Roadha Mihaaru
ޕްރައިމަރީއަށް ފަހު ދެ ރައީސުން އެއްތަނަކުން

ޕްރައިމަރީ އަށް ފަހު ފުރަތަމަ ފަހަރަށް ދެ ރައީސުން އެއް ތަނަކުން

01 ފެބުރުއަރީ 2023

އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަމާއި ހަމަނުޖެހުން ބޮޑު ރިޔާސީ ޕްރައިމަރީގެ އިންތިހާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް ރޭ އެއްތަނަކުން ބައްދަލުކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދެ ރައީސުން ބައްދަލު ކުރެއްވީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

އެ ރަސްމިއްޔާތުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ސަލާން ކުރެއްވި އެވެ. އެކަމަކު، ބައްދަލުވުމުގެ ތެރެއިން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ފެނިވަޑައިގަތުމުން ސަލާން ކުރެއްވުން ފިޔަވައި މާ ގިނަ ވާހަކަތަކެއް ދެއްކެވި ތަނެއް ނުފެނެ އެވެ.

އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހަފުލާގައި ނަޝީދާއި މިނިސްޓަރު ފައްޔާޒު ބައިވެރިވެވަޑައިގަންނަވަނީ.

އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހަފުލާގައި ނަޝީދާއި މިނިސްޓަރު ފައްޔާޒު ބައިވެރިވެވަޑައިގަންނަވަނީ.

ދެ ރައީސުންގެ އިތުރުން ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނާއި ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވެސް ހަފުލާގައި ބައިވެރިވެވަޑައިގަތެވެ.

މި ސަރުކާރާ އެންމެ ގާތް ގައުމު ކަމަށްވާ އިންޑިއާގެ ހަފުލާގައި ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ތިއްބެވީ އެއް މޭޒެއްގަ އެވެ. ދެ ބޭފުޅުން ކޮންމެވެސް ވަރަކަށް ވާހަކަފުޅު ދައްކަވައި ސަމާސާ ކުރައްވާ ތަން އެ ހަފުލާ އިން ފެނުނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ އިސް އެއް މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވާ ފައްޔާޒާއި ނަޝީދާ ދެ ބޭފުޅުންގެ ދެމެދުގައި ވަރަށް ގިނަ ކަންކަމުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ. ބައެއް ފަހަރު އެކި ކަންކަމުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ވެސް ދެއްވަ އެވެ.

ސަރުކާރު ވެރިކަމާ ހަވާލުވި އިރު ވަރަށް ކައިރިން މަސައްކަތް ކުރެއްވި ރައީސް އާއި ނަޝީދު މިހާރު ވަނީ ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރުން ހުއްޓާލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް-- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް-- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީ އެތެރޭގެ އިންތިހާބުތަކުން ރައީސް އާއި ނަޝީދުގެ ކެންޑިޑޭޓުން ނެރެގެން އެ އިންތިހާބުތައް ރައީސްގެ ފެކްޝަނުން ކާމިޔާބު ކުރުމަށް ފަހު މިދިޔަ ހޮނިހިރު ދުވަހު ދެ ބޭފުޅުން ވާދަ ކުރެއްވި ރިޔާސީ އިންތިހާބުގައި ރައީސް ވަނީ ނަޝީދު ބަލި ކުރައްވައިފަ އެވެ.

ރިޔާސީ ޕްރައިމަރީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނީ 61 ޕަސެންޓެވެ. ނަޝީދަށް ހޯއްދެވުނީ 39 ޕަސެންޓެވެ.

ރިޔާސީ ޕްރައިމަރީގެ ނަތީޖާ ނަޝީދު ގަބޫލުފުޅު ކުރެއްވި ނަމަވެސް އެ އިންތިހާބު ކުރިޔަށް ދިޔައީ ވަރަށް ބޮޑަށް އޮޅުވާލައި ގަޑުބަޑު ކޮށްގެން ކަމަށް ނަޝީދު ފެކްޝަނުން ތުހުމަތު ކުރެ އެވެ.

ނަޝީދުގެ މިސްރާބު މިހާރު ހުރީ އެމްޑީޕީގެ އެތެރެއިން ފިކުރެއްގެ ދިރުންގެ ނަމުގައި ސިޔާސީ ހަރަކާތެއް ކުރިޔަށް ގެންގޮސް ވަކި ގޮފިތަކެއް އުފެއްދުމަށެވެ. އަދި ޕާޓީގައި ސަރުކާރަށް ތާއީދު ނުކުރާ ފަރާތްތަކުން އެ ފެކްޝަނާ ގުޅުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.