Roadha Mihaaru
ސަމާހު މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ

ގާތިލް ސަމާހު މަރަން ހުކުމްކުރި މައްސަލަ ސުޕްރީމް ކޯޓުން ފަށަނީ

12 ޖެނުއަރީ 2023

ކ. ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލާގައި އޭނާގެ ގާތިލު މުހައްމަދު ސަމާހު މަރަން ކުރި ހުކުމުގެ އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކ. ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލާގައި އޭނާގެ ގާތިލު މުހައްމަދު ސަމާހު މަރަން ކުރި ހުކުމުގެ އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ޖުލައި 2012 ގައި އާދަމް ހަލީމް ޑިއުޓީ އަށް ދަނިކޮށް އޭނާ އަށް މަގުމަތީގައި ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހުގެ މައްޗަށް ކްރިމިނަލް ކޯޓުން 2013 ވަނަ އަހަރު ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓީ 2020 ވަނަ އަހަރު އެވެ.

އެ މައްސަލަ ސަމާހުގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ މައްސަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ތާވަލް ކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ. އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ނިމި، ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ. ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައި ތިބި ތިން މީހަކު މިހާރު ތިއްބަސް، އެ މީހުންގެ އަދަބެއް ތަންފީޒެއް ނުކުރެ އެވެ. އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކުރީ 1953 ވަނަ އަހަރެވެ.