Roadha Mihaaru
ބޮލުގައި ކުލަ ޖައްސަނީ އުފަލުގައި އުޅޭތީ: ގްރީޒްމަން

ބޮލުގައި ކުލަ ޖައްސަނީ އުފަލުގައި އުޅޭތީ: ގްރީޒްމަން

22 ޖެނުއަރީ 2023

މެޑްރިޑް (ޖެނުއަރީ 22) - އޭނާގެ ބޮލަށް ތަފާތު ގޮތްގޮތް ހަދައި، ކުލަ ޖައްސާފައި ހުރުމަކީ އޭނާ އުފަލުގައި ހުރި ކަމުގެ ނިޝާނެއް ކަން، ރޭ 3-0 އިން ރެއާލް ވަޔަޑޮލިޑް ބަލިކުރަން އެތުލެޓިކޯ މެޑްރިޑްގެ ޓީމަށް އެހީވި ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (ޖެނުއަރީ 22) - އޭނާގެ ބޮލަށް ތަފާތު ގޮތްގޮތް ހަދައި، ކުލަ ޖައްސާފައި ހުރުމަކީ އޭނާ އުފަލުގައި ހުރި ކަމުގެ ނިޝާނެއް ކަން، ރޭ 3-0 އިން ރެއާލް ވަޔަޑޮލިޑް ބަލިކުރަން އެތުލެޓިކޯ މެޑްރިޑްގެ ޓީމަށް އެހީވި ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.

އެތުލެޓިކޯ އިން މެޗުގައި ޖެހި ތިން ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 18 ވަނަ މިނިޓުގައި އަލްވަރޯ މޮރާޓާ ޖަހައިދިނެވެ. އޭގެ ފަސް މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިނީ ގްރީޒްމަން އެވެ. އަދި އޭގެ ފަސް މިނިޓު ފަހުން ތިންވަނަ ލަނޑު ޖެހީ މާރިއޯ ހާމޯސޯ އެވެ.

ތިން ގޯލުގައި ވެސް ގްރީޒްމަންގެ ހިއްސާ ބޮޑެވެ. މޮރާޓާ ގޯލު ޖެހީ ގްރީޒްމަން ބެކްހީލަކުން އޭނާ އަށް ޖައްސާލި ބޯޅައިން އެއްފަހަރުން ވަޔަޑޮލިޑްގެ ކުޅުންތެރިއެއް ކަޓުވާލާފަ އެވެ. ގްރީޒްމަން ގޯލު ޖެހީ ފުލްބެކް ނަހްޔެލް މޮލީނާ ހުރަސްކޮށްލި ބޯޅައެއް ބެކްހީލް ކިކަކުން ޖަހައެވެ.

އެތުލެޓިކޯގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެތުލެޓިކޯގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ހާމޯސޯ ޖެހި ގޯލަކީ ގްރީޒްމަން ނަގައިދިން ހިލޭޖެހުމެއްގެ އެހީގައި ކާމިޔާބު ކުރި ގޯލެކެވެ. ގްރީޒްމަންގެ ހިލޭޖެހުން އޭނާ ބޮލުން ފޮނުވާލުމުން ގޯލްކީޕަރު ޖޯޑީ މަޝިޕް ދިފާއު ކުރި ނަމަވެސް ރީބައުންސް ބޯޅަ އޭނާ ގޯލުތެރަށް ވައްދާލި އެވެ.

"އަހަރެންނަށް އެނގޭ މި ތާނގައި ވަރަށް ބޮޑު މިނިވަންކަމެއް އެބަ އޮތް. ޑިފެންސަށް ފައިބައިގެން ވެސް މަސައްކަތް ކުރަން ޖެހޭ. ކުރިއަށް އަރައި މަސައްކަތް ކުރަން ޖެހުމަކީ އަހަރެންނަށް އުފާވެރިކަން ގެނުވައިދޭ ކަމެއް،" މެޗަށް ފަހު ގްރީޒްމަން، 31، ބުންޏެވެ.

"އަހަރެން އުފާކުރަން ކުރަން، އެންމެ މަތީ ލެވެލް އަކަށް އަދި ނުދޭ. ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަން މަސައްކަތް ކުރަނީ. މި ކުލަބަށާއި ކޯޗަށް މަސައްކަތް ކޮށްދެނީ އުފަލާއެކު ހިތުން ރުހުމުން. މިއީ އަހަރެންގެ ގެ، ސަޕޯޓަރުން ވެސް އަހަރެން ދެކެ ލޯބިވޭ. ކުލަބުގެ ހުރިހާ ސްޓާފުން ވެސް އަހަރެންނަށް ވަރަށް ބޮޑަށް އެހީވޭ، ޓީމުގެ ކުޅުންތެރިންނާ ވެސް ގާތް ގުޅުމެއް އޮވޭ. އަހަރެންގެ ބޮލަށް ފާޑުފާޑުގެ ގޮތްގޮތް ހަދައި ތަފާތު ކުލަ ޖައްސާފައި ހުރުމުން އަންގައިދެނީ އަހަރެން މިތާ މި ހުރީ ވަރަށް އުފަލުގައި ކަން."

މި މެޗުގެ ފަހު 15 މިނިޓަށް ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ ދާދި ފަހުން ބާސެލޯނާ އިން ގެނައި ފޯވާޑް މެމްފިސް ޑިޕާއި ކުޅެން އަރުވައިފަ އެވެ.

އެތުލެޓިކޯ މެޑްރިޑް ލީގު ހަތަރުވަނައިގައި އޮތީ އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެންނެވެ. އެތުލެޓިކޯ އިން 18 މެޗު ކުޅެގެން ވަނީ 31 ޕޮއިންޓް ހޯދައިފަ އެވެ.

ތިންވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް ވެސް ވަނީ ރޭގެ މެޗު ކާމިޔާބު ކޮށްފަ އެވެ. ރަށުން ބޭރުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް އެޓީމު މޮޅުވީ 2-0 އިންނެވެ. ސޮސިއެޑާޑް ވަނީ 18 މެޗުން 38 ޕޮއިންޓް ހޯދައިފަ އެވެ.

ދެވަނައިގައި އޮތް ރެއާލް މެޑްރިޑުން ވެސް 38 ޕޮއިންޓް ހަމަކޮށްފައި ވާއިރު، ބާސެލޯނާ އެއްވަނައިގައި އޮތީ 41 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލާއި ބާސާ ވެސް ކުޅެފައި ވަނީ 16 މެޗެވެ. ބާސާ އިން މިރޭ އަމިއްލަ ދަނޑުގައި ގެޓަފޭ އާ ދެކޮޅަށް ކުޅެން ހަމަޖެހިފައި ވާއިރު، ރެއާލް މެޑްރިޑުން ރަށުން ބޭރުގައި ނުކުންނާނީ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ.

ބާސެލޯނާ އާއި ރެއާލް އަދި އެތުލެޓިކޯ ވެސް ވަނީ މިދިޔަ ހަފްތާ ކޮޕަ ޑެލް ރޭ ގެ ގަދަ 16 ގައި ކުޅުނު މެޗު ކާމިޔާބު ކޮށް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ކުއާޓާގެ މެޗުތައް މި ހަފްތާ ކުޅޭނެ އެވެ. ބާސާ ކުޅޭނީ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށެވެ. އަދި އެތުލެޓިކޯ ކުޅެން ޖެހޭނީ ރެއާލާ ދެކޮޅަށެވެ މި މެޗު ކުޅޭނީ ރެއާލްގެ ދަނޑުގަ އެވެ.