Roadha Mihaaru
ބައްސާމް އޭޝިއާ ފުޓްބޯޅައިގެ ނުފޫޒު ގަދަ މަގާމަކަށް

ބައްސާމް އޭޝިއާ ފުޓްބޯޅައިގެ ނުފޫޒު ގަދަ މަގާމަކަށް

01 ފެބުރުއަރީ 2023

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އެގްޒެކެޓިވް ކޮމިޓީ އަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންތިހާބުވެއްޖެ އެވެ.

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އެގްޒެކެޓިވް ކޮމިޓީ އަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންތިހާބުވެއްޖެ އެވެ.

ކުރިއަށް އޮތް ހަތަރު އަހަރަށް އެ ކޮމިޓީ އަށް ބައްސާމް އިންތިހާބުވީ ބަހުރޭނުގައި މިހާރު ކުރިއަށްދާ އޭއެފްސީގެ ކޮންގްރެސްގަ އެވެ.

ބައްސާމް ވެގެންދާނީ އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން ކުރައްވާނެ ތިން ވަނަ ދިވެއްސަށެވެ. އަނެއް ދެ ބޭފުޅުންނަކީ އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދެވެ.

އޭޝިއާގެ ފުޓްބޯޅައިގެ ނުފޫޒު ގަދަ މަގާމަކަށް ބައްސާމް މި އިންތިހާބުވީ، އެފްއޭއެމް ވަރަށް ބޮޑަށް ދަރަނިވެރިވެ، އެ އެސޯސިއޭޝަނަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވަނިކޮށެވެ. ރާއްޖޭގެ ބައެއް ކުންފުނިތަކަށް އެފްއޭއެމް ދަރައި ކޯޓުގައި މައްސަލަ އޮތްއިރު އެ އެސޯސިއޭޝަނުގެ ކަރަންޓު ބިލު ނުދައްކައިގެން ސްޓެލްކޯ އިން ކަރަންޓު ވެސް ކަނޑާލާފައިވެ އެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭން ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ދެއްވި ފައިސާ ވެސް ހަވާލުކޮށްފައެއް ނުވެ އެވެ.

އެކަމަކު ގިނަ ކްލަބްތައް ބައްސާމުގެ ކޮންޓްރޯލުގެ ދަށުގައި އޮތުމުން އޭނާ އަށް ޗެލެންޖް ކުރާނެ ބަޔަކު ނެތެވެ. އަދި މި ސަރުކާރުގެ ކުރީކޮޅު، އެފްއޭއެމްގެ މައްސަލަ ބަލަން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މަސައްކަތް ކުރެއްވި ނަމަވެސް ފީފާ އާއި އޭއެފްސީގެ އިންޒާރާ އެކު، އޭނާ ވެސް މިހާރު ހުންނެވީ އެފްއޭއެމްއާ ގުޅުން ބޮޑުކޮށެވެ.

ފުޓްބޯޅަ އެސޯސިއޭޝަނެއްގެ ހިންގުމުގެ ތެރެއަށް ސިޔާސީ ނުވަތަ ތިން ވަނަ ނުފޫޒެއް ވަދެއްޖެ ނަމަ ފީފާ އާއި އޭއެފްސީން އެ އެސޯސިއޭޝަނެއް ސަސްޕެންޑްކުރާނެ އެވެ. އެސޯސިއޭޝަނެއްގެ މައްސަލަ ހުށަހެޅޭނީ ކްލަބްތަކަށެވެ. އަދި އެ މައްސަލައެއް ބަލާނީ ފީފާ ނުވަތަ އޭއެފްސީންނެވެ. ބައްސާމަކީ ފީފާ އާއި އޭއެފްސީގެ އިސްވެރިންނާ ގުޅުން ބޮޑު ބޭފުޅެކެވެ.

ވެލެންސިއާގެ މަސްއޫލުވެރިޔާ އަދީލް ޖަލީލްގެ ބޭފުޅެއް ކަމަށްވާ ބައްސާމް އެންމެ ފުރަތަމަ ފުޓްބޯޅައިގެ ތެރެއަށް ނުކުންނެވީ އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުންނެވެ. ނަމަވެސް ރަސްމީކޮށް ކުޅުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި އޭނާ ވަޑައިގެންނެވީ ރާއްޖޭން ބޭރަށް ކިޔަވާ ވިދާޅުވާށެވެ. އޭގެ ފަހުން އެނބުރި ރާއްޖެ ވަޑައިގެން ވެލެންސިއާ ހިންގުމުގެ ތެރޭގައި އުޅުއްވި އެވެ. އޭނާ އެންމެ ފުރަތަމަ އެފްއޭއެމްއާ ގުޅިވަޑައިގަތީ ޖެނެރަލް ސެކްރެޓަރީއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ރައީސްގެ މަގާމަށް ވަޑައިގެން، އޭނާ ވެފައިވަނީ އެ އެސޯސިއޭޝަނުގެ ތާރީހު ދުށް އެންމެ ނުފޫޒު ގަދަ އެއް ރައީސަށެވެ. އޭނާ އަށް ފާޑުކީ ބައެއް ކްލަބްތަކާއި ހިންގުންތެރިން މިހާރު ތިބީ އޭނާއާ އެއްކޮށެވެ.

ބައްސާމްއާ ދެކޮޅަށް ނިއު ރޭޑިއަންޓާއި ވިކްޓްރީން 2018 ގައި ނުކުތް ނަމަވެސް، މާލީ މައްސަލަތަކެއް ކުރިމަތިވެ އެ ދެ ކްލަބަށް އައީ ސަސްޕެންޝަނެކެވެ. އޭގެ ފަހުން ބައްސާމްއާ ދެކޮޅަށް އެއްވެސް ބަޔަކު ނުކުމެފައެއް ނުވެ އެވެ.