Roadha Mihaaru

ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަނާ ގުޅިގެން ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމުގެ ޔަގީންކަން ދީފި

ފުލުހުންނާއި ސިފައިން ގުޅިގެން ރޭ މާލެ އާއި ހުޅުމާލޭގައި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް ހިންގިޔަސް، މި ވަގުތު ނުރައްކަލެއް ނެތް ކަމަށާއި ކަންބޮޑުވާންޖެހޭ ހާލަތެއް ވެސް ނެތް ކަމުގެ ޔަގީންކަން ސަރުކާރުން މިއަދު ދީފި އެވެ.

އޮޕަރޭޝަނާ ގުޅިގެން ކަންބޮޑުވާންޖެހޭ ކަމެއް ނެތް

ފުލުހުންނާއި ސިފައިން ގުޅިގެން ރޭ މާލެ އާއި ހުޅުމާލޭގައި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް ހިންގިޔަސް، މި ވަގުތު ނުރައްކަލެއް ނެތް ކަމަށާއި ކަންބޮޑުވާންޖެހޭ ހާލަތެއް ވެސް ނެތް ކަމުގެ ޔަގީންކަން ސަރުކާރުން މިއަދު ދީފި އެވެ.

މާލޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެ، ބައެއް ގެތަކާއި ވެހިކަލްތައް ވަނީ ބަލައި ފާސްކޮށްފަ އެވެ. އެ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިންޓެލިޖެންސް ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް، ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި މިފަދަ އޮޕަރޭޝަންތައް އާންމުކޮށް ހިންގާ ކަމަށެވެ.

އެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު، ކަންބޮޑުވާންޖެހޭ ހާލަތެއް އަދި ނެތް ކަމުގެ ޔަގީންކަން އެ ބަޔާނުގައި ވަނީ ދީފަ އެވެ.

މީގެ އިތުރުން، ދިވެހިންނަށާއި ރާއްޖެއަށް ޒިޔާރަތް ކުރާ މީހުންނަށް ވެސް ރައްކާތެރި ގައުމަކަށް ހެދުމަށްޓަކައި ކަމާ ގުޅުން ހުރި އިދާރާތަކުން އަވަސް ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފަ އެވެ.

މި އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނިންމައިލި ކަމެއްވެސް ފުލުހުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.