Roadha Mihaaru
ސައުދީ ސުޕަ ކަޕުން ރޮނާލްޑޯގެ ނަސްރު ކަޓައިފި

ސައުދީ ސުޕަ ކަޕުން ރޮނާލްޑޯގެ ނަސްރު ކަޓައިފި

27 ޖެނުއަރީ 2023

ޖިއްދާ (ޖެނުއަރީ 27) - ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އައް ނަސްރު 3-1 އިން އަލް އިއްތިހާދު އަތުން ބަލިވެ، ސައުދީ ސުޕަ ކަޕް ގެ ފައިނަލަށް ނުގޮސް ކަޓައިފި އވެެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޖިއްދާ (ޖެނުއަރީ 27) - ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އައް ނަސްރު 3-1 އިން އަލް އިއްތިހާދު އަތުން ބަލިވެ، ސައުދީ ސުޕަ ކަޕް ގެ ފައިނަލަށް ނުގޮސް ކަޓައިފި އވެެ.

އިއްތިހާދުގެ ކޯޗަކީ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް އާއި ޓޮޓެންހަމް ހޮޓްސްޕާ އަށް ކޯޗު ކޮށްދިން ޕޯޗުގަލްގެ ނޫނޯ އެސްޕިރީޓޯ ސަންޓޯ އެވެ. އެޓީމުގެ ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ފުރަތަމަ ހާފު ނިންމާލީ އިއްތިހާދުން ދެ ގޯލުގެ ލީޑެއްގައި އޮވެ އެވެ.

ފުރަތަމަ ލަނޑު 15 ވަނަ މިނިޓުގައި ޖަހައިދިނީ އިއްތިހާދަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ރޮމާރީނިއޯ އެވެ. ނަތީޖާ އެއްވަރު ކުރަން ރޮނާލްޑޯ އަށް ލިބުނު ފުރުސަތުގައި އޭނާ ބޮލުން ފޮނުވާލި ހަމަލާ އިއްތިހާދުގެ ގޯލްކީޕަރު، ބްރެޒިލްގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ މާސެލޯ ގްރޯހޭ ވަނީ ދިފާއު ކޮށްފަ އެވެ.

ރޮނާލްޑޯ އިއްތހާދުގެ ރޮމާރީނިއޯ ކައިރިން ނައްޓާފައި ދަނީ.-- ފޮޓޯ: އޭއެފްޕޯ

ރޮނާލްޑޯ އިއްތހާދުގެ ރޮމާރީނިއޯ ކައިރިން ނައްޓާފައި ދަނީ.-- ފޮޓޯ: އޭއެފްޕޯ

ފުރަތަމަ ހާފު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް އިއްތިހާދަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނީ މޮރޮކޯ ގައުމީ ޓީމުގެ ސްޓްރައިކަރު އަބްދުއްރައްޒާގް ހަމްދުﷲ އެވެ.

ދެވަނަ ހާފުގައި ނަސްރުގެ ކޯޗު ރުޑީ ގާސިއާ ގެނައި ބަދަލުތަކާ އެކު އެޓީމުން ނަތީޖާ އަނބުރާލަން މަސައްކަތް ކުރި އެވެ. ނަމަވެސް ކާމިޔާބު ކުރެވުނީ އެންމެ ގޯލެކެވެ. ނަސްރުން ޖެހި ހަމައެކަނި ގޯލު މެޗުގެ 67 ވަނަ މިނިޓުގައި ޖަހައިދިނީ މިޑްފީލްޑަރު ޓަލިސްކާ އެވެ.

އިއްތިހާގުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ އިތުރު ވަގުތުގަ އެވެ. މި ލަނޑު ޖެހީ ޑިފެންޑަރު މޮހައްނާދު އަލް ޝަންގީތީ އެވެ.

ނަސްރުގެ އެއް ނަމްބަރު ގޯލްކީޕަރު، ކޮލަމްބިއާގެ ޑޭވިޑް އޮސްޕީނާ އަނިޔާގައި ހުރުމުގެ ސަބަބުން މި މެޗުގައި އެޓީމުގެ ގޯލު ބެލެހެއްޓީ، އާޖެންޓީނާގެ ބޮކާ ޖޫނިއާސް އިން ލޯނު އުސޫލުން މި ހަފްތާ އެޓީމާ ގުޅުނު އެގަސްޓިން ރޮސީ އެވެ.

މިއީ ރޮނާލްޑޯ ނަސްރަށް ބަދަލުވެ، އެޓީމަށް ކުޅެދިން ދެވަނަ މެޗެވެ. ފުރަތަމަ ކުޅުނީ ލީގުގައި އަލް އިއްތިފާގާ ދެކޮޅަށެވެ. އެ މެޗުގައި ވެސް ނަސްރުނެ ޖެހި ހަމައެކަނި ގޯލު ކާމިޔާބު ކުރީ ޓަލިސްކާ އެވެ.

އަލް ނަސްރު ދެން ކުޅެން ޖެހޭނީ ސައުދީ ޕްރޯ ލީގުގައި އަލް ފާތިހާ ދެކޮޅަށެވެ. ނަސްރުން ރަށުން ބޭރުގައި ކުޅޭ މި މެޗް އޮތީ ފެބްރުއަރީ 3 ވާ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 8 ޖަހާއިރެވެ.