ދިވެހި ކަނޑުގެ ސިފައިންނާއި މަސްވެރިން ބައިވެރިވެގެން، މީގެ ކުރިން މިއަށް ވުރެ ބޮޑެތި ކަނޑުގެ އޮޕަރޭޝަންތައް ހިންގާފައިވެ އެވެ. މިއަށް ވުރެ މާ ދުރުން، މާ ގިނަ މީހުން ވެސް ސަލާމަތްކޮށްފައިވެ އެވެ. އެކަމަކު މަހަށް ނިކުތްތާ 20 ދުވަސް ފަހުން، ސްރީ ލަންކާގެ ހަތަރު މަސްވެރިން މިދިޔަ ބުދަ ދުވަހު ކޯސްޓް ގާޑުން ސަލާމަތް ކުރުން ދިވެހި ތާރީހުގެ ތެރެއަށް ވަދެފައިވަނީ، ބޭރުގެ ގައުމަކުން އެދިގެން، މީހުން ސަލާމަތްކުރަން ހިންގި މި ފަދަ ބޮޑު ފުރަތަމަ އޮޕަރޭޝަން ކާމިޔާބުކަމާ އެކު ނިންމާލެވުމުންނެވެ.
17 ޖެނުއަރީ 2017
ދިވެހި ކަނޑުގެ ސިފައިންނާއި މަސްވެރިން ބައިވެރިވެގެން، މީގެ ކުރިން މިއަށް ވުރެ ބޮޑެތި ކަނޑުގެ އޮޕަރޭޝަންތައް ހިންގާފައިވެ އެވެ. މިއަށް ވުރެ މާ ދުރުން، މާ ގިނަ މީހުން ވެސް ސަލާމަތްކޮށްފައިވެ އެވެ. އެކަމަކު މަހަށް ނިކުތްތާ 20 ދުވަސް ފަހުން، ސްރީ ލަންކާގެ ހަތަރު މަސްވެރިން މިދިޔަ ބުދަ ދުވަހު ކޯސްޓް ގާޑުން ސަލާމަތް ކުރުން ދިވެހި ތާރީހުގެ ތެރެއަށް ވަދެފައިވަނީ، ބޭރުގެ ގައުމަކުން އެދިގެން، މީހުން ސަލާމަތްކުރަން ހިންގި މި ފަދަ ބޮޑު ފުރަތަމަ އޮޕަރޭޝަން ކާމިޔާބުކަމާ އެކު ނިންމާލެވުމުންނެވެ.
ލަންކާގެ ސަރުކާރުން އެކަން ސިފަކުރީ، "އެ ގައުމަށް ދިވެހިން ކޮށްދިން އަގުވަޒަން ނުކުރެވޭނެ ވަރުގެ ޚިދުމަތެއް"ގެ ގޮތުގަ އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު، ހއ. ތުރާކުނު ބޭރުން އޮޔާ ބެހެމުން ދިޔަ މަސްބޯޓެއް އެންމެ ފުރަތަމަ ފެނުނީ، ތ. އޮމަދޫ ކަނޑުރޯދި ދޯންޏަށެވެ. ކޯސްޓް ގާޑަށް އެކަން ރިޕޯޓު ކުރުމަށް ފަހު، އެ ކަންނެލި ދޯނި މަސްބޯޓާ ގާތްކޮށް، އޭގައި ތިބި ދެ މީހުން ސަލާމަތްކުރި އެވެ.
އޮޕަރޭޝަން ހިންގާތާ އަށް ވަނަ ދުވަހު ލަންކާގެ މަސް ބޯޓު ހޯދައި ހުރަވީގައި ކަފު ޖަހައިގެން ގެންނައިރު، ހުރަވީގެ ކެޕްޓަން ޖަމްޝާދު ބަލަހައްޓަވައިގެން-- ފޮޓޯ/ އެމްއެންޑީއެފް
އެ ޚަބަރު ސްރީ ލަންކާގެ ސަރުކާރަށް އެނގުމުން އެ މީހުން އެދުނީ ލަންކާގެ އެހެން މަސް ބޯޓެއް ރާއްޖޭގެ ސަރަހައްދަށް ގެއްލިގެން އުޅޭ ކަމާއި އެ ބޯޓު ހޯދައިދީ، މީހުން ސަލާމަތް ކޮށްދިނުމަށެވެ. ލަންކާގެ ރައީސާއި ބޮޑުވަޒީރުގެ އެ އެދިވަޑައިގަތުން ދިވެހި ސަރުކާރުން ގަބޫލުކޮށް، އެ މީހުން ހޯދަން ބޮޑު އޮޕަރޭޝަނެއް ފެށި އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ޗީފް އޮފް ޑިފެންސް ފޯސް، އަހުމަދު ޝިޔާމްގެ ބެއްލެވުމުގެ ދަށުން އެ އޮޕަރޭޝަނަށް ކޯސްޓް ގާޑުގެ ދެ އުޅަނދެއް ނެރުނެވެ. އެއީ ސިފައިންގެ ތެރޭގައި އޮތް ކޯސްޓް ގާޑުގެ އެންމެ ބޮޑު އުޅަނދު ހުރަވީ އާއި އެންމެ ފަހުން ސިފައިން ހިދުމަތަށް ނެރުނު، އެންމެ ބާރަށް ދުވާ ކުޑަ އުޅަނދެކެވެ.
މިދިޔަ ޑިސެމްބަރު 24 ވަނަ ދުވަހު މަހަށް ނިކުތް ލަންކާގެ އެ ބޯޓު ދަތުރުކުރި ގޮތާ ގުޅޭ ގޮތުން ލިބުނު މައުލޫމާތުތަކަށް ބަލައި، ކޯސްޓް ގާޑުން އެންމެ ފުރަތަމަ އެ މީހުން ހޯދަން ނިކުތީ މި މަހު ކުރީކޮޅު، ރާއްޖޭގެ އިރުމަތީ ފަރާތަށެވެ. އެކަމަކު ވަރަށް ބޮޑު ސަރަހައްދެއް ބެލި އިރު ވެސް އެ މީހުން ނުފެނުމުން، އޮޔާއި ވައި ހުރި ގޮތަށް ބަލައި ދެން އުޅަނދުތައް ފޮނުވީ ހުޅަނގު ފަރާތަށެވެ.
ކުޑަ އުޅަނދު ރާއްޖެއާ ކައިރިން ކަނޑުމަތި ބެލި އިރު، ހުރަވީ ދަތުރު ކުރީ ދުރުންނެވެ. ފެންނަ ކޮންމެ އުޅަނދެއް ކައިރިއަށް ލޯންޗު މަޑުކޮށް، ކޮން ބައެއްތޯ ބެލި އެވެ.
ދިވެހި ސިފައިންނަށް ލަންކާގެ ބޯޓު ފެނުނު އިރު، އެ ބޯޓުގައި އެ މީހުން މަޑުކޮށްލައިގެން: އޭރު އެކެއްގެ ހާލު ދެރަ-- ފޮޓޯ/ އެމްއެންޑީއެފް
އެންމެ ފަހުން، ހުރަވީގެ ރާޑަރަށް އެ ބޯޓު އެރީ ހޯދާތާ އަށް ދުވަސް ފަހުން، މިދިޔަ ބުދަ ދުވަހު އެވެ. ކޯސްޓް ގާޑުން އެ މީހުން ސަލާމަތް ކުރީ، ރާއްޖޭގެ އެންމެ ހުޅަނގަށް އޮންނަ ހދ. މަކުނުދޫގެ 153 މޭލު ބޭރުންނެވެ.
ބޯޓުގައި ތިބި ގާތްގަނޑަކަށް 50 އަހަރުން މަތީގެ ހަތަރު މީހުންގެ ތެރެއިން އެކެއްގެ ހާލު އޭރު ދެރަ އެވެ.
"އެންމެ ފުރަތަމަ އަޅުގަނޑުމެން އެމީހުންނަށް ބިސްކޯދާއި މޭވާ ކަހަލަ އެއްޗެހި މަދުމަދުން ދިނީ. ބަނޑުހައިކަން ފިލައި ހާލު ރަނގަޅުވާން ފެށުމުން، އުޅަނދު ކަފު ޖަހައިގެން އަނބުރާ އައީ،" އޮޕަރޭޝަން ކުރިއަށް ގެންދިޔަ ގޮތާ ގުޅޭ ގޮތުން ހުރަވީ ލޯންޗުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލޯންޗުގެ ކެޕްޓަން މުހައްމަދު ޖަމްޝާދު ވިދާޅުވި އެވެ.
ހދ. ކުޅުދުއްފުށީގައި މަޑުކުރުމަށް ފަހު، ހުރަވީ ލޯންޗު ލަންކާގެ ފަޅުވެރިންނާ އެކު މިދިޔަ ހުކުރު ދުވަހުގެ ރޭ މާލެ އައުމުން އެމީހުންނަށް މަރުހަބާ ކިޔަން އެ ގައުމުގެ ޑެޕިއުޓީ ސްޕޯޓްސް މިނިސްޓަރާއި ރާއްޖޭގައި ހުންނަވާ ލަންކާގެ ސަފީރު، އަސޯކާ ތޮރަޑެނިޔަ ވެސް ކޯސްޓް ގާޑު ލޯންޗަށް ވަޑައިގެންނެވި އެވެ.
އެ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ތޮރަޑެނިޔަ ވިދާޅުވީ ރާއްޖޭން ދައްކައިދިނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރަހައްދީ ގައުމުތަކަށް ވެސް ނަމޫނާއެއް ކަމަށެވެ. އަދި މިއީ ދުނިޔެއަށް ދިން މެސެޖެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.
ސަފީރު ވިދާޅުވި ގޮތުގައި އިންސާނީ ޚިދުމަތުގައި ދިވެހިން ކޮށްދިން މި މަސައްކަތުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަރުގަދަވެއްޖެ އެވެ.
ކޯސްޓް ގާޑު ހުރަވީން ލަންކާގެ ބޯޓުގެ ފަޅުވެރިން (ކަނާއަތުގައި) ހޯދަން ހިންގި އޮޕަރޭޝަން ކާމިޔާބު ކުރުމުން އެ ގައުމުގެ ސަފީރާއި ބައެއް އިސް ވެރިން ދިވެހި ސިފައިންނާއި މަސްވެރިންގެ މަސައްކަތް ފާހަގަކޮށް، ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: އެމްއެންޑީއެފް
ސިފައިންގެ މި އޮޕަރޭޝަނާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އެމްއެންޑީއެފް ކޯސްޓް ގާޑުގެ ކޮމާންޑަރު، ކާނަލް މުހައްމަދު އިބްރާހިމް (އެމްއައި) ވިދާޅުވީ ކޯސްޓް ގާޑުން ކުރިއަށް ގެންދާ ކަނޑުމަތީގެ އެހެން ރެސްކިއު އޮޕަރޭޝަންތަކާ މި ފަހަރު ތަފާތުވީ ދެ ގައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުމެވެ.
ދިވެހިންނާއި ދިވެހި ސިފައިންނަށް މިކަން ކުރެވޭނެ ކަމުގެ ޔަގީންކަމާއި އިތުބާރު، ލަންކާގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް ދިނުމަކީ އެ އޮޕަރޭޝަން ކާމިޔާބުކުރަން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބައިނަލްއަގްވާމީ ކޮމިޓްމަންޓްތަކެއް އެބަހުރި. ބޭރުގެ ގައުމަކުން އެދުމުން އަޅުގަނޑުމެން ދުނިޔެއަށް ހާމަކޮށްދިނީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް އަދި ކަނޑުގެ ބޮޑު ސަރަހައްދެއް ބަލަހައްޓަން ޖެހުނު ކަމުގައި ވިޔަސް ދިމާވާ މިފަދަ ގޮންޖެހުންތަކާއި ޒިންމާތައް އަޅުގަނޑުމެންނަށް ކުރެވޭނެކަން. މިއީ ދިވެހި ސިފައިންނާއި މަސްވެރިން އިންސާނިއްޔަތަށް ކޮށްދިން ހެޔޮ ކަމެއް،" މި ފަދަ ކޮންމެ އޮޕަރޭޝަނެއް ކާމިޔާބު ކުރުމުގައި ދިވެހި މަސްވެރިންގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި އެމްއައި ވިދާޅުވި އެވެ.
ލަންކާގެ ސަރުކާރުގެ އެދުމުގެ މަތިން އެ ގައުމުގެ މަސްބޯޓެއް ކޯސްޓް ގާޑުން ހޯދައި، މީހުން ސަލާމަތް ކުރި ގޮތާ ގުޅޭ ގޮތުން ކޯސްޓް ގާޑުގެ އެންމެ އިސް ވެރިން މައުލޫމާތު ދެއްވަނީ-- ފޮޓޯ: އައިމިނަތު ޝިފްލީން/ މިހާރު
ހުރަވީން ވަނީ، ލަންކާގެ މަސްވެރިން ދަތުރު ކުރި ކުޑަ ބޯޓު ވެސް ސަލާމަތްކޮށްދީފަ އެވެ.
އެމްއައި ވިދާޅުވީ ކޯސްޓު ގާޑުގެ ޒިންމާއަކީ ކަނޑުމަތީގައި ހާލުގައި ޖެހުމުން މީހުންނާއި މުދާ ސަލާމަތް ކޮށްދިނުން ކަމަށާއި އެކަމަކު ގިނަ ފަހަރަށް އެހެން ބެހިގެން ދާ އުޅަނދުތަކާ ހަމައަށް ސިިފައިންނަށް ދެވޭއިރު، އުޅަނދުތަކުގައި ތިބޭ މީހުންގެ ހާލު ވަރަށް ދަށް ކަމަށެވެ. އެހެންވެ، އެ ފަދަ ހާލަތްތަކުގައި އިސްކަން ދެނީ މީހުންގެ ފުރާނަ ސަލާމަތްކޮށްދޭން ކަމަށް ވިދާޅުވި އެވެ. އުޅަނދެއް ކަފުޖަހައިގެން، ހިކިފަސްތަނަކާ ހަމައަށް ގެންދަން ގިނަ ވަގުތު ނަގާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އާއްމުކޮށް އަޅުގަނޑުމެންނަށް އުޅަނދު ސަލާމަތެއް ނުކުރެވޭ. ރާއްޖެއާ އެހާ ދުރުން އުޅަނދު ފެންނައިރު، އެ ސަލާމަތް ކުރުމަށް އަޅުގަނޑުމެން އެތަނުގައި މަޑުކުރަން ވެއްޖެ ނަމަ ތެޔޮ ހުސްވެގެން އަޅުގަނޑުމެން ވެސް ބެހެން އެބަ ދިމާވޭ،" އެމްއައި ވިދާޅުވި އެވެ.
ހުރަވީގައި ސިފައިންނާއި ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމާއި ކޯސްޓް ގާޑުގެ ބައެއް ވެރިންނާ އެކު މިނިސްޓަރު ފޮޓޯއަކަށް ހުއްޓި ވަޑައިގެން -- ފޮޓޯ: އައިމިނަތު ޝިފްލީން/މިހާރު
"އެކަމަކު ބައެއް ފަހަރު އަޅުގަނޑުމެން އަތުގައި ހުންނަ ސްޕެއާ ދީގެން، އުޅަނދު ދުއްވައިގެން އެބަ އައްސޭރިއާ ހަމައަށް ގެނެސްދެން."
ދިވެހި ސިފައިންނާއި މަސްވެރިންގެ މި މަސައްކަތް ދިވެހި ސަރުކާރުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ހުރަވީ އަށް ވަޑައިގެން އޮޕަރޭޝަނުގައި ބައިވެރިވި ސިފައިންނާ ބައްދަލުކޮށް ޝުކުރުއަދާކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއީ މުޅި ގައުމަށް ވެސް ލިބުނު ޝަރަފެއް ކަމަށާއި ބޭރު ގައުމުތަކުގައި ވެސް ދިވެހިންގެ ނަން ރީތިވެއްޖެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބޭރު ގައުމުތަކާ އެކު ސިޔާސީ ގޮތުން އޮންނަ ގުޅުން ވެސް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ހާލުގައި ޖެހުނު ލަންކާގެ މަސް ބޯޓަކަށް އެހީތެރިވަނީ
"ދޯސްތީ"ގެ ތަމްރީނުތައް މާދަމާ ރާއްޖޭގައި ފަށަނީ
"ރާއްޖޭގެ ސަރަހައްދުން ފެނުނީ ކަނޑުފޭރޭ ބައެއް"
އިންޑިއާ މަސްވެރިންގެ ސަބަބުން ނުރައްކަލެއް ނެތް
ގެއްލިގެން އުޅުނު ލަންކާގެ މަސްބޯޓު ހޯދައިފި
މަސްވެރިކަންކުރަމުން ދިޔަ ލަންކާ ބޯޓެއް އަތުލައިގެންފި
ރާއްޖެ ސަރަހައްދަށް ވަން ލަންކާ ބޯޓެއް އަތުލައިގެންފި
ރާއްޖޭގެ ކަނޑަށް ތެޔޮ އެޅުމުގެ ފުރުސަތު ކުޑަ
ފަހުން އަތުލައިގަތް ހަތް މަސް ބޯޓެއް ދޫކޮށްލައިފި
ދާއަޅަން އުޅުނު ލަންކާގެ ބޯޓުތަކެއް ހިފަހައްޓައިފި