Roadha Mihaaru
ލަންކާގައި ހިނގި ކުރިމަތިލުމެއްގައި 15 މީހުން މަރު

ލަންކާގައި ހިނގި ކުރިމަތިލުމެއްގައި 15 މީހުން މަރުވެއްޖެ

27 އެޕްރީލް 2019

ކޮލަމްބޯ (އެޕްރީލް 27) - ސްރީ ލަންކާގައި މިދިޔަ އާދީއްތަދުވަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ޝައްކުކުރެވޭ މީހުން ހޯދަން އެ ގައުމުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަނގުރާމަވެރިން ކަމަށް ތުހުމަތު ކުރެވޭ ބަޔަކާ ދެމެދު ހިނގި ކުރިމަތިލުމެއްގައި 15 މީހުން މަރުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮލަމްބޯ (އެޕްރީލް 27) - ސްރީ ލަންކާގައި މިދިޔަ އާދީއްތަދުވަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ޝައްކުކުރެވޭ މީހުން ހޯދަން އެ ގައުމުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަނގުރާމަވެރިން ކަމަށް ތުހުމަތު ކުރެވޭ ބަޔަކާ ދެމެދު ހިނގި ކުރިމަތިލުމެއްގައި 15 މީހުން މަރުވެއްޖެ އެވެ.

ލަންކާގެ ނޫސްތަކުން ބުނީ އެ ގައުމުގެ ދެކުނުގައިވާ ބަޓިކަލޯލާގެ ސައިންތަަމަތުތޫ ނަމަކަށް ކިޔާ ސަރަހައްދުގައި ފުލުހުންނާ ހަނގުރާމަވެރިންނާ ދެމެދު ބަޑީގެ ހަމަލާތައް ބަދަލުކުރި ތަނުން މަރުވެފައިވާ 15 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި ހަ ކުޑަކުދިންނާއި ތިން އަންހެނުންގެ ހަށިގަނޑު ހިމެނޭ ކަމަށެވެ.

އެ ކުރިމަތިލުންތައް ހިނގީ އީސްޓާ ހަމަލާތަކުގެ އެންމެ އިސް މީހާ ކަމަށް ބެލެވޭ ޒަހްރާން ހާޝިމީގެ ގެޔާ ދުރުނޫން ހިސާބެއްގަ އެވެ.

އީސްޓާ ހަމަލާއާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ މީހުން ހޯދަން ލަންކާ ފުލުހުން އަންނަނީ އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ހިންގި އެހެން އޮޕަރޭޝަނެއްގައި ލަންކާ ފުލުހުން ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ދިދަތަކަކާއި ހަތިޔާރުހަދަން ބޭނުންކުރެވިދާނެ ތަކެތި ހޯދާފަ އެވެ.

ލަންކާގައި އިތުރު ޓެރަރިސްޓް ހަމަލާތަކެއް ދީފާނެ ކަމަށް ބެލެވޭ ކަމަށް ބުނެ ލަންކާގައި ތިބޭ އެމެރިކާ ސަރުކާރުގެ މުވައްޒަފުން އެ ގައުމު ދޫކޮށް ދާން އެމެރިކާއިން ވަނީ އަންގައިފަ އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ލަންކާގައި ހަމަލާތައް ދޭން ޓެރަރިސްޓް ގްރޫޕްތަކުން ރާވަމުން އަންނަ ކަމަށާއި ކޮންމެ ވަގުތަކު ވެސް ހަމަލާތަކެއް ދީފާނެ ކަމަށެވެ.

އެގޮތުން ދޭ ހަމަލާތައް ޓޫރިސްޓުން ގިނައިން އުޅޭ ތަންތަނަށާއި ދަތުރުފަތުރުގެ ނިޒާމާއި ހޮޓާތަކާއި އަޅުކަން ކުރާ ތަންތަނަށް އަމާޒުކޮށްފާނެ ކަމަށް ވެސް އެމެރރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުންޏެވެ.

ނަސޯރާއިން އީސްޓާ ފާހަގަކުރަނިކޮށް މިދިޔަ އާދީއްތަ ދުވަހު ލަންކާގެ ހޮޓާތަކަކަށާއި ފައްޅިތަކަކަށް ދިން ބޮމުގެ ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. އެހަމަލާތަކުގެ ޒިންމާ އައިއެސް އިން ވަނީ އުފުލައިފަ އެވެ.