Roadha Mihaaru
"ރާއްޖޭގެ ސަރަހައްދުން ފެނުނީ ކަނޑުފޭރޭ ބައެއް"

ރާއްޖޭގެ ސަރަހައްދުން ފެނުނީ ކަނޑުފޭރޭ ބައެއް: މިނިސްޓަރު

14 ޖެނުއަރީ 2018

ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އާއި ހުކުރު ދުވަހުގެ ރޭ ހިފެހެއްޓި ސޯމާލިއާގެ ދެ މަސްބޯޓުގައި ތިބީ ކަނޑުފޭރޭ ބައެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އާއި ހުކުރު ދުވަހުގެ ރޭ ހިފެހެއްޓި ސޯމާލިއާގެ ދެ މަސްބޯޓުގައި ތިބީ ކަނޑުފޭރޭ ބައެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.

ގިރިފުށީގައި ބޭއްވި ސިފައިންގެ 63 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތައިލެންޑުގެ ބަޔަކު ތިބި އެ ދެ ބޯޓުގައި ތިބީ، ކަނޑުފޭރޭ މީހުންގެ ގޮތުގައި ހުނި ޖެހިފައި ތިބި ބައެއް ކަމަށެވެ. އަދި ދެ މަސްބޯޓުގައި ތިބި 22 ފަޅުވެރިންނާ ދިވެހި ސިފައިން ކުރިމަތިލީ ހުށިޔާރު ކަމާއި ޒިންމާދާރު ކަމަކީ މިސާލެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތް ކުރަނީ ކަނޑަށް ގަދަ، ވަރުގަދަ ފްލީޓެކެވެ.

ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ފެނުނު ދެ ބޯޓުގެ ތެރެއިން އެއް ބޯޓު ފެނުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ތ. ހިރިލަންދޫގެ ހުޅަނގުން 76.5 މޭލު ބޭރުންނެވެ. އަނެއް ބޯޓު ފެނުނީ އދ. މާމިގިލީ ހުޅަނގު ދެކުނުން ނުވަ މޭލު ބޭރުން ކަމަށް ދިވެހި ސިފައިން ވަނީ ބުނެ އެވެ. އޭގެ ތެރެއިން އެއް ބޯޓުގައި 10 ފަޅުވެރިން ތިބި އިރު އަނެއް ބޯޓުގައި 12 ފަޅުވެރިއަކު ތިއްބެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ.

އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި، އޭގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ފެނުނު ބޯޓު ދަތުރުކުރަމުން ދިޔައީ ސޯމާލިއާ އިން ތައިލެންޑަށެވެ.

އެމްއެންޑީއެފުން ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ފެނުނު ބޯޓު ރާއްޖޭގެ އިގުތިސޯދީ ސަރަހައްދަށް ވަނީ، ތެލާއި ކާބޯތަކެތި ބޭނުންވާ ކަމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި، އެކަމަކު ހުއްދަ ދިނުމުގެ ކުރިން ކަމަށެވެ.

"އެހެންކަމުން ބޯޓުގެ އަމަލުތައް ހުރި ގޮތުން، އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު، މި ބޯޓު ވަނީ އެމްއެެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ،" ދިވެހި ސިފައިންގެ ވެބްސައިޓްގައިވެ އެވެ.

ދެ މަސްބޯޓުގައި ތިބި މީހުންނާއި އެ ބޯޓުތައް މިހާރު ވަނީ ދިވެހި ފުލުހުންނާ ހަވާލުކޮށް، އެ މައްސަލަ ބަލަން ފަށައިފަ އެވެ.