Roadha Mihaaru
ކަށަވަރު ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް އިންޖީނު ދީފި

ކަށަވަރު ޕްރޮމޯޝަން: ނަސީބުވެރިޔާއަށް އިންޖީނު ހަވާލުކޮށްފި

19 ޖެނުއަރީ 2023

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ "ކަށަވަރު ޕްރޮމޯޝަން"ގެ 200،000ރ. ގެ އިންޖީނު ލިބުނު ނަސީބުވެރިޔާ ހޮވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ "ކަށަވަރު ޕްރޮމޯޝަން"ގެ 200،000ރ. ގެ އިންޖީނު ލިބުނު ނަސީބުވެރިޔާ ހޮވައިފި އެވެ.

އެ ޕްރޮމޯޝަނުގެ ނަސީބުވެރިޔަކަށް ހޮވުނީ އއ. އުކުޅަހު ޖަވާހިރުމާގޭ، ހުސައިން ނަސީރު އެވެ. އިއްޔެ ކަށަވަރު ޝޯރޫމުގައި އޮތް ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ އިނާމު ހަވާލުކޮށްދެއްވައިފަ އެވެ.

މުޅި ޕްރޮމޯޝަނުގެ ނަސީބުވެރިޔާ އަށް ލިބުނު އިންޖީނަކީ 35 ހޯސްޕަވަރުގެ އިންޖީނެކެވެ. މިދިޔަ އަހަރުގެ ކަށަވަރު ޕްރޮމޯޝަނުގައި 5000ރ. ގެ ކޮންމެ ވިޔަފާރިއަކަށް ވަނީ ކޫޕަނެއް ދޫކޮށްފަ އެވެ. އަދި އެ ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކުނަސީބުވެރިއެއް ހޮވައި 2.5 ހޯސްޕަވަރުގެ ސުޒުކީ މެރިން އިންޖީނެއް ވެސް ދިނެވެ.

މުޅި ޕްރޮމޯޝަނުގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ދިން 200،000ރ. ގެ އަގުހުރި އިންޖީނު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުޅި ޕްރޮމޯޝަނުގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ދިން 200،000ރ. ގެ އަގުހުރި އިންޖީނު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ޕްރޮމޯޝަނުގެ ދަށުން ގްރޭޓާ މާލޭ އޭރިއާގެ ބަނދަރު ސަރަހައްދާއި ބައެއް ރަށްރަށަށް އެމްޓީސީސީގެ ޓީމު ވަނީ ޒިޔާރަތްކޮށްފަ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ ޕްރޮމޯޝަނުގެ މަގުސަދަކީ އޮޑިވެރިންނާއި މަސްވެރިންނާއި ޓޫރިޒަމް އަދި ޓްރާންސްޕޯޓް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ހެޔޮ އަގެއްގައި އެ ކުންފުނިން ތަކެތި ފޯރުކޮށްދިނުމެވެ.

"ކަށަވަރު ޕްރޮމޯޝަން" އަކީ ކޮންމެ އަހަރެއްގެ ފަހު ކޮޅުގައި އެމްޓީސީސީގެ ކަށަވަރު ޝޯރޫމުގައި ކުރިއަށްގެންދާ ބޮޑު ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި ޔަންމާ އަދި ސުޒުކީ އިންޖީނުގެ ތެރެއިން ބައެއް އިންޖީނުތަކާއި، ސްޕެއާ ޕާޓާއި، އަޑީ ތެޔޮ، ދަވާ، ޕީޕީޖީ ކޯޓިން އަދި އިންޑަސްޓްރިއަލް ގޭސް ފަދަ ޕްރޮޑަކްޓުތަކުން ފަސް ޕަސެންޓާއި 10 ޕަސެންޓާއި ދެމެދުގެ ޑިސްކައުންޓު ދެ އެވެ.