Roadha Mihaaru
ޕެލަސް އިން ފަހު ވަގުތު ޔުނައިޓެޑް ހުއްޓުވައިފި

ސިޓީ އަށް ވުރެ ކުރިއަށް ޖެހިލަން ދަނިކޮށް ޕެލަސް އިން ޔުނައިޓެޑް ހުއްޓުވައިފި

19 ޖެނުއަރީ 2023

ލަންްޑަން (ޖެނުއަރީ 19) - މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންްޑަން (ޖެނުއަރީ 19) - މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ޔުނައިޓެޑުން މެޗުގައި ލީޑު ނެގީ ބްރޫނޯ ފެނާންޑޭޒް ޖަހައިދިން ގޯލުންނެވެ. ޕެލަސް އިން އެއްވަރު ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ލިބުނު ހިލޭޖެހުމަކުން މައިކަލް އޮލީސޭ ކާމިޔާބު ކުރި ގޯލުންނެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑަށް ވަނީ މޮޅަކާއެކު ވަގުތީގޮތުން ތާވަލްގެ ދެ ވަނައަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ. ޔުނައިޓެޑް ތިން ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެންނެވެ. ޔުނައިޓެޑް މިހާތަނަށް ކުޅުނު 19 މެޗުން ލިބިފައި ވަނީ 39 ޕޮއިންޓެވެ.

އެއް މެޗު މަދުން ކުޅެގެން ޔުނައިޓެޑާ އެއްވަރަށް ޕޮއިންޓް ހޯދައިގެން މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތީ ފައިދާ ގޯލުން ކުރި ލިބޭތީ އެވެ. ސިޓީން މިރޭ އަމިއްލަ ދަނޑުގައި ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅޭ މެޗުން ނަތީޖާ ނެރެގެން ޔުނައިޓެޑާ ދެމެދު އޮތް ފަރަގު ބޮޑު ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

ފެނާންޑޭޒް ޔުނައިޓެޑަށް ލީޑު ނަގައިދިނުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފެނާންޑޭޒް ޔުނައިޓެޑަށް ލީޑު ނަގައިދިނުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑުން ގޯލު ޖެހުމުގެ ކުރިން ޕެލަސްގެ ފޯވާޑް އޮޑްސޯން އެޑުއާޑް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭނާ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ހީޕަރު ޑޭވިޑް ޑެހެއާ ގެ އަތުގައި ޖެހިފައި ގޮސް އަމާޒު ވީ ހުރަސް ދަނޑިއަށެވެ. އޭގެ ކުރިން ޔުނައިޓެޑްގެ ލޫކް ޝޯ ފޮނުވާލިބާރު ހަމަލާ ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ.

ދެ ވަނަ ހާފުގައި ޕެލަސް އަށް ނަތީޖާ އެއްވަރު ކޮށްދޭން ކެޕްޓަން މާކް ގޭހީ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ވެސް ދިފާއު ކުރީ ޑެހެއާ އެވެ.

ޕެލަސް އިން ނަތީޖާ އެއްވަރު ކުރި ފަހުން ޔުނައިޓެޑަށް ލިބުނު ކޯނަރުގައި އަލުން ލީޑު ހޯދުމާ ގާތަށް ދިޔަ އެވެ. ނަމަވެސް ކާލޯސް ކަސެމީރޯ ފައިގައި ކޭއްތިލައިފައި ދިޔަ ބޯޅަ އަލުން ހޯދައިގެން އަލެހަންޑްރޯ ގާނާޗޯ ފޮނުވާލި ބޯޅަ މަތަކުރީ ކީޕަރު ވިސެންޓޭ ގައިޓާ އެވެ.

ޕޮއިންޓަކާ އެކު މެޗު ނިންމާލެވުމުން ޕެލަސްގެ ކޯޗު ޕެޓްރިކް ވިއޭރާ ހުރީ ވަރަށް އުފަލުންނެވެ

"މޮޅު ވުމުގެ އިހުސާސް ކުރެވެނީ، އެއީ އަހަރެމެން މިތިބީ ބަލި ނުވީމައި ވަރަށް އުފަލުން"، ކޯޗު ވިއޭރާ ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ވަނީ ދާދި ފަހުން އެޓީމަށް ލޯނު އުސޫލުން ގެނައި ސްޓްރައިކަރު ވައުޓް ވެހޯސްޓް ފުރަތަމަ 11 ގައި ކުޅުވައިފަ އެވެ. އެކަމަކު އޭނާ އަށް އެންމެ އެދެވޭ ކުޅުމެއް މި މެޗުގައި ނުދެއްކެ އެވެ.

ޔުނައިޓެޑްގެ ފަރާތުން މެޗުގައި ދެ ވަނަ ގޯލެއް ނުފެނުމުން ކޯޗު ޓެން ހަގް ހުރީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ.

"މެޗުން މޮޅުވާން ދެ މިނިޓަށް ވެފައި ވަނިކޮށް އެ ގެއްލުނީ ދެ ޕޮއިންޓް"، މެޗަށް ފަހު ޓެން ހަގް ބުންޏެވެ.

"އަހަރެމެން 1-0 އިން ކުރީގައި އޮތީ، ދެ ވަނަ ހާފުގައި ބައިވަރު ފުރުސަތު ލިބުނު ދެވަނަ ގޯލެއް ޖަހަން. އެކަމަކު އަހަރެންނަކަށް ނުފެނުނު ސީދާ ދެވަނަ ގޯލަކަށް މަސައްކަތް ކުރި ތަނެއް."