ކުރިން މި އަހަރު ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުހޯދުނުއިރު ފަހު ތިން މެޗުން ވަނީ ބަލިވެފަ އެވެ.

މެޗުން މޮލުވެގެން ވެސް ޗެލްސީ ލީގު ތާވަލް ގައި އޮތް މަގާމަކަށް ބަދަލެއް ނާދެ އެވެ. 10 ވަނައިގައި އޮތީ 19 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ނުވަ ވަނައިގައި އޮތް ލިވަޕޫލް ވަނީ އެއް މެޗު މަދުން ކުޅެގެން 28 ޕޮއިންޓް ހަމަކޮށްފަ އެވެ. ޕެލަސް އޮތީ ޗެލްސީއަށް ވުރެ ހަ ޕޮއިންޓް މަދުން ތާވަލްގެ 12 ވަނައިގަ އެވެ.

"ޖުމްލަކޮށް އަހަރެމެންގެ ކުޅުން ވަރަށް ރަނގަޅު، އެމީހުނަށް (ޕެލަސް އަށް) ވެސް ފުރުސަތު ލިބުނު އެކަމަކު މިއަދު ހުރިހާވެސް އެއްޗަކީ މޮޅުވުން، ތިން ޕޮއިންޓް ހޯދުން،" މެޗަށް ފަހު ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ބުންޏެވެ.

"އަހަރެމެން ރަނގަޅަށް ކުޅެވޭތޯ މަސައްކަތް ކުރަން، ވަރަށް މޮޅު ވަގުތުތައް ވެސް އާދޭ. އަހަރެމެން މި އޮތް ހާލަތަށް ބަލާއިރު އަބަދު އެންމެ މޮޅު ފުޓުބޯޅަ ނުކުޅެވިދާނެކަން އެނގެން ވާނެ. ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފި."

މެޗުން މޮޅުވުމުން އާސެނަލްގެ ކެޕްޓަން އޮޑެގާޑް އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

މެޗުން މޮޅުވުމުން އާސެނަލްގެ ކެޕްޓަން އޮޑެގާޑް އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ނިއުކާސަލް ޔުނައިޓެޑް ވަނީ ރޭ އަމިއްލަ ދަނޑުގައި 1-0 އިން ފުލަމް ބަލިކޮށް އަލުން ތިން ވަނައަށް ޖެހިލައިފަ އެވެ

ނިއުކާސަލް މޮޅު ކޮށްދިން ގޯލު 89 ވަނަ މިނިޓުގައި ޖަހައިދިނީ ސްވިޑެންގެ ފޯވާޑް އެލެކްޒެންޑާ އީސާކް އެވެ.

މެޗުގެ 67 ވަނަ މިނިޓުގައި ފުލަމް އަށް ލީޑު ނަގަން ޕެނަލްޓީއެއް ލިބުނެވެ. އެޓީމުގެ އެލެކްޒެންޑާ މިޓްރޮވިޗް ބޯޅަ ގޯލު ތެރަށް ފޮނުވާލި އެވެ. ނަމަވެސް ފޮނުވާލިއިރު އޭނާގެ ފައިގައި ދެ ފަހަރު ބޯޅަ ޖެހުމުން ގޯލު ބަލައެއް ނުގަތެވެ.

ނިއުކާސަލުން 19 މެޗުން 38 ޕޮއިންޓު ހޯދައިގެން ތިން ވަނައަށް ޖެހިލުމާ އެކު 18 މެޗުން 38 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ޔުނައިޓެޑް ހަތަރު ވަނައަށް ވެއްޓުނީ ގޯލުގެ ތަފާތުންނެވެ. މިހާތަނަށް 20 މެޗު ކުޅެގެން 31 ޕޮއިންޓާ އެކު ފުލަމް އޮތީ ހަ ވަނައިގަ އެވެ.