Roadha Mihaaru
ވިލިމާލޭގައި ފުޓްބޯޅަ ޓްރެއިނިން ސެންޓަރެއް އަޅަނީ

ވިލިމާލޭގައި ފުޓްބޯޅަ ޓްރެއިނިން ސެންޓަރެއް އަޅަނީ

20 ޑިސެމްބަރ 2019

އޭއެފްސީގެ ރައީސްގެ ހާއްސަ ޕްރޮޖެކްޓެއްގެ ދަށުން ވިލިމާލޭގައި އަޅާ ފުޓްބޯޅަ ޓްރެއިނިން ސެންޓަރުގެ ބިންގާ އަޅައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީގެ ރައީސްގެ ހާއްސަ ޕްރޮޖެކްޓެއްގެ ދަށުން ވިލިމާލޭގައި އަޅާ ފުޓްބޯޅަ ޓްރެއިނިން ސެންޓަރުގެ ބިންގާ އަޅައިފި އެވެ.

އޭއެފްސީ ޕްރެޒިޑެންޓްސް އިންފްރާސްޓްރަކްޗަ އިނީޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން އަޅާ މި ޓްރެއިނިން ސެންޓަރުގެ ބިންގާ އެޅުމަށް އިއްޔެ މެންދުރު ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމަން މި ޕްރޮޖެކްޓްގެ ހަވާލުކޮށްފައިވަނީ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި ޕްރޮޖެކްޓްގެ ދަށުން ޓާފް ބޮޑު ދަނޑަކާއި އެކޮމަޑޭޝަން ބިލްޑިން އަކާއި ފެސިލިޓީ ބިލްޑިންއެއް އެޅުމަށް ވަނީ ނިންމައިފަ އެވެ. ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ހާއްސަކޮށް ހަދާ އެކޮމަޑޭޝަން ބިލްޑިންގައި ދެ ކޮޓަރި ހިމެނޭ އަށް އެޕާޓްމެންޓް އެޅުމަށް ވަނީ ނިންމައިފަ އެވެ. ފެސިލިޓީ ބިލްޑިންގައި ހިމެނެނީ ދެ ޗޭންޖިން ރޫމާއި ފާހަނައިގެ އިތުރުން ރެފްރީންނަށް ހާއްސަ ކޮޓަރި އަކާއި އަކާއި މެޗު ކޮމިޝަނަރަށް ހާއްސަ ކޮޓަރިއެއްގެ އިތުރުން ކުޅުންތެރިންނަށް ހާއްސަ ސަރަހައްދެެކެވެ.

ބައްސާމް ވިދާޅުވީ މި ޕްރޮޖެކްޓާ އެކު ވިލިމާލޭގައި ގާއިމު މި ކުރެވޭ އޭއެފްސީ ފެންވަރުގެ ދަނޑުގައި ދެ ވަނަ އަދި ތިން ވަނަ ޑިވިޝަނުގެ މެޗުތައް ކުޅެވޭނެ ކަމަށެވެ. އަދި ޕްރޮޖެކްޓާ އެކު ގިނަ ވަޒީފާގެ ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެ ކަމަށާއި ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދުމަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ވިލިމާލެ އަކީ އެފްއޭއެމުން ރާވާ ހިންގާ ގިނަ މުބާރާތްތަކަށް ޓީމުތައް ނެރޭ އަވަށެކެވެ. ވިލިމާލެ އަށް ނިސްބަތްވާ މަޝްހޫރު ކްލަބް ވިޔަންސާ ވަނީ ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ވާދައެއް ކޮށްފަ އެވެ. މީގެ ކުރިން ވެސް ވިލިމާލޭގައި ރަނގަޅު ފެންވަރެއްގެ ދަނޑެއް އެޅުމުގެ ވާހަކަތަށް ދެކެވުނު ނަމަވެސް އެކަން އޮތީ ނުކުރެވި އެވެ.

އެފްއޭއެމުން ވަނީ ފީފާ ފޯވާޑް ޕްރޮގްރާމްގެ ދަށުން މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އަޅާ އެފްއޭއެމްގެ އާ އިމާރާތާއި ޓާފް ދަނޑުގެ މަސައްކަތް މިދިޔަ އޮކްޓޫބަރު މަހުގައި ފަށައިފަ އެވެ. އަދި ހުޅުމާލޭގައި އަންނަނީ އެފްއޭއެމްގެ ޓްރެއިނިން ސްކޫލެއްގެ މަސައްކަތްކުރަމުންނެވެ. އެފްއޭއެމުން އެންމެ ފަހުން މައުލޫމާތު ދިން ގޮތުގައި އަންނަ އަހަރު ކުރީކޮޅުގައި އެ ސްކޫލުގެ އަމަލީ ކަންތައްތައް ފެށިގެންދާނެ އެވެ. މިއީ 2018 ވަނަ އަހަރު ބިންގާ އެޅި މަސައްކަތެކެވެ. ތިން މަސް ތެރޭގައި ނިންމަން ތާވަލުކޮށް އޭރު ފެށި މި ޕްރޮޖެކްޓް ލަސްވީ ތަފާތު އެކި ސަބަބުތަކާ ހުރެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.