Roadha Mihaaru
އައްޑޫން އިއުލާނުކުރި 1،000 ގޯއްޗަށް 4،000ފޯމު

އައްޑޫން އިއުލާނުކުރި 1،000 ގޯއްޗަށް އެދި 4،000 އަށް ވުރެ ގިނަ ފޯމު

26 މާޗް 2023

އައްޑޫގެ ހަތަރު ރަށަކުން ދޫކުރާ 1،000 ގޯއްޗަށް 4،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫގެ ހަތަރު ރަށަކުން ދޫކުރާ 1،000 ގޯއްޗަށް 4،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި އެވެ.

އަހަރުތަކަކަށް ފަހު، ހިތަދު އާއި ފޭދޫ އަދި ހުޅުދު އާއި މީދޫން ގޯތި ދޫކުރަން އިއުލާނުކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އެ މުއްދަތުތައް މިދިޔަ މަހު ވަނީ ހަމަވެފަ އެވެ.

ގޯތި ދޫކުރާއިރު އެ ރަށެއްގެ މީހުންގެ އިތުރުން އައްޑޫގެ އެހެން ރަށްރަށުގެ މީހުންނަށް ވެސް 10 ޕަސެންޓް ހާއްސަ ކޮށްފައިވެ އެވެ. އެއީ ކެޓަގަރީ ބީ އެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު "މިހާރު" އަށް މިއަދު ވިދާޅުވީ، ފޯމުތައް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 4،134 މީހުން ކުރިމަތިލި ކަމަށެވެ. މިހާރު އަންނަނީ އެ ފޯމުތައް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ނިޒާރު ވިދާޅުވީ އެންމެ ގިނަ މީހުން ކުރިމަތިލީ ހިތަދޫން ގޯތި ހޯދުމަށެވެ.

އެ ރަށުން ދޫކުރަން ނިންމާފައިވަނީ 1،500 އަކަފޫޓުގެ 500 ގޯއްޗެވެ. އެ ކެޓަގަރީ އަށް 2،198 މީހުން ކުރިމަތިލިއިރު، އެ ރަށުގެ ބީ ކެޓަގަރީއަށް 300 މީހުން ފޯމް ހުށަހެޅި އެވެ.

މީދޫން ދޫކުރާ 2،000 އަކަފޫޓުގެ 100 ގޯއްޗަށް އެ ރަށުން 272 މީހުން އަދި ބީ ކެޓަގަރީއަށް 35 މީހުން ކުރިމަތިލި އެވެ.

ނިޒާރު ވިދާޅުވިގޮތުގައި، ފޭދޫން ދޫކުރާ 1،500 އަކަފޫޓުގެ 300 ގޯއްޗަށް އެ ރަށުން 887 އަދި އެ ސިޓީގެ އެހެން ރަށްތަކުން 181 މީހުން ކުރިމަތިލި އެވެ.

ހުޅުދޫން ދޫކުރާ 2،000 އަކަފޫޓުގެ 100 ގޯއްޗަށް ވެސް އެ ރަށުން 230 މީހުން އަދި ބީ ކެޓަގަރީން 31 މީހުން ކުރިމަތިލި އެވެ.

އެ ފޯމުތައް އިވެލުއޭޓް ކުރަން ނިންމާފައިވަނީ އެކި ދާއިރާތަކުގެ މީހުން ހިމެނޭ މިނިވަން ކޮމިޓީއަކުންނެވެ. އިވެލުއޭޝަން ނިންމުމަށް ފަހު، އަންނަ ޖޫން މަހު ގޯތި ހަވާލުކުރުމަށް މަސައްކަތްކުރާ ކަމަށް ނިޒާރު ވިދާޅުވި އެވެ.