Roadha Mihaaru
286މިލިއަންގެ ޖޫރިމަނާ :ސުޕްރީމް ކޯޓުން ނާކާމިޔާބު

ދެ ލައްކަ ނުދެއްކުމުން 286 މިލިއަންގެ ޖޫރިމަނާ: ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު

29 ނޮވެމްބަރ 2022

ރާއްޖޭގައި ޖޫރިމަނާގެ ގޮތުގައި ކޯޓަކުން ނަގައިދިން ރެކޯޑް އަދަދެއް ކަމަށްވާ 286 މިލިއަން ރުފިޔާގެ މައްސަލާގައި، އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ޖޫރިމަނާގެ ގޮތުގައި ކޯޓަކުން ނަގައިދިން ރެކޯޑް އަދަދެއް ކަމަށްވާ 286 މިލިއަން ރުފިޔާގެ މައްސަލާގައި، އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

ވަކިވަކި ފަރުދުންތަކެއްގެ މެދުގައި ހެދި އެއްބަސްވުމެއްގެ ދަށުން މުދާތަކަކަށް ދައްކަންޖެހޭ 227،000ރ. ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 286 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން 2016 ވަނަ އަހަރު ހުކުމްކުރީ ފައިސާ ނުދައްކާ ކޮންމެ ދުވަހަކަށް 80 ޕަސެންޓްގެ ޖޫރިމަނާއެއް އަރާ ގޮތަށް އެއްބަސްވުމުގައި އޮތުމުންނެވެ. އެއީ ފައިސާ ނުދައްކާ ހޭދަވި 13 އަހަރުގެ ތެރޭގައި ދުވާލަކަށް 182،000ރ. ގެ ރޭޓުންނެވެ.

ހައި ކޯޓުން މިދިޔަ އަހަރު އެ ހުކުމް ބާތިލްކޮށް، ޖޫރިމަނާގެ މިންވަރު 227،000ރ. އަށް ދަށްކުރި އެވެ. އެހެންވެ، ފައިސާ ލިބެންޖެހޭ މީހާ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ. އަދި 227،000ރ. ޖޫރިމަނާއެއް ދައްކަން އެންގުމުން އަނެއް މީހާ ވެސް އެ މައްސަލަ އިސްތިއުނާފްކުރި އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެއްބަސްވުމުގައި ބަޔާންކުރާ ޖޫރިމަނާގެ ފައިސާ ނަގައިދެވޭ ގޮތަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ އެ ކޯޓުން މިދިޔަ އަހަރު ދުރަށް ގޮސްފައިވާ ކަމަށެވެ. އަދި އެއްބަސްވުމާ ހިލާފުވުމުން ނަގައިދެވޭ ބަދަލަކީ އަނެއް ފަރާތަކަށް އަދަބެއް ނުވަތަ ނުބައްދަލު ބުރައެއް ކުރިމަތިކުރަން ނަގައިދެވޭ ބަދަލަކަށް ވެގެން ނުވާނެ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން 227،000ރ. ނުދެއްކުމުން ކޮންމެ ދުވަހަކަށް 182،000ރ. ގެ ރޭޓުން ޖުމްލަ 286 މިލިއަން ރުފިޔާ އަރާ ގޮތަށް އޮތީ ސައްހަ މަސްލަހަތެއްގައި ކަން އެނގޭކަށް ނެތެވެ.

އެ ފައިސާ ނުލިބުމުން 13 އަހަރު ތެރޭގައި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެފައި ވިޔަސް، ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ 286 މިލިއަން ރުފިޔާގެ ގެއްލުމެއް ނުވާނެ ކަމަށެވެ. އަދި މުދަލުގެ އަގު ލިބިގެން އެ އިން ފައިދާ ހޯދިޔަސް، 286 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ހުކުމުގައިވެ އެވެ.

ހައި ކޯޓުން އެ މީހާ އަށް ޖޫރިމަނާގެ ގޮތުގައި ނަގައިދިން 227،000ރ. ވެސް ދައްކަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެެވެ. އެއީ ޖޫރިމަނާ ފައިސާ ނަގައިދިނުމާ ބެހޭގޮތުން ހައި ކޯޓުން ރިއާޔަތްކުރި އުސޫލު މިހާރު އުވިފައިވާތީ އެވެ.

އެހެންވުމުން އެ މީހާއަށް ދެން ލިބޭނީ މުދަލުގެ އަގަށްވާ 227،000ރ. އާއި ގާނޫނީ ހަރަދުގެ ގޮތުގައި ލިބެންޖެހޭ 20،000ރ. އެކަނި ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަަލަ ބެއްލެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.