Roadha Mihaaru
މިއީ އެންމެ ވާދަވެރި ސާފް ޗެމްޕިއަންޝިޕް: އިންޑިއާ

މިއީ އެންމެ ވާދަވެރި ސާފް ޗެމްޕިއަންޝިޕް: އިންޑިއާ

15 އޮކްޓޯބަރ 2021

މިއީ މިހާތަނަށް ފެނުނު އެންމެ ވާދަވެރި ސާފް ޗެމްޕިއަންޝިޕް ކަމަށް އިންޑިއާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް، ޝަންމުގަމް ވަންކަޓޭޝް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިއީ މިހާތަނަށް ފެނުނު އެންމެ ވާދަވެރި ސާފް ޗެމްޕިއަންޝިޕް ކަމަށް އިންޑިއާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް، ޝަންމުގަމް ވަންކަޓޭޝް ބުނެފި އެވެ.

މުބާރާތުގެ ފައިނަލުގައި މާދަމާ ރޭ ނޭޕާލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޒޫމް މެދުވެރިކޮށް ބޭއްވި ޕްރެސްގައި އިންޑިއާގެ ކުރީގެ ކެޕްޓަންކަން ވެސް ކުރި ވަންކަޓޭޝް ބުނީ ޓީމުތައް މިހާ ވާދަވެރި ސާފް ޗެމްޕިއަންޝިޕެއް އޭނާ ނުދެކޭ ކަމަށެވެ.

"މިއީ އަހަންނަށް ފެނުނު ފުރަތަމަ ފަހަރު ޓީމުތައް މިހާ ތަފާތުކޮށް ފެންނަ. ހާއްސަކޮށް ސްރީ ލަންކާ. ނޭޕާލް ބަންގްލަދޭޝް ވެސް ފެންނަނީ ވަރަށް ވަރުގަދަކޮށް،" ވަންކަޓޭޝް ބުންޏެވެ. މީގެ ފަސް އަހަރު ކުރިން އަހަރެމެން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު އޮތް ވަރަށް ވުރެ މާބޮޑަށް މިފަހަރު ޓީމުތައް ވަރުގަދަ ވެއްޖެ. ހާއްސަކޮށް ނޭޕާލް އާއި ސްރީ ލަންކާގެ ޓީމުން ކުރިން ނުފެންނަ ކަންތައްތަކެއް ފެނޭ."

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު އިންޑިއާ ކާމިޔާބު ކުރީ 1-0 އިންނެވެ. އޭގެ ކުރިން ވެސް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ނޭޕާލުން ވަނީ މިދިޔަ މަހު އިންޑިއާ ދެކޮޅަށް ދެ މެޗު ކުޅެފަ އެވެ.

"އަހަރެމެން ދެ ޓީމު، ތިން މެޗު ކުޅެފިން އެއީ ދެ ޓީމަށް ވެސް އޮތް ވަރަށް ބޮޑު އެޑްވާންޓޭޖެއް،" ވަންކަޓޭޝް ބުންޏެވެ. "މާދަމާގެ މެޗަކީ ވަރަށް ވަރުގަދަ މެޗެއް. އަދި ދެ ޓީމަށް ވެސް ވަރަށް ބޮޑު މޯޓިވޭޝަނަކަށް ވާނީ ފައިނަލުގައި ކުޅުން."

މާދަމާ ރޭ 8 ޖަހާއިރު ފަށާ މެޗުގައި އިންޑިއާގެ ކޯޗު އީގޯ ސްޓިމަކަށް ބެންޗުގައި ނީދެވޭނެ އެވެ. ގުްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، އޭނާ އަށް ރަތް ކާޑު ދެއްކުމުން ވަނީ ފައިނަލް މެޗަށް ސަސަޕެންޑްވެފަ އެވެ. ޓީމަށް އިރުޝާދު ދޭނީ ވަންކަޓޭޝް އެވެ.

އޭނާ ބުނީ މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ހެދުނު ގޯސްތައް ގުރޫޕް ސްޓޭޖުގެ ފަހު ދެ މެޗުގައި ވަރަށް ބޮޑަށް ރަނގަޅު ކުރި ކަމަށެވެ. ފުރަތަމަ ދެ މެޗުގައި އެ ޓީމު އެއްވަރުވީ ބަންގްލަދޭޝް އަދި ލަންކާ އަތުންނެވެ.

އިންޑިއާ އާއި ނޭޕާލް ތިބެނީ މާލެ އިން ބޭރުގަ އެވެ. އިންޑިއާ ޓީމު ތިބެނީ ބަނޑޮސް އައިލެންޑް ރިސޯޓްގަ އެވެ. ނޭޕާލް ކުރުނބާގަ އެވެ. މިއަދުގެ ޕްރެސް ޒޫމް މެދުވެރިކޮށް ބާއްވަން ޖެހުނީ ވެސް ކަނޑު ގަދަވެގެން އެ ދެ ޓީމަށް މާލޭ ނާދެވުމުންނެވެ.

ވަންކަޓޭޝް ބުނިގޮތުގައި މިއަދުގެ ޓްރޭނިން ނިންމާފައި އެނބުރި ރިސޯޓަށް ކުރި ދަތުރުގައި ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ކުޅުންތެރިންނަށް ހޮޑު ލެވުނު ކަމަށެވެ.