Roadha Mihaaru
ޕީއެސްއެމްގެ 3.3 މިލިއަނުގެ މައްސަލަ ސުޕްރީމް ކޯޓަށް

ޕީއެސްއެމް އިން އަމިއްލަ ފަރާތަކަށް 3.3 މިލިއަން ރުފިޔާ ދޭން ޖެހޭ މައްސަލަ ސުޕްރީމް ކޯޓަށް

25 ޖެނުއަރީ 2023

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ރޭޑިއޯ ބިލްޑިންގައި 2018 ވަނަ އަހަރުގެ މެދުތެރޭގައި ކުރި މަސައްކަތަކަށް އަމިއްލަ ފަރާތަކަށް 3.3 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށް ކުރި ހުކުމް އެ ކުންފުނިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ރޭޑިއޯ ބިލްޑިންގައި 2018 ވަނަ އަހަރުގެ މެދުތެރޭގައި ކުރި މަސައްކަތަކަށް އަމިއްލަ ފަރާތަކަށް 3.3 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށް ކުރި ހުކުމް އެ ކުންފުނިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފި އެވެ.

ޕީއެސްއެމްއާ ދެކޮޅަށް ޔާސިރާ ޔޫސުފް ދައުވާ ކުރީ، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރިއެއް ކަމަށްވާ ޖޭއެމްޖޭ އިންވެސްޓްމެންޓުން ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިން އިމާރާތުގައި ކޮށްފައިވާ މަސައްކަތްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ފޮނުވި އިންވޮއިސްތަކަށް ފައިސާ ދީފައިނުވާ ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި އޮކްޓޯބަރު 31، 2021 ގައި ސިވިލް ކޯޓުން ހުކުމް ކުރީ ޖޭއެމްޖޭއިން ޕީއެސްއެމްއަށް ފޮނުވި ހަ އިންވޮސްއަށް އެ ކުންފުނިން ޔާސިރާ އަށް 3.3 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށެވެ. އެ ހުކުމް ޕީއެސްއެމްއިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ސިވިލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ނިންމީ މިދިޔަ އޯގަސްޓް 31 ގަ އެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން އެދޭ މައްސަލަތަކުގެ ރަޖިސްޓްރީން އެނގޭ ގޮތުގައި މިހާރު ޕީއެސްއެމްއިން ވަނީ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފަ އެވެ. އެކަމަކު، އަދި އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނުނިންމަ އެވެ.

ޕީއެސްއެމްއިން ބުނާ ގޮތުގައި، ރޭޑިއޯ ބިލްޑިންގައި މަސައްކަތަކީ އެ ކުންފުނީގައި ކުރީ ސަރުކާރުގެ ބޯޑު އޮތް އިރު ކުރި މަސައްކަތެކެވެ. އަދި އެތަނުގައި ކޮށްފައި ހުރި މަސައްކަތާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށް ބުނެ އެވެ.

އިންވޮއިސްތަކުގައި މަސައްކަތަކަށް ކިޔާފައިވާ އަގުތަކަކީ އެކަށީގެންނުވާ ބޮޑު އަގުތަކެއް ކަމަށް ވެސް ޕީއެސްއެމްއިން ބުނެ އެވެ. އެގޮތުން އެއް މަސައްކަތަކަށް ދެ އިންވޮއިސް ހަދާފައިވާއިރު ސިވިލް ކޯޓުން ހުކުމް ކުރީ އެކަމަށް ނުބަލައި ކަމަށް ވެސް ބުނެ އެވެ.

އެހެން ނަމަވެސް، ހައި ކޯޓުން އެކަން ބަލައި ކުރި ހުކުމުގައި ވަނީ އިންވޮއިސްތަކުގައިވާ އަގުތައް ބޮޑުކަން ސާބިތުކޮށްދިނުމަކީ ޕީއެސްއެމްގެ މައްޗަށް އޮތް ބުރައެއް ނަމަވެސް، ޕީއެސްއެމްއިން އެކަން ސާބިތުކުރަން އެއްވެސް ހެއްކެއް ހުށަހަޅާފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި ސިވިލް ކޯޓުން މައްސަލަ ނިންމި އިރު ރިއާއަތް ނުކޮށް ދޫކޮށްލީ ކޮން ހެކިތަކަކަށް ކަމެއް ވެސް ބުނެދެވިފައިނުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

މަސައްކަތާ ނުބައްދަލު އަގެއް ކިޔާފައިވާތީ ސިވިލް ކޯޓުން އަގު ކޮމިޓީއެއް ހަދައި އެ ކޮމިޓީން މަސައްކަތަށް ކަނޑައަޅާ އަގެއް ދައްކާނެ ކަމަށް ޕީއެސްއެމްއިން ސިވިލް ކޯޓުގައި ބުނެފައިވެ އެވެ. އެކަމަކު، ސިވިލް ކޯޓުން ހުކުމް ކުރީ އެގޮތަށް ޝަރީއަތުން އަގު ކޮމިޓީއެއް ހެދުމަކާ ނުލައި ކަމަށް ބުނެ ޕީއެސްއެމްއިން ހައި ކޯޓުގައި ޝަކުވާ ކުރި އެވެ.

އެކަމާ ގުޅިގެން ހައި ކޯޓުގެ ހުކުމުގައި ބުނީ، އެފަދަ މަސައްކަތްތަކަކީ ދެ ފަރާތުން އެއްބަސްވެގެން ވަކި އަގެއް ކަނޑައަޅައިގެން ރުހިގެން ކުރާ ކަންތައްތަކަށް ވާތީ އާއި މައްސަލައިގައި ފާހަގަކުރި ކަންތައްތަކަށް ބަލައި، ކޯޓުން އަގު ކޮމިޓީއެއް ކަނޑައަޅަން ޖެހޭ ސަބަބެއް ޕީއެސްއެމްއަށް ބުނެނުދެވޭ ކަމަށެވެ.