Roadha Mihaaru
އެތުލެޓިކޯ ދެވަނައަށް ޖެހިލައިފި، ރެއާލް ވެއްޓިއްޖެ

އެތުލެޓިކޯ ދެވަނައަށް ޖެހިލައިފި، ރެއާލް ދަށަށް ވެއްޓިއްޖެ

04 މެއި 2023

މެޑްރިޑް (މެއި 4) - އެތުލެޓިކޯ މެޑްރިޑުން އަމިއްލަ ދަނޑުގައި 5-1 އިން ކާޑީޒް ބަލިކޮށް، ޗެމްޕިއަން ރެއާލް މެޑްރިޑް ފަހަތަށް ޖައްސާލައި ލީގު ތާވަލްގެ ދެވަނައަށް ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (މެއި 4) - އެތުލެޓިކޯ މެޑްރިޑުން އަމިއްލަ ދަނޑުގައި 5-1 އިން ކާޑީޒް ބަލިކޮށް، ޗެމްޕިއަން ރެއާލް މެޑްރިޑް ފަހަތަށް ޖައްސާލައި ލީގު ތާވަލްގެ ދެވަނައަށް ޖެހިލައިފި އެވެ.

ސްޕެނިޝް ލީގުގައި މި ސީޒަންގައި ބާކީ ފަސް މެޗު ކުޅެން އޮއްވައި އެތުލެޓިކޯ މެޑްރިޑް ދެވަނައަށް ޖެހިލީ 69 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 68 ޕޮއިންޓެވެ. އަދި 61 ޕޮއިންޓާ އެކު ހަތަރުވަނައިގައި އޮތީ އެންމެ ފަހުން ރެއާލް ކުޅުނު މެޗުގައި އެ ޓީމު ބަލިކުރި ރެއާލް ސޮސިއެޑާޑް އެވެ. އެއްވަނައިގައި އޮތީ 82 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާ އެވެ.

ރޭގެ މެޗުގައި އެތުލެޓިކޯގެ ގޯލުތައް ޖަހައިދިނީ އެންޓޮއިން ގްރީޒްމަން އާއި އަލްވަރޯ މޮރާޓާ އަދި ޔަނިކް ކަރާސްކޯގެ އިތުރުން ނޯހެލް މޮލީނާ އެވެ. ގްރީޒްމަން ވަނީ މެޗުގައި ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. ކާޑީޒްގެ ހަމައެކަނި ގޯލު ޖަހައިދިނީ އެންތަނީ ލޮޒާނޯ އެވެ.

ވޯލްޑް ކަޕް ބްރޭކަށް ލީގު މެދުކަނޑާލި އިރު އެތުލެޓިކޯ އޮތީ ތާވަލްގެ ހަވަނައިގަ އެވެ. އޭގެ ފަހުން ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން އެތުލެޓިކޯ ބަލިވެފައި ވަނީ ދެ މެޗުންނެވެ. ދެ މެޗަކީ ވެސް ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. އަދި އެޓީމުން ވަނީ މި މުއްދަތުގައި 14 މެޗު ކާމިޔާބު ކޮށްފަ އެވެ.

"ބްރޭކުގެ ސަބަބުން އަހަރެމެންނަށް ފައިދާތަކެއް ވި. ޓީމަށް އާ ރޫހެއް ގެނުވައިދީ ލެވެލް މަތިވި ބްރޭކުގެ ފަހުން. ޓީމުގެ އެޓޭކްތަކާއި ޑިފެންސް ވެސް ރަނގަޅުވެ، ޓީމެއްގެ ގޮތުގައި މާބޮޑަށް ވެސް ކުރިއެރުން ހޯދައިފައި ވަނީ،" މެޗަށް ފަހު އެތުލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުންޏެވެ.

"އަހަރެން ފާހަގަ ކޮށްލާނަން، ބައިވަރު މީހުން އަހަރެމެން ކުރަމުން އައި މަސައްކަތްތަކަށް އިތުބާރު ކުރުން ހުއްޓާލި. އަހަރެމެން ވެސް ދެން ވިސްނާނީ އެހެން. އަހަރެމެން މަސައްކަތް ކުރާނީ ޓީމު އިތުރަށް ރަނގަޅުކުރަން."

ވޯލްޑް ކަޕްގެ ފަހުން، ފްރާންސްގެ ގްރީޒްމަން ވަނީ އެތުލެޓިކޯއިން ހޯދި ކުރިއެރުންތަކުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

"އަހަރެން ވަރަށް ރުޅި އައި އޭޕްރީލް މަހު ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ނުލިބުމުން، އެހެންވެ އެކަމާ ހިތްހަމަ ނުޖެހިގެން އެކަން ފުރަތަމަކޮޅު ދައްކާލީ،" މަޖާވެލައިފައި ހެމުން ގްރީޒްމަން ބުންޏެވެ.

"އެއީ މަޖަލަކަށް ބުނި އެއްޗެއް. އަހަރެން މިއަދު ދަނޑުމަތީގައި ވަރަށް ހިތްހަމަޖެހުނު. ޓީމު ވަރަށް ރަނގަޅަށް ކުޅެ ފަސް ގޯލު ޖެހުނު. މިގޮތުގައި ހިފަހައްޓާލަން ޖެހޭނެ."