Roadha Mihaaru
ވެމްކޯ އާއި ޕޮލިހަށް ދެ ވަނަ މޮޅު

ވެމްކޯ އާއި ޕޮލިހަށް ދެ ވަނަ މޮޅު

16 ޑިސެމްބަރ 2019

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި އިއްޔެގެ މެޗުތަކުން ކްލަބް ވެމްކޯ އާއި ޕޮލިސް ކްލަބުން މުބާރާތުގައި ދެ ވަނަ މޮޅު ހޯދައިފި އެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި އިއްޔެގެ މެޗުތަކުން ކްލަބް ވެމްކޯ އާއި ޕޮލިސް ކްލަބުން މުބާރާތުގައި ދެ ވަނަ މޮޅު ހޯދައިފި އެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން އަލްމާ ސްޕޯޓްސް ކްލަބް އަތުން ވެމްކޯ މޮޅުވީ ފަސޭހަކަމާ އެކު ސީދާ ތިން ސެޓުންނެވެ. އަދި ރޭ ލޮރެންޒޯގެ މައްޗަށް އެންމެ ފަހުގެ ޗެމްޕިއަން ޕޮލިހުން ކުރިހޯދީ ވެސް ސީދާ ތިން ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ކުޅުނު މެޗުގައި އަލްމާގެ މައްޗަށް ވެމްކޯ އިން ކުރިހޯދިއިރު ސެޓުތައް ގެންދިޔައީ 25-16، 25-16 އަދި 25-22 އިންނެވެ. ގައުމީ އަންހެން ވޮލީޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ)ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ވެމްކޯ އިއްޔެ މޮޅުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު ތައިލެންޑުގެ ސިދްޑަޓާ އެވެ. ވެމްކޯ އިން ދެން ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ގައުމީ އަންހެން ޓީމުގެ ކުޅުންތެރިޔާ އައިމިނަތު އަރީޝާ (އަރީ) އެވެ.

ޕޮލިހުން ލޮރެންޒޯ ބަކިކުރި މި މެޗު ވެގެންދިޔައީ ނޭޕާލުގެ ދެ ކުޅުންތެރިންގެ ވެސް ކުރިމަތިލުމަކަށެވެ. ޕޮލިސް ޓީމުގައި ނޭޕާލް އަންހެން ޓީމުގެ ޕްރަތީބާ ހުރިއިރު، ލޮރެންޒޯ ޓީމުގައި ނޭޕާލުގެ ސަރަސްވަތީ ހުއްޓެވެ. މި ދެ ކުޅުންތެރިންނަކީ ވެސް ނޭޕާލް ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޕްރަތީބާ ހޯދި މި މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-12، 25-16 އަދި 25-18 އިންނެވެ.

ހަތަރު ޓީމުގެ މެދުގައި ކުޅެވޭ މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ލީގު ބުރެކެވެ. ފަހު ފުރަތަމަ ސެމީގައި ކުޅޭނީ ލީގު ބުރުގެ އެއް ވަނަ އާއި ދެ ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފުރުސަތު ލިބޭއިރު، ބަލިވާ ޓީމެއް ތިން ވަނަ ސެމީގައި ކުޅޭނީ ދެ ވަނަ ސެމީގައި ލީގު ބުރުގެ ތިން ވަނަ އާއި ހަތަރު ވަނަ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ނުކުންނާނީ ފުރަތަމަ ސެމީގައި ވެސް ވާދަކުރަން ޖެހޭ ދެ ޓީމު ކަމަށްވާ ވެމްކޯ އާއި ޕޮލިހެވެ. މިރޭގެ މެޗުން ލީގު ބުރުގެ އެއް ވަނަ ޓީމު ކަނޑައެޅޭނެ އެވެ.