Roadha Mihaaru
ޔުނައިޓެޑް އަނެއްކާ ވެސް ފަހަތަށް ފުރޮޅާލައިފި

ޔުނައިޓެޑް އަނެއްކާ ވެސް ފަހަތަށް ފުރޮޅާލައިފި

01 އޮކްޓޯބަރ 2023

މެންޗެސްޓާ (ސެޕްޓެމްބަރު 30) - އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 1-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް އަނެއްކާ ވެސް ފަހަތަށް ފުރޮޅާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ސެޕްޓެމްބަރު 30) - އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 1-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް އަނެއްކާ ވެސް ފަހަތަށް ފުރޮޅާލައިފި އެވެ.

ލީގުގައި ޖެހިޖެހިގެން ދެ މެޗުން ވީ ބައްޔަށް ފަހު މިދިޔަ ހަފްތާ ޔުނައިޓެޑް ވަނީ ބާންލީ މައްޗަށް ހަނި ގޮތަކަށް ކުރި ހޯދައިފަ އެވެ. އަދި މިޑް ވީކުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު ލީގް ކަޕް މެޗު ފަސޭހަ ކަމާ އެކު ކާމިޔާބު ކުރުމުން، ޔުނައިޓެޑް އަލުން ރަނގަޅު ޓްރެކަކަށް އެޅުނު ކަމަށް ހީކުރެވުނެވެ. ނަމަވެސް ޕެލަސް މިވަނީ ތިން ދުވަސް ފަހުން ލީގުގައި ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމު ބަލިކޮށްލައިފަ އެވެ.

މިރޭ ކުޅުނު ލީގު މެޗުގައި ޕެލަސްގެ ހަމައެކަނި ގޯލު 25 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޔޯކިމް އެންޑަސަން އެވެ.

މި ނަތީޖާ އާ އެކު ޔުނައިޓެޑް ވަނީ 10 ވަނައަށް ވެއްޓިފަ އެވެ. ޔުނައިޓެޑް މިހާތަނަށް ކުޅުނު ހަތް މެޗުން ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ޔުނައިޓެޑް ވައްޓާލައި ޕެލަސް ވަނީ ހަތް މެޗުން 11 ޕޮއިންޓް ހޯދައިގެން ނުވަ ވަނައަށް ޖެހިލައިފަ އެވެ.

ޕެލަސްއާ ކުޅުނު މެޗުގައި ޔުނައިޓެޑްގެ ގާނާޗޯ މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ

ޕެލަސްއާ ކުޅުނު މެޗުގައި ޔުނައިޓެޑްގެ ގާނާޗޯ މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ

މިއާ އެކު ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ކޯޗު އެރިކް ޓެން ހާގް އާ މެދު ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ. އަދި ޓީމުގެ ދަށް ކުޅުމާ އެކު ޓެން ހާގް ވަނީ ސަޕޯޓަރުން ހިތްހަމަ ނުޖެހުން ފާޅުކުރުން ހައްގު ކަމަށް ބުނެފަ އެވެ.

"ސަޕޯޓަރުންގެ އިހުސާސްތައް އަހަރެންނަށް ވިސްނޭ، އަމިއްލަ ދަނޑުގައި ނޫނީ ރަށުން ބޭރުގައި ވެސް ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އަހަރެމެން މޮޅުވާން މަޖުބޫރު،" މަގާމުގެ ޕްރެޝަރާ ކުރިމަތިވެފައިވާ ކޯޗު ޓެން ހާގް ބުންޏެވެ.

"އަހަރެންނަށް ކުޅުންތެރިން ގޯހެއް ނުކުރެވޭނެ، އެ ކުޅުންތެރިން ވަރަށް ހިތްވަރު ކޮށްފި. އެކަމު ދެ ބޮކްސް ތެރޭ ވެސް ކުޅުމުގެ އެންމެ ފަހު މަރުހަލާ އެންމެ ރަނގަޅަކަށް ނޫން ދިޔައީ. އަހަރެމެން ކޮޅަށް ވަދެފައި ހުރީ ސެޓް ޕްލޭސް ތަކުގައި އަހަރެމެން އަތުގައި ކޮންޓްރޯލް ހުރި ބޯޅަތައް."