15 ނޮވެމްބަރ 2023
ފަލަސްތީނުގެ ޣައްޒާގެ އުތުރުކޮޅުގައި ހުންނަ އައް-ޝިފާ ހޮސްޕިޓަލު ހިސާރުކޮށްގެން ތިބޭތާ ފަސް ދުވަސް ފަހުން، ފުރިހަމަ ހަތިޔާރާއެކު އިޒްރޭލު ސިފައިން ރޭ އެ ހޮސްޕިޓަލަށް ވަދެގަނެ، ތަންތަން ބަލައި ފާސްކުރުމަށް ފަހު، އެ ހޮސްޕިޓަލުގައި ތިބި ވަކިވަކި މީހުންނާ ސުވާލުކޮށް ތަހުގީގު ކުރަން ފަށައިފި އެވެ.
ފަލަސްތީނުގެ ޣައްޒާގެ އުތުރުކޮޅުގައި ހުންނަ އައް-ޝިފާ ހޮސްޕިޓަލު ހިސާރުކޮށްގެން ތިބޭތާ ފަސް ދުވަސް ފަހުން، ފުރިހަމަ ހަތިޔާރާއެކު އިޒްރޭލު ސިފައިން ރޭ އެ ހޮސްޕިޓަލަށް ވަދެގަނެ، ތަންތަން ބަލައި ފާސްކުރުމަށް ފަހު، އެ ހޮސްޕިޓަލުގައި ތިބި ވަކިވަކި މީހުންނާ ސުވާލުކޮށް ތަހުގީގު ކުރަން ފަށައިފި އެވެ.
ރޭ ދަންވަރު އިޒްރޭލު ސިފައިން ޝިފާ ހޮސްޕިޓަލަށް ވަދެގަތީ، ސިފައިންގެ ބުލްޑޯޒަރުތަކާއި ޓޭންކުތައް ބޭނުންކޮށްގެން އެ ހޮސްޕިޓަލުގެ ދޮރު ވައްޓާލައިފަ އެވެ. ޓޭންކުތަކާއި ބުލްޑޯޒަރުތައް ހޮސްޕިޓަލުގެ ގޯތި ތެރެއަށް ވަދެގަތުމަށް ފަހު، އިޒްރޭލު ސިފައިން ހޮސްޕިޓަލުގެ ހަ އިމާރާތަށް ވަދެ އެންމެ ފުރަތަމަ ބަލައި ފާސްކުރީ އެ އިމާރާތްތަކުގެ ބޭސްމެންޓެވެ.
އެއަށް ފަހު ހޮސްޕިޓަލުގެ އިމާރާތްތަކުގައި ހުރި ކޮންމެ ކޮޓަރިއަކާއި ކޮންމެ ހޯލަކަށް ވަދެ އެ ތަންތަން އެފުށްމިފުށަށް ޖަހައި ބަލައި ފާސްކުރި އެވެ. އަދި ހޮސްޕިޓަލުގައި އިލެކްޓްރޯނިކް ދޮރުތަކެއް ބެހެއްޓުމަށް ފަހު، ފަހަރަކު މީހަކު އެ ދޮރުގެ ތެރެއިން ވެއްދުމަށް ފަހު، ތަފާތު ސުވާލުތައް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުން ބުނެ އެވެ.
ހޮސްޕިޓަލުގައި ތިބި މީހުންނާ އިޒްރޭލު ސިފައިން ސުވާލު ކުރަމުން އަންނަނީ ހަމާސްގެ ހަނގުރާމަވެރިންނާ ބެހޭ ގޮތުންނެވެ. އަދި ހަމާސްގެ ވަކިވަކި މެމްބަރުންނާ ބެހޭ ގޮތުންނާއި އެއިން މީހަކު އެ ހޮސްޕިޓަލުން ފެނުނުތޯއާއި، ހަމާސްގެ ހަނގުރާވެރިން އެ ހޮސްޕިޓަލުގެ ތެރޭގައި ފިލައި އުޅެނީ ކޮން ތަންތަނެއްގައިތޯ ވެސް އިޒްރޭލު ސިފައިން ސުވާލު ކުރި އެވެ.
ޝިފާ ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ވަދެގަތީ، އެ ތަނުގެ އަޑީގައިވާ ބިންގަރާސްތަކެއްގައި ހަމާސްގެ ހަނގުރާމަވެރިން އުޅޭ ކަމަށާއި، އިޒްރޭލު ސިފައިންނަށް ހަމަލާ ދިނުމަށް ބިންގަރާސްތަކުން މައްޗަށް އަރަނީ ހޮސްޕިޓަލުގެ ތެރޭގައި ހުންނަ ދޮރުތަކަކުން ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އިޒްރޭލު ސިފައިން އެ ހޮސްޕިޓަލަށް ވަދެގަނެ ބަލައި ފާސްކުރަމުން ދާތާ 12 ގަޑިއިރަށް ވުރެ ގިނައިރު ވީއިރު ވެސް، އެ ކުރާ ތުހުމަތުތަކަށް ބާރު ލިބިދޭ އެއްވެސް ހެއްކެއް މިހާތަނަކަށް ނުފެނެ އެވެ.
އެ ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުން ބުނާ ގޮތުގައި، އެ ހޮސްޕިޓަލުގައި ތިބި ސިއްހީ ޚިދުމަތްތެރިންނާއި ބަލިމީހުންނާއި ޒަޚަމްވެފައި ތިބި މީހުންނާ ވެސް އިޒްރޭލު ސިފައިން ގެންދަނީ ސުވާލު ކުރަމުންނެވެ. ތަހުގީގު ކުރުމަށް ކަނޑައަޅާފައި ހުންނަ ކޮޓަރިއަށް ކޮންމެ މީހަކު ވަކިން ވައްދަނީ ހޮސްޕިޓަލު ތެރޭގައި މިހާރު ހަރުކޮށްފައި ހުރި އިލެކްޓްރޯނިކް ދޮރާށިތަކުގެ ތެރެއިން ލާފައި ގެންގޮސްގެންނެވެ.
ހޮސްޕިޓަލަށް ވަދެގަތުމަށް ފަހު، އެ ތަނުގެ ތެރޭގައި އިލެކްޓްރޯނިކް ދޮރާށިތަކެއް ބެހެއްޓީ، ހޮސްޕިޓަލުގައި އުޅޭ އެއްވެސް މީހެއްގެ އަތުގައި އެއްވެސް ބާވަތެއްގެ ހަތިޔާރެއް އޮވެދާނެ ކަމުގެ ބިރަށެވެ.
ޝިފާ ހޮސްޕިޓަލުގެ ތެރެއަށް ވަދެގަނެ ތަހުގީގު ކުރަމުން ދާއިރު، ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދުގައި އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ މުޖާހިދުންނާ ދެމެދު ރެއިން ފެށިގެން ވަރަށް ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އޭގެ އިތުރުން ޣައްޒާ ސިޓީގެ އުތުރުގައިވާ ސަރަހައްދުތަކަށް އިޒްރޭލު ސިފައިން ރެއިން ފެށިގެން ގެންދަނީ ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.
އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 39 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 11500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 29300 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޒަޚަމްވި މީހުންގެ 70 އިންސައްތަ އަށް ވުރެ މަތީ ނިސްބަތަކީ އަންހެނުންނާއި ކުޑަކުދިންނެވެ. ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 3600 އަށް ވުރެ މަތިވެފަ އެވެ.
އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 190 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2570 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. އަދި 2400 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފަ އެވެ.
ޣައްޒާ ހަނގުރާމައިގައި މަރުވި އަދަދު 18000 އަށް
ޔަހޫދީ ސިފައިން ކަމާލް އުދުވާން ހޮސްޕިޓަލް ހިސާރުކޮށްފި
ޝިފާ ހޮސްޕިޓަލުގެ ބޮޑު އިމާރާތް ސުންނާފަތި ކޮށްލައިފި
ޣައްޒާގެ ޝިފާ ހޮސްޕިޓަލަށް ޔަހޫދީ ސިފައިން ވަދެގެންފި
މިހާރު ޣައްޒާގެ ޝިފާ ހޮސްޕިޓަލަކީ ގަބުރުސްތާނެއް
އިޒްރޭލަކީ ލެޔަށް ދަތިވެތިވެފައިވާ ބައެއް: އަޒްހަރު
އިޒްރޭލުގެ އަމާޒަކީ ޣައްޒާގެ އާންމުން މަރައި ހުސްކުރުން
ގުދުސް ހޮސްޕިޓަލް ގޮއްވާލާނެ ކަމުގެ ބިރު ބޮޑުވަނީ
މިސްކިތް، ފައްޅި، ހޮސްޕިޓަލްތަކަކީ އިޒްރޭލުގެ އަމާޒު
ގާޒާގެ ހޮސްޕިޓަލަށް ހަމަލާ ދިނީ ރާވައިގެން ގަސްތުގައި