Roadha Mihaaru
"ނަޝީދުގެ ޖަލްސާ ކުރުކުރީ ނުރައްކަލެއް އޮވެގެން ނޫން"

ނަޝީދުގެ ޖަލްސާ ކުރުކޮށްލީ ނުރައްކަލެއް އޮވެގެން ނޫން: ޕޮލިސް

26 ޖެނުއަރީ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޕްރައިމަރީގެ ކެމްޕެއިން ނިންމަން މިރޭ މާލޭގައި ބޭއްވި ޖަލްސާ ކުރުކޮށްލުމަށްފަހު އެމަނިކުފާނު އެ ސަރަހައްދުން ވަޑައިގަތީ ސަލާމަތީ ނުރައްކަލެއް އޮވެގެން ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޕްރައިމަރީގެ ކެމްޕެއިން ނިންމަން މިރޭ މާލޭގައި ބޭއްވި ޖަލްސާ ކުރުކޮށްލުމަށްފަހު އެމަނިކުފާނު އެ ސަރަހައްދުން ވަޑައިގަތީ ސަލާމަތީ ނުރައްކަލެއް އޮވެގެން ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދުގެ ކެމްޕެއިން ނިންމަން މިރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ ވާހަކަފުޅަށްފަހު ޖަލްސާ ނިންމާލައިި، ވަގުތުން އެ ސަރަހައްދު ދޫކުރައްވައި އެމަނިކުފާނު ވަނީ ވަޑައިގެންފަ އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުން ތިއްބާ ކުއްލި ގޮތަކަށް ނަޝީދު އެ ސަރަހައްދުން ސެކިއުރިޓީންނާ އެކު ވަޑައިގަތުމުން ސަލާމަތީ ގޮތުން ޖަލްސާ ކުރުކޮށްލީ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި އެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ އެފަދަ ސަބަބެއް ނެތްކަން އެމްއެންޑީއެފްގެ ފަރާތުން ކަށަވަރުކޮށްދިން ކަމަށެވެ.

ފުލުހުން ބުނިގޮތުގައި ނަޝީދުގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރަން އުޅޭކަމުގެ މައުލޫމާތެއް ފުލުހުންނަށް އަދި އެމްއެންޑީއެފްއަށް ވެސް ލިބިފައެއް ނުވެ އެވެ. އަދި މީޑިއާތަކުން އެކަން ރިޕޯޓްކުރީ ފުލުހުންގެ ބަހެއް ނުހޯދާ ކަމަށް ފުލުހުން ބުންޏެވެ.

ނަޝީދުގެ ކެމްޕޭން ޖަލްސާ ކުއްލިގޮތަކަށް ނިންމާލި ސަބަބާ މެދު ސުވާލު އުފައްދަމުންދިޔަސް އެމަނިކުފާނުގެ ކެމްޕޭން ޓީމުން ވެސް ބުނީ މިރެއަށް ޖަލްސާ ރާވާފައި އޮތީ އެގޮތަށް ކަމަށެވެ. އެއީ ކުރުކޮށް، ތަފާތު މެސެޖްތަކަކުން ނިންމާލުން ކަމަށެވެ. ކެމްޕޭންގެ އެންމެ ފަހު ހަރަކާތަކީ މާދަމާ ހަވީރު އޮންނަ ހިނގާލުން ކަމަށް ވެސް އެ ޓީމުން ބުންޏެވެ.

ނަޝީދަށް އަމާޒުކޮށް 2021 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން މިރޭގެ ޖަލްސާގައި ވެސް ގިނަ އަދަދެއްގެ ސެކިއުރިޓީން އެމަނިކުފާނާ އެކު ހަރަކާތްތެރިވި އެވެ. އަދި ޖަލްސާއަށް ސަޕޯޓަރުން ވެއްދީ ވެސް ސެކިއުރިޓީން ޗެކް ކުރުމަށްފަހު އެވެ.