Roadha Mihaaru
ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކޮށްފި

މާލީ އޮޅުވާލުންތަކަކާ ގުޅިގެން ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކޮށްފި

21 ޖެނުއަރީ 2023

ޓިއުރިން (ޖެނުއަރީ 21) - އިޓަލީ ފުޓުބޯޅައިގެ ގަދަ ބާރު ޔުވެންޓަސް އިން މާލީ ގޮތުން ގަވާއިދާ ހިލާފު ކަންތައްތަކެއް ކުރި ކަމަށް އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ކުރިއަށް ގެންދިޔަ ތަހުގީގަށް ކަށަވަރު ވެގެން، އެ ޓީމު އަތުން 15 ޕޮއިންޓް އުނި ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޓިއުރިން (ޖެނުއަރީ 21) - އިޓަލީ ފުޓުބޯޅައިގެ ގަދަ ބާރު ޔުވެންޓަސް އިން މާލީ ގޮތުން ގަވާއިދާ ހިލާފު ކަންތައްތަކެއް ކުރި ކަމަށް އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ކުރިއަށް ގެންދިޔަ ތަހުގީގަށް ކަށަވަރު ވެގެން، އެ ޓީމު އަތުން 15 ޕޮއިންޓް އުނި ކޮށްފި އެވެ.

ޔުވެންޓަސް އަށް ކުރަނީ ކުލަބުގެ ފައިސާގެ މުއާމަލާތްތަކެއްގައި މަކަރު ހަދައި ހަރަދުތައް އޮޅުވާލުމުގެ ތުހުމަތެވެ.

އިޓަލީގެ ޕްރޮސެކިއުޓަރުން އެ ކުލަބު އަތުން ނުވަ ޕޮއިންޓް އުނިކުރަން އެދުނު ނަމަވެސް ފެޑެރޭޝަނުން ނިންމީ 15 ޕޮއިންޓް އުނި ކުރާށެވެ. ފެޑެރޭޝަންގެ މި ނިންމުމާ އެކު، ލީގުގެ ތިން ވަނައިގައި އޮތް ޔުވެންޓަސް ވަނީ ތާވަލުގެ 10 ވަނައަށް ވެއްޓިފަ އެވެ.

މި ސީޒަން ގައި ލީގުގައި މިހާތަނަށް ކުޅުނު 18 މެޗުން 37 ޕޮއިންޓް ހޯދި ނަމަވެސް، ޕޮއިންޓް އުނި ކުރުމާ ގުޅިގެން އެޓީމަށް ލިބިފައި ވަނީ 22 ޕޮއިންޓެވެ.

މި މައްސަލައާ ގުޅިގެން ޔުވެންޓަސް އިން ވަނީ އެ ކުލަބަށް ކުރާ ތުހުމަތުތައް ދޮގު ކޮށްފަ އެވެ. އަދި އިޓަލީގެ އޮލިމްޕިކް ކޮމިޓީ (ކޯނީ) ގައި މައްސަލަ އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ވެސް ޔުވެންޓަސް އިން ނެރުނު ބަޔާނުގައި ވެއެވެ.

ސީޒަން ފެށުނު އިރު ޔުވެންޓަސްގެ ރައީސްގެ މަގާމުގައި ހުރި އަންޑްރެއާ އަންޔެލީ އާއި ނައިބު ރައީސް ޕަވެލް ނެޑްވެޑް އާއެކު އެ ކުލަބުގެ ހުރިހާ ބޯޑް މެމްބަރުންނެއް ވަނީ މިދިޔަ ނޮވެމްބަރު މަހު މަގާމުން އިސްތިއުފާ ދީފަ އެވެ.

މައްސަލައާ ގުޅިގެން ކުލަބަށް އެޅި ފިޔަވަޅުގެ އިތުރަށް، ކުލަބުގެ މިހާރުގެ ބޯޑާއި ކުރީގެ ބޯޑުގެ ޖުމްލަ 11 މެމްބަރަކަށް ވަނީ އަދަބު ދީފަ އެވެ. އޭގެ ތެރޭގައި ނެޑްވެޑް ވެސް ހިމެނެ އެވެ. ނެޑްވެޑް ވަނީ އަށް މަސްދުވަހަށް ފުޓުބޯޅައިގެ ހަރަކާތްތަކުން އެއްފަރާތް ކޮށްފަ އެވެ.

ޔުވެންޓަސްގެ ކުރީގެ ސްޕޯޓްސް ޑިރެކްޓަރު، މިހާރު އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާގެ މެނޭޖިން ޑިރެކްޓރުގެ މަގާމުގައި ހުރި ފަބިއޯ ޕަރާޓީސީ 30 މަހަށް ފުޓުބޯޅައިގެ ހަރަކާތްތަކުން އެއްފަރާތް ކުރި އިރު، އަންޔެލީ އާއި ކުރީގެ ޗީފް އެގްޒެކެޓިވް މައުރީޒިއޯ އަރިވެބޭނޭ ވަނީ ދެ އަހަރު ދުވަހަށް ފުޓުބޯޅައިގެ ހަރަކާތްތަކުން ދުރު ކޮށްފަ އެވެ.

މީގެ އިތުރުން މިހާރު ޔުވެންޓަސްގެ ސްޕޯޓްސް ޑިރެކްޓަރުގެ މަގާމުގައި ހުރި ފެޑެރިކޯ ޗާރުބީނީ ވަނީ 16 މަސްދުވަހަށް ފުޓުބޯޅައިން ބޭން ކޮށްފަ އެވެ.

ޔުވެންޓަސްގެ ރައީސްގެ މަގާމުގައި އަންޔެލީ ހޭދަކުރި 13 އަހަރު، އެ ކުލަބުން ވަނީ އިޓާލިއަން ލީގު ޖެހިޖެހިގެން ނުވަ ފަހަރު ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް މިދިޔަ ދެ ސީޒަން ގައި ވެސް އެޓީމު ނިންމާލީ ތާވަލްގެ ހަތަރު ވަނައިގަ އެވެ.

މިދިޔަ ސީޒަން ގައި ޔުވެންޓަސް އިން ވަނީ 220 މިލިއަން ޕައުންޑް (272.56 މިލިއަން ޑޮލަރު) ގެ މާލީ ގެއްލުމެއް ލިބިފައި ވާކަން ހާމަ ކޮށްފަ އެވެ. މިއީ އިޓަލީގެ ފުޓުބޯޅަ ތާރީހުގައި ވެސް ރެކޯޑް އަދަދެކެވެ.

ކޮވިޑް-19 ގެ ދުވަސްވަރު ޔުވެންޓަސްގެ 23 ކުޅުންތެރިއަކު، ހަތަރު މަސްދުވަހަށް މުސާރަ ކުޑަކުރަން އެއްބަސް ވެފައި ވާކަން އެ ކުލަބުން ހާމަ ކުރި އެވެ. ނަމަވެސް ޕްރޮސެކިއުޓަރުން ހޯދި ހޯދުންތަކުން ކުޅުންތެރިންގެ މުސާރަ ކުޑަކުރީ އެންމެ މަހަކަށެވެ. ހަމަ އެއާ އެކު ކުރިން އެޓީމަށް ކުޅުނު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ސިއްރުން ހަރަދުތަކެއް ކޮށްފައި ވާކަމަށް ވެސް ޕްރޮސެކިއުޓަރުން ތުހުމަތު ކުރެ އެވެ.

މި މައްސަލަ ފެންމަތި ވެފައި މިވަނީ ރެފްރީންނަށް ރިޝަވަތު ދީގެން މެޗު ވިއްކުމުގެ ތުހުމަތުގައި ޔުވެންޓަސް އިޓަލީގެ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްލައި ދެ ލީގު ޓައިޓަލް އެ ކުލަބު އަތުން އަތުލިތާ 17 އަހަރަށް ފަހު އެވެ.

ހަމަ އެއާ އެކު މިދިޔަ މަހު ޔޫއެފާ އިން ވަނީ ޔުވެންޓަސްގެ ކުލަބް ލައިސެންސިން އާއި ފައިނޭންޝިއަލް ފެއާޕްލޭ ރެގިއުލޭޝަނާ ހިލާފު ވެފައިވާކަމަށް ބަލައި ތަހުގީގެއް ފަށައިފަ އެވެ.

ޔުވެންޓަސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން، މިދިޔަ ހޮނިހިރު ދުވަހު ވަނީ ލީގު ތާވަލްގެ އެއްވަނައިގައި އޮތް ނަޕޯލީ އަތުން ރަށުން ބޭރުގައި 5-1 އިން ބަލި ވެފަ އެވެ. އެޓީމަށް ދެން އޮތީ އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެޓަލާންޓާ އާ ދެކޮޅަށް ކުޅޭ މެޗެވެ.