Roadha Mihaaru
ވެމްކޯ ބަލިކޮށް ލީގު ބުރުގެ އެއް ވަނަ ޕޮލިހަށް

ވެމްކޯ ބަލިކޮށް ލީގު ބުރުގެ އެއް ވަނަ ޕޮލިހަށް

17 ޑިސެމްބަރ 2019

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ރޭ ކްލަބް ވެމްކޯ އަތުން 3-1 ސެޓުން މޮޅުވެ ލީގު ބުރުގެ އެއް ވަނަ މަގާމު ޕޮލިހުން ހޯދައިފި އެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ރޭ ކްލަބް ވެމްކޯ އަތުން 3-1 ސެޓުން މޮޅުވެ ލީގު ބުރުގެ އެއް ވަނަ މަގާމު ޕޮލިހުން ހޯދައިފި އެވެ.

ރޭގެ މެޗާ ކުރިމަތިލިއިރު ލީގު ބުރުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެމްކޯ އާއި ޕޮލިސް ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ފޯރިގަދަ މެޗަކަށް ފަހު ރޭ ވެމްކޯގެ މައްޗަށް ޕޮލިހުން ކުރިހޯދިއިރު، ފުރަތަމަ ސެމީ ފައިނަލުގައި މާދަމާ ހަވީރު ވެސް ބައްދަލުކުރާނީ މި ދެ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ފުރުސަތު ލިބޭނެ އެވެ. ބަލިވާ ޓީމެއް ޖެހޭނީ ތިން ވަނަ ސެމީގައި ކުޅޭށެވެ. ތިން ވަނަ ސެމީގައި ކުޅޭނެ އަނެއް ޓީމަކީ ދެ ވަނަ ސެމީގައި ލޮރެންޒޯ އާއި އަލްމާ ބައްދަލުކޮށް މޮޅުވާ ޓީމެކެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު 25-21 އިން ޕޮލިސް ގެންގޮސްފައިވަނިކޮށް ދެ ވަނަ ސެޓުގައި ވެމްކޯ އިން ވަނީ ތަފާތު ދައްކައި 19-25 އިން ސެޓު ގެންގޮސް އެއްވަރުކޮށްފަ އެވެ. އެކަމަކު ވެމްކޯ އަށް ދެން ކުޅުނު ދެ ސެޓުގައި އެ ކުޅުން ތަކުރާރު ނުކުރެވުނެވެ. ޕޮލިހުން ފަހު ދެ ސެޓުގައި ތަފާތު ދައްކައި މެޗުން މޮޅުވީ އެވެ. ނޭޕާލުގެ ޕްރަތީބާގެ މޮޅު ކުޅުމާ އެކު ޕޮލިހުން މި ދެ ސެޓު ގެންދިޔައީ 25-18، 25-16 އިންނެވެ.

ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން ޕޮލިހުގެ ޕްރަތީބާ ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން ޕޮލިހުގެ ޕްރަތީބާ ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ފަހަރުގެ މުބާރާތަށް އެންމެ ރަނގަޅަށް ޓީމު އެކުލަވާލި ދެ ޓީމަކީ ޕޮލިހާއި ވެމްކޯ އެވެ. ލޮރެންޒޯ ޓީމުގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިން ހިމެނޭއިރު، އިއްޔެ ހަވީރު އެ ޓީމު ކުޅުނު މެޗުގައި ވަނީ އަލްމާ އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ލޮރެންޒޯ އިން ގެންދިޔައީ 25-13، 25-17، 25-17 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ލޮރެންޒޯ އަށް ކުޅޭ ނޭޕާލުގެ ކުޅުންތެރިޔާ ސަރަސްވަތީ ޗޯދަރީ އެވެ.

މި އަހަރު އަންހެން ވޮލީ ޓީމަށް ބޭއްވި ފުރަތަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދީ ވެމްކޯ އިންނެވެ. މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފޮނަދޫ މެދުއަވަށު ކްލަބް ބަލިކޮށް ޕޮލިހުންނެވެ. ވޮލީބޯލް އެސޯސިއޭޝަން ހިންގުމުގައި މި އަހަރު ދިމާވި ތަފާތު މައްސަލަތަކާ ހުރެ ގިނަ މުބާރާތައް ފަސްކުރަން ޖެހުނުއިރު، މި އަހަރު އަންހެން ގައުމީ ލީގު ވެސް ވަނީ ކެންސަލްކޮށްފަ އެވެ.