Roadha Mihaaru
ހަމަ ނިދި ލިބޭ ނަމަ އުރަމަތީ ކެންސަރާ ދުރުކޮށްދޭ

ހަމަ ނިދި ލިބޭ ނަމަ އުރަމަތީ ކެންސަރުގެ ނުރައްކާ ކުޑަވޭ

02 ޖުލައި 2019

ރަނގަޅަށް ނިދައި ފަތިހު ހޭލާ އަންހެނުންނަށް އުރަމަތީ ކެންސަރުގެ ނުރައްކާ ކުޑަ ތަންކޮޅެއް ދަށްވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ރަނގަޅަށް ނިދައި ފަތިހު ހޭލާ އަންހެނުންނަށް އުރަމަތީ ކެންސަރުގެ ނުރައްކާ ކުޑަ ތަންކޮޅެއް ދަށްވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ދިރާސާގައި އިސްކޮށް ހުންނެވި، އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ބްރިސްޓޮލްގެ ޕްރޮފެސަރެއް ކަމަށްވާ ކެރޮލީން ރެލްޓަން ވިދާޅުވީ ނިންޖަކީ ސިއްހަތަށް ވަރަށް މުހިންމު ކަމެއްކަން އެއީ ސުވާލެއް ނޫން ކަމަށާއި އުރަމަތީ ކެންސަރާ ބެހޭ ގޮތުން ކުރި މި ދިރާސާ އިން ވެސް އެކަން އެނގޭ ކަމަށެވެ.

މި ދިރާސާ އިން އެނގުނު ގޮތުގައި އެކަށީގެންވާ މިންވަރަކަށް ނިދައި އަވަހަށް ހޭލާ އަންހެނުންނަށް އުރަމަތީ ކެންސަރު ޖެހުމުގެ ނުރައްކާ އޮންނަ މިންވަރަށް ވުރެ، ރޭގަނޑުގެ ނިދީގެ އާންމު މިންވަރު ކަމަށްވާ 7-8 ގަޑިއިރަށް ވުރެ ގިނައިން ނިދާ އަންހެނުންނަށް އުރަމަތީ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑަށް އޮވެ އެވެ.

ނިންޖާ އުރަމަތީ ކެންސަރާ ގުޅުން ހުރި ކަމަށް ދިރާސާ އިން ދެއްކި ކަމުގައި ވިޔަސް މިހެން ދިމާވާނީ ކީއްވެ ކަމެއް މި ދިރާސާގައި ބަލައިފައެއް ނުވެ އެވެ.

ދިރާސާގައި ބައިވެރިވެ ވަޑައިގެންނެވި އެހެން ތަޖުރިބާކާރެއް ކަމަށްވާ އީވާ ޝާންހެމާ ވިދާޅުވި ގޮތުގައި ނިންޖާ ކެންސަރާ ގުޅެނީ، ނިދި ހަމަނުވުމުން އިންސާނާގެ ބަޔޮލޮޖިކަލް ކްލޮކް އޮޅުންބޮޅުން ވެގެން ކަމަށް ވެދާނެ އެވެ. މިގޮތަށް ދިމާވުމުން، ހަށިގަނޑުގެ ވަގުތާއި މާހައުލުގެ ވަގުތާ ދިމާނުވެ ހަށިގަނޑުގެ މަސައްކަތްތައް އޮޅުންބޮޅުންވެ އެވެ. އެގޮތުން، ހަށިގަނޑުގެ ދިފާއަށް މަސައްކަތްކުރާ މުހިންމު ހޯމޯނެއް ކަމަށްވާ މެލަޓޮނިން އުފެއްދުމަށް ވެސް ހުރަސްތަކާ ކުރިމަތިވެ އެވެ.

"ހަށިގަނޑުގައި މެލަޓޮނިން މަދުވެއްޖެ ނަމަ ސިއްހީ މައްސަލަތައް ހަށިގަނޑަށް ދިމާވާން ފަށާނެ،" ނިންޖާ ބެހޭ، އެމެރިކާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ޑެނިއެލް ބަރޯން ވިދާޅުވި އެވެ.

ނަމަވެސް ތަޖުރިބާކާރުން ވިދާޅުވީ ނިންޖާ އުރަމަތީ ކެންސަރާ ގުޅުން ހުރީ ވަރަށް ކުޑަކޮށް ކަމަށާއި މި ދިރާސާ އަކީ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ހާމަވި ދިރާސާއެއް ނޫން ކަމަށެވެ.

މީގެ ކުރީގެ އެކި ދިރާސާތަކުގައި ވެސް ދައްކާފައިވާ ގޮތުން، ނިދި މަދުވުމަކީ ހަކުރު ބައްޔާއި ލޭމައްޗަށް ދިއުން ފަދަ ސިއްހީ އެކި މައްސަލަތައް ކުރިމަތި ކުރުވާ ކަމެކެވެ.