Roadha Mihaaru
ތުރުކީން ބްލިންކެންއަށް ލިބުނީ ނާއުންމީދީ ޖަވާބެއް

ތުރުކީން ބްލިންކެންއަށް ލިބުނީ ނާއުންމީދީ ޖަވާބެއް

06 ނޮވެމްބަރ 2023

ފަލަސްތީނުގެ ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ކުރަމުންދާ ހަނގުރާމަ އަށް ތާއީދު ހޯދުމަށް، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ކުރައްވަމުން ގެންދަވާ ދަތުރުގައި، ތުރުކީ އަށް ވަޑައިގެން ހުސް ދެއަތާ ނުކުންނަވަން ޖެހިވަޑައިގެންފި އެވެ.

ފަލަސްތީނުގެ ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ކުރަމުންދާ ހަނގުރާމަ އަށް ތާއީދު ހޯދުމަށް، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ކުރައްވަމުން ގެންދަވާ ދަތުރުގައި، ތުރުކީ އަށް ވަޑައިގެން ހުސް ދެއަތާ ނުކުންނަވަން ޖެހިވަޑައިގެންފި އެވެ.

އިޒްރޭލާއި ޖޯޑްން އަށް ކުރެއްވި ދަތުރަށް ފަހު ބްލިންކެން މިއަދު ހެނދުނު ވަޑައިގަތީ ތުރުކީ ވިލާތުގެ ވެރިރަށް އަންކަރާ އަށެވެ. ތުރުކީ ވިލާތުގެ ޚާރިޖީ ވަޒީރު ހާކާން ފީދާންއާ އެކުގައި ބޭއްވި މަޝްވަރާތަކަށް ފަހު، ބްލިންކެން ނުކުމެވަޑައިގަތީ ނާއުންމީދާ އެކު މޮޅިވެރިކަމެއްގައި ކަމަށް ތުރުކީގެ ނޫސްތަކުން ބުނެ އެވެ.

ދެ ގައުމުގެ މަސްލަހަތާ ގުޅުން ހުރި ކަންކަމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ނަމަވެސް، މައިގަނޑު ގޮތެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ބެހޭ ގޮތުންނެވެ. ބައްދަލުވުމަށް ފަހު އާންމު އުސޫލުން ނޫސްވެރިންނާ ބައްދަލުކުރެއްވި ނަމަވެސް، މިއަދު އެފަދަ ބައްދަލުވުމެއް ނުބާއްވައި، ބްލިންކެން ވަޑައިގަތީ އެވެ.

ތުރުކީގެ ނޫސްތަކުން ބުނި ގޮތުގައި ބްލިންކެންގެ މި ދަތުރުގައި ތުރުކީގެ ޚާރިޖީ ވަޒީރުގެ ކިބައިން އެންމެ ބޮޑަށް އެދިވަޑައިގަތީ، ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ ރައްޔިތުން މިނިވަންކުރުމަށް ހަމާސްއަށް ބާރުއަޅައިދިނުމަށެވެ. ނަމަވެސް ތުރުކީ ވިލާތުގެ ޚާރިޖީ ވަޒީރު، ބްލިންކެން އަށް ދެންނެވި ގޮތުގައި ރަހީނުން މިނިވަން ކުރުމަކީ ދެ ފަރާތުން ވެސް ކުރަންޖެހޭނެ ކަމެކެވެ.

އެ ގޮތުން ހަމާސް އިން ރަހީނުކޮށްފައި ތިބި އިޒްރޭލު މީހުން މިނިވަންކުރުމަށް ބާރުއަޅާ އަޅާއިރު، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އަސީރުން މިނިވަންކުރަންޖެހޭނެ ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު ބްލިންކެން އަށް ދެންނެވި އެވެ. އޭގެ އިތުރުން ބްލިންކެންގެ އަރިހުގައި ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވި ކަމަށް، ނޫސްތަކުން ބުނެފައިވަނީ އެއްވެސް ޝަރުތަކާ ނުލައި ހަނގުރާމަ ހުއްޓައިލަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ހަނގުރާމަ ހުއްޓާލާފައި އޮންނަ އޮތުން އެ ގޮތުގައި ދެމެހެއްޓޭނެ ބައިނަލްއަގުވާމީ ނިޒާމެއް އެކުލަވައިލުމަށް ވެސް ތުރުކީން އެދޭކަން ބްލިންކަން އަށް ދެންނެވި އެވެ. އަދި އެފަދަ ނިޒާމެއް ގާއިމުކުރާ ނަމަ، ފަލަސްތީނު ރައްޔިތުންގެ ފަރާތުން ތުރުކީ ވިލާތް އެކަމުގައި ޖާމިނުވާނެ ކަމަށް ވެސް ތުރުކީ ޚާރިޖީ ވަޒީރު ދެންނެވި އެވެ.

ނަމަވެސް ހަނގުރާމަ ހުއްޓައިލުމާ ބެހޭ ގޮތުން ބްލިންކެން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އޭގެ ބަދަލުގައި އޭނާ ދެއްކެވީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑައިލުމުގެ ވާހަކަ އެވެ.

އެހެންކަމުން، އެއީ ޣައްޒާގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ކަންތައްތަކަށް ބަލާއިރު، އެދެވޭ ހައްލެއް ނޫން ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު، ބްލިންކެން އަށް ދެންނެވި އެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ގާޒާ އަށް ދިން ހަމަލާގައި އިމަރާތްތައް ބިމާ ޙަމަވެފައި.

އިޒްރޭލުން ގާޒާ އަށް ދިން ހަމަލާގައި އިމަރާތްތައް ބިމާ ޙަމަވެފައި.

އިޒްރޭލުން ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތައް ދެ ވަނަ މަހަށް ފެށިގެން ދިޔައިރު، ފަލަސްތީނުގެ 9770 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 4800 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2600 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2200 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޒަޚަމްވި މީހުންގެ އަދަދު މިހާތަނަށް 26000 އަށް ވުރެ މައްޗަށް އަރާފައިވާ އިރު، އޭގެ ތެރޭގައި 6300 އަށް ވުރެ ގިނަ ކުޑަކުދިންނާއި 4800 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އޮކްޓޫބަރު 7ގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިޒްރޭލު ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 345 އަށް އަރައިފަ އެވެ. އަދި އޮކްޓޫބަރު 27 ވަނަ ދުވަހު އެއްގަމު ސިފައިން ޣައްޒާ އަށް ވަދެގަތުމަށް ފަހު ކުރަމުންދާ ހަނގުރާމައިގައި، ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު ވަނީ 29 އަށް އަރައިފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1600 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5400 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 345 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.