Roadha Mihaaru

މަސްރަހު ހޫނު ނުކުރުމަށް ބްލިންކެން އިންޒާރުކޮށްފި

އިޒްރޭލާއި ފަލަސްތީނާ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްނުކުރުމަށް، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން، ފަލަސްތީނަށާއި އިޒްރޭލަށް އިއްޔެ އިންޒާރު ކުރައްވައިފި އެވެ.

މަސްރަހު ހޫނު ނުކުރުމަށް ބްލިންކެން އިންޒާރުކޮށްފި

އިޒްރޭލާއި ފަލަސްތީނާ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްނުކުރުމަށް، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން، ފަލަސްތީނަށާއި އިޒްރޭލަށް އިއްޔެ އިންޒާރު ކުރައްވައިފި އެވެ.

ފަލަސްތީނުގެ ބިންތައް ފޭރިގަނެ ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލު ސަރުކާރުންނާއި އިޒްރޭލުން ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިކުރުވާފައިވާ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގައި، މިއަހަރުގެ މިހާތަނަށް ވެސް ފަލަސްތީނުގެ 35 މީހަކު ޝަހީދުވެއްޖެ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ވެސް ހިމެނެ އެވެ.

އެ އަމަލުތަކަށް ބަދަލު ހިފުމުގެ ގޮތުން ފަލަސްތީނުގެ މުޖާހިދުން ދިން ތަފާތު ހަމަލާތަކުގައި އިޒްރޭލުގެ އާންމުންގެ ހަ މީހަކު، މިއަހަރުގެ މިހާތަނަށް މަރުވެއްޖެ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ދޭ ހަމަލާތައް، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ވަރުގަދަކޮށްފައި ވަނިކޮށް، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން، އިއްޔެ ވަނީ މެދުއިރުމައްޗަށް ކުރައްވާ ރަސްމީ ދަތުރެއްގައި އިޒްރޭލަށް ވަޑައިގެންފަ އެވެ. އިޒްރޭލުގެ ވެރިރަށް ތެލް އަބީބްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބްލިންކެން ވިދާޅުވީ ދެ ފަރާތުގެ މެދުގައި މިހާރު ރޯވެފައިވާ އަލިފާންގަނޑަށް އިތުރަށް ތެޔޮ އެޅުމުގެ ބަދަލުގައި، އަލިފާންގަނޑު ނިއްވައިލެވޭތޯ މަސައްކަތް ކުރުމަކީ ދެ ފަރާތުގެ ވެސް ޒިންމާއެއް ކަމަށެވެ.

ބްލިންކެން ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ އަށް އޮތް ސުލްހަވެރި ހަމައެކަނި ހައްލަކީ މިނިވަން ދެ ދައުލަތް އުފެއްދުންކަމަށް އެމެރިކާ ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން، މިހާރު އުފެދިފައިވާ ނުތަނަވަސްކަމަށް އޮތް ހައްލަކީ ވެސް، ދެ ދައުލަތުގެ ހައްލު ހޯދުމަށް ދެ ފަރާތުން ވެސް އަލުން މަސައްކަތް ފެށުން ކަމަށް ބްލިންކެން ވިދާޅުވި އެވެ.

ބްލިންކެން ވިދާޅުވީ ދެ ދައުލަތުގެ ހައްލު ހޯދުމާ ދުރަށް ދާ ވަރަކަށް، އިޒްރޭލުގެ ދުރު ރާސްތާގެ ރައްކާތެރިކަމަށް ހުރަސްއެޅިގެންދާނެ ކަމަށެވެ. އަދި އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެމެރިކާ އަބަދުވެސް ދެމިއޮންނާނެ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.

އޭގެ އިތުރުން ގުދުސްގައިވާ މުގައްދަސް ތަންތަނުގެ ދީނީ އަދި ސިޔާސީ ހައިސިއްޔަތަށް އެމެރިކާ އަބަދުވެސް ތާއީދުކުރާނެ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ، އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބިން ޣަފީރު، މި މަހުގެ 3 ވަނަ ދުވަހު، މަސްޖިދުލް އަގްސާ އަށް ވަދެ، އެ ހަރަމްފުޅުގެ ހުރުމަތް ކެނޑި މައްސަލަ އަށެވެ.

އިތަމާރު، މަސްޖިދުލް އަގްސާ އަށް ވަނުމާ ގުޅިގެން، ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ އިޒްރޭލު ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަން ފަށައިފަ އެވެ. އެ މުޒާހަރާތައް ހުއްޓުވުމަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ހަތިޔާރުގެ ބޭނުންކުރުމުން، މި މަހުގެ 26 ވަނަ ދުވަހު ފަލަސްތީނުގެ 10 މީހުން ޝަހީދުވި އެވެ.

އެކަމަށް ބަދަލު ހިފުމުގެ ގޮތުން ފަލަސްތީނުގެ މުޖާހިދުން ވަނީ އިރުމަތީ ގުދުސްގައި ޔަހޫދީން ވަޒަންވެރިވެގެން އުޅޭ ސަރަހައްދުތަކަށް ހަމަލާ ދޭން ފަށައިފަ އެވެ. އެ ގޮތުން މި މަހުގެ 27 ވަނަ ދުވަހު ފަލަސްތީނުގެ މުޖާހިދަކު ވަނީ އިރުމަތީ ގުދުސްގައި ހުރި ޔަހޫދީ ފައްޅިއެއްގެ ކައިރިއަށް އެއްވެ އުޅުނު އިޒްރޭލުގެ އާންމުންގެ ބައެއްގެ ތެރެއަށް ބަޑި ޖަހައި ހަތް މީހަކު މަރާލައިފަ އެވެ.