Roadha Mihaaru
ފައިނަލަކީ އަހަރެންގެ ފަހު މެޗު: ނޭޕާލް ކޯޗު

ފައިނަލަކީ އަހަރެންގެ ފަހު މެޗު: ނޭޕާލް ކޯޗު

13 އޮކްޓޯބަރ 2021

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ބަންގްލަދޭޝްއާ އެއްވަރުކޮށް ފައިނަލުން ޖާގަހޯދި ނަމަވެސް، ފައިނަލް މެޗު ވެގެންދާނީ އޭނާ ނޭޕާލާއެކު މަސައްކަތްކުރާ ފަހު މެޗު ކަމަށް އެ ޓީމުގެ ކޯޗު އަބްދުﷲ އަލް މުތައިރީ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ބަންގްލަދޭޝްއާ އެއްވަރުކޮށް ފައިނަލުން ޖާގަހޯދި ނަމަވެސް، ފައިނަލް މެޗު ވެގެންދާނީ އޭނާ ނޭޕާލާއެކު މަސައްކަތްކުރާ ފަހު މެޗު ކަމަށް އެ ޓީމުގެ ކޯޗު އަބްދުﷲ އަލް މުތައިރީ ބުނެފި އެވެ.

މުތައިރީ ވަނީ މީގެ ކުރިން ވެސް ނޭޕާލް ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާ ދޭން ނިންމައި އެކަން އިއުލާން ކޮށްފަ އެވެ. އޭޕްރީލް 4 ވަނަ ދުވަހު އެއް އަހަރުދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ނޭޕާލާ ހަވާލުވި ނަމަވެސް ޖުލައި 25 ވަނަ ދުވަހު އޭނާ އިސްތިއުފާ ދޭން ނިންމީ ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ޕަންކަޖް ނެމްބަންގް އާ ޖެހުނު މައްސަލައެއްގަ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުތައިރީ ބުނީ، މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމަށް އޭނާ އާއި ޓީމުގެ ކެޕްޓަނަށް ހަޒިރު ނުވެވުނީ އިއްޔެ މެންދުރު 3 ޖެހިއިރު ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމުން ކަމަށެވެ. އަދި ބައްދަލުވުމަށް ހާޒިރު ނުވެވުމުން ނޭޕާލްގެ ބައެއް މީޑީއާތަކުން އޭނާއަށް މެޗު ފިކްސިންގެ ތުހުމަތުކުރި ކަމަށް މުތައިރީ ބުންޏެވެ.

ބަދަލުގައި އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވީ އެ ޓީމުގެ އެސިސްޓެންޓް ކޯޗު ކިރަން އާއި ކުޅުންތެރިޔާ ބިޝާލް ޝްރެސްތާ އެވެ.

"އެއް މީޑިއާއަކުން [ނޭޕާލްގެ] އަހަރެން ޕްރެސް އަށް ހާޒިރުނުވުމުން އެކަމާ ޖޯކު ޖެހި. މީޑިއާ އިން ވެސް ކޯޗަށް އިހުތިރާމް ކުރަން ޖެހޭ. އަހަރެމެންނަކީ ވެސް އިންސާނުން. އަޅުންނެއް ނޫން،" ހިތްހަމަ ނުޖެހި ހުރެ މުތައިރީ ބުންޏެވެ.

"ކަލޭމެން އުފާވޭތަ އަހަންނަށް އެންމެން މެޗު ފިކްސިންގެ ތުހުމަތު ކުރާއިރު؟ އެ ހަބަރުގައި އަހަންނާމެދު ހުރި ކޮމެންޓްތައް ފެނިފައި އަހަރެންގެ 11 އަހަރުގެ ދަރިފުޅު ސުވާލުކުރި މީ ކިހިނެއްވާ ކަމެއް ހޭ. އަހަރެން ކީކޭ ބުނާނީ ދަރިފުޅުގާތު؟ ނޫސްވެރިން ސަމާލުކަން ހޯދަން، މުޑުދާރު ފައިސާ ހޯދަން ލިޔާ އެއްޗެހި"

ނަމަވެސް ފައިނަލް މެޗަށް ފަހު ގައުމީ ޓީމުން ވަކިވާނެކަން މީގެ މަހެއްހާ ދުވަސް ކުރިން ނޭޕާލްގެ ފުޓްބޯޅަ ފެޑެރޭޝަނަށް އަންގާފައި ވާނެ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން މުތައިރީ ބުނީ، ނޭޕާލަށް އައިސް ރައްޔިތުން ގާތު ތިން ކަމަކަށް އޭނާ ވައުދުވި ކަމަށެވެ. އެއީ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލްގެ ތާރީހުގައި މިހާތަނަށް ހޯދި ކާމިޔާބީއަށް ވުރެން ބޮޑު ކާމިޔާބެއް ހޯދުމަށާއި، އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރަށް ޓީމު ގެންދިޔުމުގެ އިތުރުން، ނޭޕާލްގެ ރައްޔިތުން ފަހުރުވެރިވާ ފަދަ ގައުމީ ޓީމެއް ބިނާކުރުން ކަމަށެވެ.

"މިއަދު ނޭޕާލާ މެދު ފަހުރުވެރިވާނީ ހަމައެކަނި ނޭޕާލް ރައްޔިތުނެއް ނޫން. ސާފް ރީޖަންގެ ހުރިހާ ގައުމަކުން ވެސް ނޭޕާލާމެދު މިއަދު ފަހުރުވެރި ވާނެ،" މުތައިރީ ބުންޏެވެ.

"އެކަމަކު ފައިނަލް މެޗު ވާނީ އަހަރެން ނޭޕާލް ޓީމާއެކު ހުންނާނެ ފަހު މެޗަށް. އެއަށް ފަހު ދުވަހަކުވެސް ނޭޕާލާ ހަވާލެއް ނުވާނަން."

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ނޭޕާލްގެ ރޯހިތު ޗާންދު ބުނީ، މިއީ މުބާރާތުގެ ތާރީހުގައި ވެސް ނޭޕާލް ފައިނަލަށް ދިޔަ ފުރަތަމަ ފަހަރު ކަމަށް ވެފައި، ފައިނަލުން މޮޅުވެ މުބާރާތް ކާމިޔާބުކުރެވިއްޖެ ނަމަ ނޭޕާލްގެ ފުޓުބޯޅައަށް އެކި ގޮތްގޮތުން ކުރިއެރުން ލިބޭނެ ކަމަށެވެ.

މިއަދު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަކީ އުނދަގޫވި މެޗެއް ކަމާއި، ނަމަވެސް ފަހުވަގުތު އެއްވަރުކޮށްގެން ފައިނަލަށް ދެވުމުން އުފާވާ ކަމަށް ބުންޏެވެ.