Roadha Mihaaru
ރާއްޖޭގައި ކުޅޭ ފައިނަލަށް ކިރަންގެ ބޮޑު އުންމީދެއް

ގަލޮޅު ދަނޑުގައި ކުޅޭ ފައިނަލަށް ކިރަންގެ ބޮޑު އުންމީދެއް

15 އޮކްޓޯބަރ 2021

މާދަމާ ރޭ ގަލޮޅު ދަނޑުގައި ކުޅޭ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލް މެޗަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ހާއްސަ މެޗަކަށްވާނެ ކަމަށާއި، ނޭޕާލް ނުކުންނާނީ އިންޑިއާ ބަލިކޮށް މުބާރާތް ކާމިޔާބުކުރަން ކަމަށް ނޭޕާލް ޓީމުގެ ގޯލްކީޕަރު އަދި ކެޕްޓަން ކިރަން ޝެމްޝޮންގް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މާދަމާ ރޭ ގަލޮޅު ދަނޑުގައި ކުޅޭ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލް މެޗަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ހާއްސަ މެޗަކަށްވާނެ ކަމަށާއި، ނޭޕާލް ނުކުންނާނީ އިންޑިއާ ބަލިކޮށް މުބާރާތް ކާމިޔާބުކުރަން ކަމަށް ނޭޕާލް ޓީމުގެ ގޯލްކީޕަރު އަދި ކެޕްޓަން ކިރަން ޝެމްޝޮންގް ބުނެފި އެވެ.

ކިރަން ވަނީ މީގެ ކުރިން ދެ އަހަރު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. އަދި އެންމެ ފަހު އަހަރު ޓީސީއާ އެކު ދިވެހި ޕްރިމިއާ ލީގު ވެސް އޭނާ ކާމިޔާބުކުރި އެވެ.

"ރާއްޖެ އަކީ އަހަރެންގެ ދެވަނަ ގައުމު. ދެ އަހަރު މި ދަނޑުގައި ކުޅެފިން. ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް އަހަރެން އެނގޭނެ. އުންމީދުކުރަނީ ރާއްޖޭގެ ވީހާވެސް ގިނަ ބަޔަކު [މާދަމާރޭ] ދަނޑަށް އައިސް އަހަރެމެންނަށް [ނޭޕާލަށް] ސަޕޯޓް ކޮށްދޭން ކަމަށް." ފައިނަލް މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކިރަން ބުންޏެވެ.

ކިރަން އިތުރަށް ބުނީ، ލީގު ބުރުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗާމެދު މިހާރު ނުވިސްނާ ކަމަށާއި މާދަމާރޭ ފައިނަލުގައި ނުކުންނާނީ ކުރިޔަށް ވުރެ ވަރުގަދަކޮށް، އިންޑިއާ ބަލިކޮށް މެޗު ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށެވެ.

ލީގު ބުރުގައި ނޭޕާލް ބަލިވީ ހަމައެކަނި އިންޑިއާ އަތުންނެވެ. އަދި އެޓީމު ވަނީ ފުރަތަމަ މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުމެ 1-0 އިން މޮޅުވެފަ އެވެ.

މި އަހަރުގެ ފައިނަލަކީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ވެސް ނޭޕާލް ކުޅޭނެ ފުރަތަމަ މެޗެވެ. އެ ޓީމުން ފައިނަލްގެ ޖާގަ ހޯދީ ލީގު ބުރުގެ ފަހު މެޗުގެ ފަހު ވަގުތުކޮޅު ބަންގްލަދޭޝްއާ އެއްވަރު ކޮށްގެންނެވެ.

ނޭޕާލް ހެޑު ކޯޗުގެ ބަދަލުގައި މިއަދުގެ ބައްދަލުވުމުގައި ބައިވެރިވީ އެސިސްޓެންޓް ކޯޗު ކިރަން ޝްރެސްތާ އެވެ. އޭނާ ބުނީ މާދަމާ ރޭގެ ފައިނަލަކީ އުނދަގޫ ވާނެ މެޗެއް ކަމާއި، ކުޅުންތެރިން ދަނޑަށް ނުކުންނާނީ މޮޅުވުމުގެ އިތުބާރާއެކު ކަމަށެވެ.

މިއަދުގެ ބައްދަލުވުން ނިންމާލަމުން ކިރަން ވަނީ އިންޑިއާގެ ފޯވަޑް ފާރޫކް ޗޯދަރީ އަށް ލިބުނު އަނިޔާއަށް އަވަސް ޝިފާއަކަށް އެދިފަ އެވެ. ފާރޫކަށް އަނިޔާވީ ލީގު ބުރުގެ ފަހު މެޗުގައި ދިވެހިރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.