Roadha Mihaaru
ޝިއާއުގެ މަރުގެ ޝަރީއަތް ސިއްރުކޮށްގެން ފަށަނީ

ޝިއާއުގެ މަރުގެ ޝަރީއަތް ސިއްރުކޮށްގެން އާދިއްތަ ދުވަހު ފަށަނީ

20 ޖެނުއަރީ 2023

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ސިއްރުކޮށްގެން ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ސިއްރުކޮށްގެން ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ޝިއާއު މަރާލުމަށްފަހު ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ދައުލަތުން ދައުވާކުރަނީ ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ.

އެ މައްސަލައިގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ހެނދުނު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސާފައިވާއިރު، އެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމީ އެކަމަށް ދައުލަތުން ވެސް އެދިފައި ވަނިކޮށެވެ.

ސާހިލްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމުގެ ދައުވާ ކުރެ އެވެ. ބާކީ އޮތް ދެ ދައުވާގެ މައުލޫމާތު ދައުލަތުން ވެސް ސިއްރުކޮށްފައިވާތީ ކޯޓުން ވެސް އެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.

ޝިއާއު މަރާލި ފަހުން ވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކަ އެވެ. އެ މައްސަލާގައި ސާހިލް ހައްޔަރުކުރީ ވެސް ކުށުގެ ވެށިންނެވެ. އެ މައްސަލާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.