Roadha Mihaaru
ބިގަށް 78 މިލިއަން ދޭން ކުރި ހުކުމް ބާތިލްކޮށްފި

ބިގަށް 78 މިލިއަން ދޭން ކުރި ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި

19 މާޗް 2024

ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުންޏަށް 78 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މީޑިއާގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިމަނައިގެން އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުންޏަށް 78 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މީޑިއާގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިމަނައިގެން އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ބިގަށް 78 މިލިއަން ދައްކަން 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ 2010 ވަނަ އަހަރު މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ދައުލަތުގެ މީޑިއާ ހިންގި ދުވަސްވަރު ބިގާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ މައްސަލައިގަ އެވެ. އެ ހުކުމްކުރީ އެމްއެންބީސީގެ ޣައިރު ހާޒިރުގަ އެވެ.

އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ދައުލަތުގެ މީޑިއާ މިހާރު ހިންގަމުންދާ ޕީއެސްއެމްއިން ބިގަށް ދޫކުރި އެވެ. އަދި ޕީއެސްއެމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ އިސްތިއުނާފް މުއްދަތު ހަމަވި ފަހުން 2021 ވަނަ އަހަރު އެވެ.

އެ މައްސަލާގައި ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލަ ސިވިލް ކޯޓުން ނިންމީ އެމްއެންބީސީގެ މައްޗަށް ކަމަށް ވިޔަސް، އެމްއެންބީސީގެ މުދަލާއި ދަރަނިތައް ޕީއެސްއެމަށް މިހާރު ބަދަލުވެފައިވާ ގޮތަށް ބަލާއިރު، އެ މައްސަލާގައި ޕީއެސްއެމްގެ މަސްލަހަތު ހިމެނޭތީ އެ ކުންފުނި ހިމަނައިގެން މައްސަލަ އަލުން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. ނަމަވެސް ފައިސާ ދައްކަން ޖެހޭ އަދަދާއި އެއްބަސްވުމާ ގުޅޭ އެހެން ކަންކަމާ މެދު މިވަގުތު ހައި ކޯޓުން ގޮތެއް ނުނިންމޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ތަހުވީލުކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

އެގޮތަށް ނިންމެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އަޣުލަބިއްޔަތުންނެވެ.

އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ އެ ދަރަންޏަކީ ޕީއެސްއެމުން ޒިންމާވާން ޖެހޭ ދަރަންޏެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާގެ ރައުޔުގައި ވަނީ އެމްއެންބީސީ އުވާލުމަށް ފަހު މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގާނޫނެއްގެ ދަށުން އުފެދުނުއިރު، ބިގްގެ އެއްބަސްވުން އެމްބީސީގެ ދަށަށް ބަދަލު ކޮށްފައި ނެތުމެވެ. އެހެންވެ، ފަހުން އެމްބީސީ އުވާލުމަށް ފަހު، ޕީއެސްއެމަށް ބަދަލުވިއިރު ވެސް ބިގްގެ އެއްބަސްވުން ޕީއެސްއެމްގެ ދަށަށް ބަދަލު ނުވާނެ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.

އެމްއެންބީސީއަކީ އުވާލުމުގެ މަރުހަލާގައި އޮތް ކުންފުންޏެއް ކަމަށް ވާތީ ފައިސާ ދިނުމުގެ ޒިންމާ އޮތީ އެމްއެންބީސީ އަށް ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވެ އެވެ. އެހެންވެ، އެ ފައިސާ ދައްކަން ޕީއެސްއެމުން ނުޖެހޭނެ ކަމަށާއި ޕީއެސްއެމުން މިހާތަނަށް ދޫކުރި ފައިސާ އަނބުރާ ހޯދަން ޖެހޭނެ ކަމަށް ވެސް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވެ އެވެ. އަދި އެ ފައިސާ ދޫކުރީ ވެސް ނޭނގުމެއްގެ ތެރެއިން ނޫން ކަމަށް އެ ރައުޔުގައި ވެ އެވެ.