Roadha Mihaaru
އަރާމު ނިންޖަކަށް ކުރެވިދާނެ ބައެއް ކަންކަން

އަރާމު ނިންޖަކަށް ކުރެވިދާނެ ބައެއް ކަންކަން

02 ފެބުރުއަރީ 2023

ރަނގަޅު ސިއްހަތެއްގައި ތިބުމަށް، ނިދި ހަމަކުރުމަކީ މުހިންމު ކަމެކެވެ. ކޮންމެ ދުވަހަކު މަދުވެގެން 7-8 ގަޑިއިރުގެ ނިދި އިންސާނަކަށް ބޭނުންވާ ކަމަށް ސިއްހީ ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ. އެކަމަކު ގިނަ މީހުންނަށް ނިދުމަށް އެހާ ވަގުތު ލިބޭ ކަމަކަށް ނުވެ އެވެ. އަނެއް ބަޔަކަށް، ނިދަން މާ އުނދަގުލީ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރަނގަޅު ސިއްހަތެއްގައި ތިބުމަށް، ނިދި ހަމަކުރުމަކީ މުހިންމު ކަމެކެވެ. ކޮންމެ ދުވަހަކު މަދުވެގެން 7-8 ގަޑިއިރުގެ ނިދި އިންސާނަކަށް ބޭނުންވާ ކަމަށް ސިއްހީ ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ. އެކަމަކު ގިނަ މީހުންނަށް ނިދުމަށް އެހާ ވަގުތު ލިބޭ ކަމަކަށް ނުވެ އެވެ. އަނެއް ބަޔަކަށް، ނިދަން މާ އުނދަގުލީ އެވެ.

މިއީ ނިދަން އުނގުވާ ނަމަ ކޮށްލެވިދާނެ ބައެއް ކަންކަމެވެ.

ކިރުތައްޓެއް ބޯލުން

މީހަކު ކިރުތަށްޓެއް ބޮނީ

މީހަކު ކިރުތަށްޓެއް ބޮނީ

ޑޮކްޓަރުން ލަފާދޭ ގޮތުގައި ކޮންމެ ދުވަހަކު ނިދުމުގެ ކުރިން ކިރުތައްޓެއް ބޯ ނަމަ، އޭގައި ހުންނަ ރަނގަޅު އެސިޑްގެ ބާވަތަކުން ދުވާލުގެ ވަރުބަލިކަން ފިލުވާލަދީ، ނިދުމަށް އެހީއަކަށްވާނެ އެވެ.

ފައި މަސާޖުކުރުން

ކޮންމެ ރެއަކު ނިދުމުގެ ކުރިން 2-5 މިނޭޓާ ދެމެދުގެ ވަގުތަކަށް ފައިގެ ދަށްފުށް ލުއިކޮށް މަސާޖުކޮށްލުމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ. އެ މީހުން ބުނާ ގޮތުން، ދަށް ފައިގެ ޕްރެޝަ ޕޮއިންޓްތަކުގައި މަސާޖުކުރުމުން ވަރަށް ބޮޑު ލުޔެއް ލިބި ރަނގަޅަށް ނިދާލެވޭނެ އެވެ.

ކާބޯހައިޑްރޭޓްގެ ބާވަތްތައް ނުކެއުން

ސްޕެގެޓީ: މިއީ ކާބޯހައިޑްރޭޓް ގިނައިން އެކުލެވޭ ކެއުމެއް

ސްޕެގެޓީ: މިއީ ކާބޯހައިޑްރޭޓް ގިނައިން އެކުލެވޭ ކެއުމެއް

ނިދާ ވަގުތާ ކައިރިކޮށް، ކާބޯހައިޑްރޭޓް އެކުލެވޭ ބާވަތުގެ ކެއުންތައް ބޭނުން ކުރުމުން ހަޖަމުކުރަން އުނދަގޫވާނެ އެވެ. އެހެންވެ، ރޭގަނޑު ކެއުމުގައި ޕާސްތާ، ބާގަ، ރޮށި ފަދަ ކާބޯހައިޑްރޭޓް ގިނައިން އެކުލެވޭ ކެއުންތަކުގެ ބަދަލުގައި، ހަޖަމްކުރަން ފަސޭހައަށް ސިއްހަތަށް ފައިދާހުރި ލުއި ޑައިޓެއް ބޭނުން ކުރަން ސިއްހީ ބޭފުޅުން ލަފާދެއްވަ އެވެ.

ފެންވެރުން

ރޭގަނޑު ނިދުމުގެ ކުރިން ތާފަނާ ފެނުން ފެންވަރާލުމަކީ ވެސް އަރާމުގައި ނިދާލެވޭނެ ކަމެކެވެ. އެކަމުގެ ސަބަބުން ދުވަހުގެ ވަރުބަލިކަން ފިލުވައިދީ ސިކުނޑި ވެސް ތާޒާކޮށްދޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މި ކަންކަމާ ދުރުހެލިވޭ

ކޮންމެ ދުވަހަކު ވެސް ނިދަން އޮށޯތުމުގެ ކުރިން ފޯނާއި، ލެޕްޓޮޕް އަދި ޓީވީ ނިއްވާލައި ނުވަތަ އެ ތަކެއްޗާ ދުރުވެ، ސިކުނޑި އަރާމުކޮށްލަން ވަގުތު ދޭށެވެ. ސިކުނޑީގެ ސެލްތައް ރިލެކްސް ވުމުން، ރޭގަނޑު އަރާމު ނިންޖެއް ލިބި، އެއްވެސް ވަރުބަލިކަމެއް ނެތި އަނެއް ދުވަސް ފެށޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ނިދާއިރު ފޯނާ ކުޅޭ ނަމަ ސިކުނޑި ވަރުބަލިވެ ނިދަން އުނދަގޫވޭ

ނިދާއިރު ފޯނާ ކުޅޭ ނަމަ ސިކުނޑި ވަރުބަލިވެ ނިދަން އުނދަގޫވޭ

ތަޖުރިބާކާރުން ބުނާ ގޮތުގައި ދުވަހުން ދުވަހަށް ދިރިއުޅުމުގައި މި މުހިއްމު އާދަތައް ގެންގުޅުމުން ރަނގަޅު ނިންޖެއް ލިބޭނެ އެވެ.