Roadha Mihaaru
ޔުނައިޓެޑް މޮޅުވިއަސް ކަސެމީރޯ ތިން މެޗަށް ސަސްޕެންޑް

ޔުނައިޓެޑް މޮޅުވިއަސް ކަސެމީރޯ ތިން މެޗަށް ސަސްޕެންޑް

05 ފެބުރުއަރީ 2023

މެންޗެސްޓާ (ފެބްރުއަރީ 5) - މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އާ ވާދަކޮށް 2-1 އިން މޮޅުވި މެޗުގައި އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ އަށް ސީދާ ރަތް ކާޑެއް ދެއްކުމުން ތިން މެޗަށް އޭނާ ސަސްޕެންޑް ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ފެބްރުއަރީ 5) - މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އާ ވާދަކޮށް 2-1 އިން މޮޅުވި މެޗުގައި އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ އަށް ސީދާ ރަތް ކާޑެއް ދެއްކުމުން ތިން މެޗަށް އޭނާ ސަސްޕެންޑް ވެއްޖެ އެވެ.

ޔުނައިޓެޑުން މެޗުގައި ލީޑު ނެގީ ވީއޭއާރުގެ އެހީގައި، ހަތް ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭޒް ޖެހި ލަނޑުންނެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 62 ވަނަ މިނިޓުގައި ޖަހައިދިނީ މާކަސް ރަޝްފޯޑެވެ. ކަސެމީރޯ އަށް ރަތް ކާޑު ދެއްކި ފަހުން 76 ވަނަ މިނިޓުގައި ޕެލަސްގެ ގޯލު ޖަހައިދިނީ ޖެފެރީ ޝްލަޕް އެވެ.

މެޗު ނިމެން 20 މިނިޓަށް ވެފައި ވަނިކޮށް ކަސެމީރޯ އަށް ރަތް ކާޑު ދެއްކީ، ޔުނައިޓެޑްގެ އެންތަނީ އަށް ޕެލަސްގެ ޝްލަޕް ކުރި ފައުލަކާ ގުޅިގެން ކުޅުންތެރިން ހޫނުވި ދަނޑިވަޅުގައި، ޕެލަސްގެ ވިލް ހިއޫޖްސް ގެ ކަރުގައި ހިފި ކަމަށް ވީއޭއާރު ރެފްރީ އަށް ފާހަގަ ވެގެންނެވެ.

މި ރަތް ކާޑާ އެކު ކަސެމީރޯ އަށް ޔުނައިޓެޑުން ލީގުގައި ދެން ކުޅޭ ތިން މެޗުގައި ވެސް ނުކުޅެވޭނެ އެވެ. ނަމަވެސް ޔުނައިޓެޑަށް އޮތް ހިތްހަމަ ޖެހުމަކަށް ވާނީ ލީގް ކަޕް ފައިނަލްގެ ކުރިން ކަސެމީރޯގެ ސަސްޕެންޝަން ހަމަވުމެވެ. ކަސެމީރޯ އަށް ގެއްލޭނީ ލީގުގައި މި ހަފްތާ އާއި އަންނަ ހަފްތާ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ދެ މެޗާއި ދެ ހަފްތާ ފަހުން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.

ރަޝްފޯޑްގެ ލަނޑަކީ ޑިސެމްބަރު މަހު ނިމުނު ވޯލްޑް ކަޕަށް ފަހު އޭނާ ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން 11 ވަނަ ގޯލެވެ.

ޕެލަސްގެ ވިލްފްރެއިޑް ޒާހާ އަށް އަނިޔާ ވެގެން ޓީމުގައި ނުހިމެނުނު ނަމަވެސް އެ ޓީމުން އޭނާ ނެތް ތަން މާ ބޮޑަކަށް ނުދެއްކި އެވެ. ރަނގަޅު ފޯމެއްގައި އޮތް ޔުނައިޓެޑާ ދެކޮޅަށް އެޓީމުން ވަރުގަދަ ވާދައެއްކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. އެޓީމުން ޖެހި ގޯލަކީ ވެސް މާކް ގޭހީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކީޕަރު ޑޭވިޑް ޑެހެއާ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލި ބޯޅައިން ޖެހި ގޯލެކެވެ.

ޕެލަސް އޮތީ މިހާތަނަށް ކުޅުނު 21 މެޗުން 24 ޕޮއިންޓް ހޯދައިގެން 12 ވަނައިގަ އެވެ. ޔުނައިޓެޑާ އެއްވަރަށް ޕޮއިންޓް ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑް ރޭ މޮޅު ނުވުމުން އެޓީމަށް ވަނީ ތިން ވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ.

ޔުނައިޓެޑް ތިން ވަނައިގައި އޮތީ 21 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ނިއުކާސަލް އަށް ލިބިފައި ވަނީ 40 ޕޮއިންޓެވެ.

ނިއުކާސަލް ރޭ އަމިއްލަ ދަނޑިގައި އެއްވަރުވީ ވެސްޓް ހޭމް ޔުނައިޓެޑާ ވާދަކޮށް 1-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ތިން ވަނަ މިނިޓުގައި ކެލަމް ވިލްސަން ވަނީ ނިއުކާސަލް އަށް ލީޑު ނަގައިދީފަ އެވެ. އެވަޓަން އިން އެއްވަރު ކުރީ 32 ވަނަ މިނިޓުގައި ލޫކަސް ޕަކޭޓާ ޖަހައިދިން ގޯލުންނެވެ.