Roadha Mihaaru
ކްލަބް ވޮލީބޯލް ފައިނަލަށް، ސެމީގައި ވެމްކޯ، އީގަލްސް

ކްލަބް ވޮލީބޯލް ފައިނަލަށް، ވެމްކޯ އާއި އީގަލްސް ސެމީ އަށް

24 ޖެނުއަރީ 2023

އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް ކަޓުވާލުމަށް ފަހު، ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ކްލަބް ވޮލީބޯލް ދަތުރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް ކަޓުވާލުމަށް ފަހު، ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ކްލަބް ވޮލީބޯލް ދަތުރުކޮށްފި އެވެ.

މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ގުރޫޕް ސްޓޭޖްގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގަ ލިބޭނެ އެވެ. ފައިނަލްގެ ދެ ވަނަ ޖާގަ ހޯދަން ވާދަކުރާނީ ގުރޫޕް ސްޓޭޖިުގެ ދެ ވަނަ އަދި ތިން ވަނަ ޓީމެވެ. ދެ ވަނަ އާއި ތިން ވަނަ އަކީ ކްލަބް ވެމްކޯ އާއި ކްލަބް އީގަލްސް އެވެ.

އެ ދެ ޓީމު ވާދަކުރާ ސެމީ ފައިނަލް މެޗު މާދަމާ ރޭ އޮންނާނެ އެވެ،

ކްލަބް ވޮލީބޯލް އެއް ވަނަ ހޯދީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. އިއްޔެ ހަވީރު ޕޮލިސް ކްލަބާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މިފަހަރު އާދައިގެ ޓީމެއްގެ ގޮތުގައި ފެނުނު ޕޮލިސް ކްލަބަށް ކިރިޔާ ވެސް ވާދަ ކުރެވުނީ ދެވަނަ ސެޓްގައި އެކަންޏެވެ. އެ ސެޓްގައި ވާދަވެރިކޮށް ފެނުނެވެ. ފުރަތަމަ ސެޓާއި ފަހު ސެޓް ކްލަބް ވޮލީބޯލްއިން ކާމިޔާބު ކުރީ ތަފާތު ބޮޑުކޮށެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 25-14، 25-20 އަދި 25-11 އިންނެވެ.

ރޭ ވެމްކޯ އާއި އީގަލްސް ކުޅުނު މެޗު ވެމްކޯ ކާމިޔާބު ކުރީ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް އެ ޓީމުން ގެންދިޔައީ 25-17، 25-20 އަދި 25-17 އިންނެވެ.

ގަދަ ތިން ޓީމު ވެސް މޮޅުވީ ދެ މެޗުންނެވެ. އެ ތިން ޓީމު ވެސް ކުޅުނު އެއް މެޗުން ބަލިވި އެވެ. އެކަމަކު ކްލަބް ވޮލީބޯލް އަށް އެއް ވަނަ ލިބުނީ ތިން މެޗުން ޖުމްލަ އަށް ސެޓް ކާމިޔާބު ކުރުމުންނެވެ. ދެ ވަނަ ވެމްކޯ އަށް ޖުމުލަ ތިން މެޗުން ހަތް ސެޓުން މޮޅުވި އެވެ. އީގަލްސް ތިން މެޗުން ހަ ސެޓް ހޯދި އެވެ.

ޓީމުތަކަށް ޕޮއިންޓް ލިބުނު ގޮތް

1. ކްލަބް ވޮލީބޯލް - 7 ޕޮއިންޓް

2. ކްލަބް ވެމްކޯ - 6 ޕޮއިންޓް

3. ކްލަބް އީގަލްސް 4 ޕޮއިންޓް

4. ޕޮލިސް ކްލަބް 1 ޕޮއިންޓް