Roadha Mihaaru
ކުރިމަގެއް ނެތް، ނޭޕާލް ކުޅުންތެރިން އެހެން ދިމާލަކަށް

ނޭޕާލް ފުޓްބޯޅަ ހުސްކަމަކަށް: ކުރިމަގެއް ނެތުމުން ކުޅުންތެރިން އެހެން ވަޒީފާތަކަށް

01 ފެބުރުއަރީ 2023

ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި ފަހަކަށް އައިސް އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ގައުމު ކަމަށްވާ ނޭޕާލުގެ ކުޅުންތެރިން، ކުޅުން ހުއްޓާލައި އޮސްޓްރޭލިއާ އަށް ދިރިއުޅުން ބަދަލުކުރަން ފެށުމުން، ނޭޕާލުގެ ފުޓްބޯޅަ އަށް ހުސްކަމެއް އަތުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި ފަހަކަށް އައިސް އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ގައުމު ކަމަށްވާ ނޭޕާލުގެ ކުޅުންތެރިން، ކުޅުން ހުއްޓާލައި އޮސްޓްރޭލިއާ އަށް ދިރިއުޅުން ބަދަލުކުރަން ފެށުމުން، ނޭޕާލުގެ ފުޓްބޯޅަ އަށް ހުސްކަމެއް އަތުވެއްޖެ އެވެ.

ނޭޕާލުގެ ނޫހަކުން ރިޕޯޓްކުރި ގޮތުގައި މިދިޔަ އަހަރު އެކަނި ވެސް 35 ކުޅުންތެރިން އޮސްޓްރޭލިއާ އަށް ހިޖުރަކޮށްފައިވާ ކަމަށެވެ. އެ ކުޅުންތެރިން އޮސްޓްރޭލިއާ އަށް ބަދަލުވަނީ، ފުޓްބޯޅަ ކުޅުންތެރިންނަށް ވާތީ ފަސޭހައިން ވިސާ ލިބޭތީވެ އެވެ.

ވަގުތީ ވިސާ ނަގައިގެން އާއްމު ވަޒީފާތަކަށް ގޮސް، ހަފުތާ ބަންދުގައި އޮސްޓްރޭލިއާގައި އޮންނަ ކުދިކުދި ކޮމިއުނިޓީ މުބާރާތްތަކުގައި އެ ކުޅުންތެރިން ކުޅެ އެވެ. އެގޮތަށް ލިބޭ އާމްދަނީ، ނޭޕާލުގައި ކުޅެގެން ލިބޭ އާމްދަނީ އަށް ވުރެ ބޮޑެވެ. އެ ކުޅުންތެރިންގެ ދެ ވަނަ ހަރުފަތަކީ ކޯހެއްގައި ބައިވެރިވުމެވެ. އޭރުން ސްޓޫޑަން ވިސާ ލިބި، އަދި ރަށްވެހިކަން ހޯދަން ފަސޭހަވެ އެވެ.

ނޭޕާލް ފުޓްބޯޅައިގެ ތަޖުރިބާކާރު ސަންޖީބް މިޝްރާ އެ ގައުމުގެ ނޫހަކަށް ބުނި ގޮތުގައި، ހުނަރުވެރި ކުޅުންތެރިން، އެ ކުޅުންތެރިންގެ ކެރިއަރުގެ އެންމެ މުހިއްމު ހިސާބުގައި ކުޅުން ހުއްޓާލައި ގައުމު ދޫކޮށްލުމަކީ ބޮޑު ދެރައެއް ކަމަށެވެ.

"އެކަމަކު އެ ކުޅުންތެރިންގެ ވިސްނުމުން ބަލާއިރު މިކަމުގައި ގޯހެއް ނެތް. ނޭޕާލުގައި އޮތީ ސެމީ ޕްރޮފެޝަނަލް ލީގެއް. އެކަށީގެންވާ އާމްދަނީ އެއް ނުލިބޭ ކުޅެގެން،" އޭނާ ބުންޏެވެ.

"އެހެންވިޔަސް އަހަރެން ދެކޭ ގޮތުގައި ގައުމަށް ހިދުމަތްކޮށްގެން ހޯދާ ފައިސާ އިން ލިބޭ ހިތްހަމަޖެހުމެއް އެގޮތަށް ގޮސް ވަޒީފާއެއް އަދާކޮށްގެން ލިބޭ އާމްދަނީ އަކުން ނުލިބޭނެ. އެ ކުޅުންތެރިންނަށް ނަމެއް ލިބުނީ މި ކުޅިވަރުން، އެކަމަކު މިއަދު އެ ނަން ބޭނުންކޮށްގެން އެހެން ގައުމަކަށް އެ ހިޖުރަކުރަނީ."

2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ދަގަނޑޭ (ކ) އަތުން ބޯޅަ ހޯދަން ނޭޕާލް ކުޅުންތެރިއަކު މަސައްކަތްކުރަނީ. --މިހާރު ފައިލް ފޮޓޯ

2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ދަގަނޑޭ (ކ) އަތުން ބޯޅަ ހޯދަން ނޭޕާލް ކުޅުންތެރިއަކު މަސައްކަތްކުރަނީ. --މިހާރު ފައިލް ފޮޓޯ

ނޭޕާލް ކުޅުންތެރިން އޮސްޓްރޭލިއާ އަށް ބަދަލުވާން ފެށީ، އެ ގައުމުގެ މަޝްހޫރު ކުޅުންތެރިޔާ ޖަގްޖީތު ޝްރެސްތާ 2016 ވަނަ އަހަރު އެގޮތަށް އަމަލުކުރުމުންނެވެ. އޭނާގެ ފަހަތުން ސުލާބް މަސްކޭ، ހެމާން ގުރުންގް އަދި އެލަން ނޮޕާން ގޮސް އޮސްޓްރޭލިއާ އަށް ގޮސް ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް އުޅެން ފެށުމުން، އެހެން ކުޅުންތެރިން ވެސް އެގޮތް ބޭނުންވީ އެވެ.

ޝްރެސްތާ ބުނި ގޮތުގައި، ކުޅެގެން އަސާސީ ބޭނުންތައް ނުފުއްދޭން ފެށުމުން ކުޅިވަރަކީ ކުރިމަގު ކަމަށް ދެކޭ ދެކުން ހުއްޓޭނެ ކަމަށެވެ. ނޭޕާލުގެ ފުޓްބޯޅަ އޮތީ މިސްރާބު އޮޅިފައި ކަމަށާއި މުބާރާތްތަކުގެ ދާއިމީ ކަލަންޑަރެއް ވެސް ނޯންނަ ކަމަށެވެ.

"އަނެއްކާ އިންފްލޭޝަން މަތިވެ ތަކެތީގެ އަގުމަތިވާއިރު މުސާރަ ބޮޑެއް ނުވޭ. ގައުމު ދޫކޮށްދާ ކުޅުންތެރިން ކުށްވެރިކުރާކަށް އަހަރެން ބޭނުމެއް ނޫން،" އޭނާ ބުންޏެވެ.

ނޭޕާލަށް ފުޓްބޯޅައިން ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށްވާ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ރަން މެޑަލް ހޯދި 23 އަހަރުން ދަށުގެ ޓީމުގެ އަށް ކުޅުންތެރިޔަކު ވަނީ އޮސްޓްރޭލިއާ އަށް ބަދަލުވެފަ އެވެ. ނޭޕާލުގެ ކުރީ ޖީލުގެ ކުޅުންތެރިން ރިޓަޔާކުރަން ގާތްވެ، އާ ކުޅުންތެރިންނަށް ބޭނުން ޖެހިފައި އޮއްވާ ޒުވާން ކުޅުންތެރިން ގައުމު ދޫކޮށް ދާން ފެށުމުން ފުޓްބޯޅަ ފެޑެރޭޝަން އޮތީ ހަދާނެ ގޮތެއް ނޭނގިފަ އެވެ.

ނޭޕާލުގެ ކޯޗެއް ކަމަށްވާ މެގްރަޖް ކޭސީ ބުނީ އާ ކުޅުންތެރިންނާ އެކު ލީގު ކުރިއަށް ގެންދެވިދާނެ ކަމަށާއި އެކަމަކު މޮޅު ކުޅުންތެރިން ނެތް ނަމަ ގައުމީ ޓީމަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ. ބައެއް ކުޅުންތެރިންނަށް ބޮޑު މުސާރަ ހުށަހެޅި ނަމަވެސް މަޑުކުރާ ހިޔާލެއް ނެތެވެ. ސަބަބަކީ މުސާރައިގެ އިތުރުން، އޮސްޓްރޭލިއާ އިން ލިބޭ އެހެން ހިދުމަތްތައް ރަނގަޅުވުމެވެ. ކުދިންގެ ކިޔެވުމާއި ދިރިއުޅުމުގެ އެހެން ކަންކަން ވެސް ނޭޕާލާ ބަލާއިރު އޮސްޓްރޭލިއާގައި އެތައް ގުނައެއް މައްޗެވެ.

ހަލުވި، ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދި ނޭޕާލަށް މިހާތަނަށް ސަރަހައްދުގެ ސީނިއާ ފެންވަރުގެ ތަށްޓެއް ނުހޯދެ އެވެ. އެކަމަކު މިދިޔަ 15 އަހަރަށް ބަލާއިރު ބޮޑު ކުރިއެރުމެއް ހޯދި އެވެ. އަދި ރާއްޖޭގައި 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައި، ރާއްޖެ އަތުން ފުރަތަމަ ފަހަރަށް މޮޅެއް ހޯދައި، އަލަށް ފައިނަލަށް ދަތުރުކުރި އެވެ. އެކަމަކު ފައިނަލުން އިންޑިއާ އަތުން 3-0 އިން ބަލިވީ އެވެ.